އިނގިރޭސި ޕްރިމިޔަރ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާއި ނިއުކާސަލް ބައްދަލު ކުރި މެޗު މެންޗެސްޓަރ ޔުނައިޓެޑުން ކާމިޔާބުކޮށްފިއެވެ.

ލީގުގައި ތަފާތު ކުޅުމެއް ދައްކަމުން އަންނަ ނިއުކާސަލް ރޭގެ މެޗުގައި ބަލިވެފައި ވަނީ 2-3ގެ ނަތީޖާއަކުންނެވެ. މިއީ "ނިކަމެތި" ހާލަތެއްގައި އޮތް މެންޗެސްޓަރ ޔުނައިޓެޑުގެ ސަޕޯޓަރުންނަށް ލިބުނު ހިތްހަމަ ޖެހުމެކެވެ.

ޗެމްޕިއަންސް ލީގަށް ކުރަމުން ދިޔަ އުންމީދު ފެނަށް ދިޔުމާއި އެކު ޔޫރަޕާ ލީގަށް ޔުނައިޓެޑުން ކުރަމުން އަންނަ އުންމީދަށްވެސް މިވަނީ އިތުރު އުނދަގުލަކާއި ކުރިމަތި ވެފައެވެ. އަމިއްލަ ދަނޑުގައި ނިއުކާސަލް ބަލި ކުރެވުނު ނަމަވެސް ފައިދާ ގޯލު ތަފާތުން ނިއުކާސަލް އޮތީ ތާވަލުގެ ހަތް ވަނަގައެވެ. މެންޗެސްޓަރ ޔުނައިޓެޑު އޮތީ ތާވަލުގެ އަށް ވަނަގައެވެ.

އަނިޔާގެ ސަބަބުން މުހިންމު ގިނަ ކުޅުންތެރިން ކުޅުމާއި ދުރުގައި ތިބި ޔުނައިޓެޑުން މި މެޗުގައި ޒުވާން ގިނަ ކުޅުންތެރިން ވަނީ ބޭނުން ކޮށްފައެވެ. އަނިޔާގައި ހުރި ނަމަވެސް ކެޕްޓަން ބުރޫނޯ ފެނާންޑޭޒް ރޭގެ މެޗުގެ ބޮޑު ބައެއްގައި ކުޅުނު އިރު، މެޗުގައި ފުރަތަމަ ގޯލު ޖަހާ ލީޑު ނަގާފައި ވަނީވެސް މެންޗެސްޓަރ ޔުނައިޓެޑުންނެވެ. މެޗުގެ 31 ވަނަ މިނެޓުގައި އަމަދް ޑިއަލޯގެ އެހީތެރި ކަމާއި އެކު މި ލަނޑު ކާމިޔާބުކޮށްދީފައި ވަނީ ޒުވާން ކުޅުންތެރިޔާ ކޮބީ މައިނޫއެވެ. މައިނޫ ފާހަގަ ކުރެވިފައި ވަނީ މިހާރު ޔުނައިޓެޑުގައި ހުރި އެންމެ ޕާފޯމެންސް ރަނގަޅު ޒުވާން އެއް ކުޅުންތެރިޔާގެ ގޮތުގައެވެ.

ދެވަނަ ހާފުގައިވެސް ޔުނައިޓެޑުން މޮޅު ކުޅުމެއް ދައްކަމުން ދިޔަ އިރު، މެޗުގެ 49 ވަނަ މިނެޓުގައި ނިއުކާސަލްއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެންތޮނީ ގޯޑަންއެވެ. އޭގެ ކުޑަ އިރުކޮށްޅެއް ފަހުން ޔުނައިޓެޑުގެ ދެވަނަ ލަނޑު މެޗުގެ 57 ވަނަ މިނެޓުގައި ކާމިޔާބުކޮށްދީފައި ވަނީ އަމަދް ޑިއަލޯއެވެ. މި ލީޑާއި އެކު ޔުނައިޓެޑުން ކުޅެމުން ދިޔައިރު، ނިއުކާސަލްއިން ލަނޑެއް ކާމިޔާބު ކުރުމަށް ގިނަ މަސައްކަތް ތަކެއް ވަނީ ކޮށްފައެވެ. އެެހެން ނަމަވެސް ކެޕްޓަން ބުރޫނޯގެ އެހީތެރިކަމާއި އެކު މެޗުގެ 84 ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރަސްމުސް ހޮޖްލަންޑުއެވެ.

މެޗުގެ 90 މިނެޓު ހަމަވެގެން އިތުރަށް ކުޅުނު 6 މިނެޓުގެ ތެރޭގައި ނިއުކާސަލްއިން ވަނީ ފަރަގު ކުޑަކޮށްފައެވެ. ލިބުނު ކޯނަރަކުން މި ލަނޑު ނިއުކާސަލްއަށް ކާމިޔާބުކޮށްދިނީ ލެވިސް ހޯލްއެވެ. ބާކީ ކޮންމެ ޓީމަކަށްވެސް އަދި އެއް މެޗު އޮތް ނަމަވެސް ފައިދާ ގޯލަށް ބަލާނަމަ ޔުނައިޓެޑަށް ލީގުގައި ކުރިއެރުމެށް ލިބޭކަށް ނެތެވެ. އެހެން ނަމަވެސް މި ސީޒަނުގައި ތައްޓެށް ހޯދުމަށް ޔުނައިޓެޑަށް އަދި ފުރުސަތު އެބައޮތެވެ. މި މަހުގެ 25 ވަނަ ދުވަހު އެފް އޭ ކަޕްގެ ފައިނަލް އޮތް އިރު، ވާދަ ކުރަން ޖެހެނީ މިހާރު ލީގު ހޯދުމާ އެންމެ ކައިރީގައި އޮތް މެންޗެސްޓަރ ސިޓީއާއެވެ.