އިސްރާއީލުގެ ފުޓުބޯޅަ އެސޯސިއޭޝަން، ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ފީފާ އިން ސަސްޕެންޑް ކޮށްދިނުމަށް އެދި ފަލަސްތީނުގެ ފުޓުބޯޅަ އެސޯސިއޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އަރިހުގައި އެދިއްޖެއެވެ.

ބެންކޮކުގައި ކުރިއަށްދާ ފީފާގެ 74 ވަނަ ކޮންގްރެސްގައި ފަލަސްތީނުގެ ފުޓުބޯލަ އެސޯސިއޭޝަނުގެ ވެރިޔާ ޖިބްރީލް ރަޖެބް ވަނީ އިސްރާއީލުން ފަލަސްތީނުގެ ބިމަށް ވެރިވެގަނެ ހިންގަމުންގެންދާ ލާއިންސާނީ އަމަލުތަށް ކުއްވެރިކޮށް މިކަމަށް ފީފާގެ ފަރާތުން އެޅެން ހުރި ފިޔަވަޅެއް އަޅައިދިނުމަށް ފީފާގެ ރައީސްގެ އަރިހުން އެދިފައެވެ. އިތުރަށް އޭނާ ބުނެފައިވަނީ އޭނާ ބޭނުންވީ މި މައްސަލަ އިންފަންޓީނޯ އާއި ހަމައަށް ގެންދިޔުމަށް ކަމަށާއި ދެން އިތުރަށް އަޅާނެ ފިޔަވަޅެއް ނުވަތަ ކުރާނެ ކަމެއް އިނގޭނީ ފީފާ އަށް ކަމަށެވެ.

މިކަމާއި ގުޅިގެން އިސްރާއީލުގެ ފުޓުބޯޅަ އެސޯސިއޭޝަނުން ވަނީ މިކަމާއި ދެބަސް ވެފައެވެ. އެ އެ3ސޯސިއޭޝަނުން ބުނެފައިވަނީ އެ މައްސަލައިގައި އެ އެސޯސިއޭޝަނުގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށާއި އެ އެސޯސިއޭޝަނުން ހިންގާ އެއްވެސް ހަރާކާތަކާއި އެ ހުށައެޅުމާއްި އެއްވެސް ގުޅުމެއް ނުވާނެ ކަމަށެވެ.

މި ކަމާއި ގުޅިގެން ފީފާގެ ރައީސް ބުނެފައިވަނީ މި ހުށައެޅުން މުރާޖައުކޮށް އަޅަންޖެހޭ ފިޔަވަޅެއް އެޅުމަށް ފީފާގެ ކައުންސިލްގެ ހާއްސަ ބައްދަލުވުމެއް އަންނަ ޖުލައި މަހުގެ 20 ވަނަ ދުވަހުގެ ކުރިން ބާއްވާ، ނިންމަން ޖެހޭ ކަންތައްތައް ނިންމުމަށްފަހު ދެ އެސޯސިއޭޝަނަށް ވެސް އަންގާނެ ކަމަށެވެ.

ފީފާގެ 74 ވަނަ ކޮންގްރެސްގައި ފީފާގެ ރައީސް ވާހަކަދައްކަނީ -- ފޮޓޯ: ރޮއިޓާސް

ފަލަސްތީނުގެ މި ހުށައެޅުމަށް ދުނިޔޭގެ ބައެއް ބޮޑެތި ބާރުތަކުން ވަނީ ތާއީދުކޮށްފައެވެ. އެގޮތުން އުރުދުންނާއި އީރާނާއި ބްރެޒިލް އަދި ކޮލަމްބިއާގެ އިތުރުން ވެނެޒުއޭލާ ވަނީ މި ހުށައެޅުމާއި އެއްކޮޅަށް ވާހަކަ ދައްކާފައެވެ. އެ ގައުމުތަކުން ބުނެފައިވަނީ ޒުވާން އެތުލީޓުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ފީފާ އިން ވަރަށް ބޮޑު އިސްކަމެއް ދީގެން ބަލާ ކަމެއް ކަމަށާއި އިސްރާއީލުން ފަލަސްތީނުގައި ހިންގަމުން ގެންދާ އަމަލު ތަކަކީ މުޅި އިންސާނިއްޔަތަށް ވެސް ލަތުވެތި އަދި ހުތުރު ކަމެއް ކަމަށާއި އެފަދަ ގައުމެއް ފީފާގެ މެމްބަރު ކަމުގައި ބާއްވަން ތާއީދު ނުކުރާ ކަމަށެވެ.

މީގެ އިތުރުން އިސްރާއީލުގެ މައްސަލަ މިހާރު ވެސް ދުނިޔޭގެ ކޯޓުގައި އެބައޮތެވެ. ނަމަވެސް މިހާތަނަށް އެއްވެސް ފިޔަވަޅެއް އެޅިފައި ނުވާއިރު، އެއީ އެމެރިކާ އިން ދުނިޔޭގެ ކޯޓަށް ބާރުފޯރުވާ ބިރު ދައްކާތީ ކަމަށް ގިނަ ބަޔަކު އަންނަނީ ގަބޫލު ކުރަމުންނެވެ. ފުޓުބޯޅައިގެ ދުނިޔޭގައި އެމެރިކާގެ މާ ބޮޑު ބާރެެއް ނޯންނާނެއެވެ. އެހެންކަމުން މިފަހަރު ޔަހޫދީ އިސްރާއީލު ދިފާއުކޮށް އެމެރިކާއަށް "ބޮސް" ހެދިފައެއް ނޫޅެވޭނެއެވެ.