ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި ކްލަބު ގްރީން ސްޓްރީޓްސް ބަލިކޮށް، ކްލަބު އީގަލްސްއިން ޕޮއިންޓް ތާވަލުގެ ހަތަރު ވަނައަށް ޖެހިލައިފިއެވެ.

މިރޭގެ މެޗަށް ނުކުތް އިރު، އީގަލްސް އޮތީ ކުޅުނު ހަތަރު މެޗުން ފަސް ޕޮއިންޓާއެކު ލީގު ތާވަލުގެ ހަވަނައިގައެވެ. ގްރީން އޮތީ ހަތަރު މެޗުން 10 ޕޮއިންޓާއެކު ތިންވަނައިގައެވެ. މިރޭގެ މެޗުން މޮޅުވި އީގަލްސްއަށް ފަސް މެޗުން އަށް ޕޮއިންޓް ލިބިފައިވާ އިރު، އެޓީމު ވަނީ ށ. ފޯކައިދުއާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށްވުރެ މައްޗަށް ތާވަލުގައި ޖެހިލައިފައެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިރޭ ކުޅުނު މި ހަފްތާގެ އެންމެ ފަހު މެޗުގައި އީގަލްސްއިން ގްރީން ބަލިކުރީ 1-0ގެ ނަތީޖާއަކުންނެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގު: އީގަލްސް އަދި ގްރީން ސްޓްރީޓްސް ބައްދަލު ކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މެޗުގައި ގިނަ ހަމަލާތަކެއް ފެނުނެވެ. ހާއްސަކޮށް އީގަލްސްގެ ފަރާތުން ހަމަލާތައް ގިނަކަން ފާހަގަކޮށްލެވުނެވެ. މެޗުގެ ފުރަތަމަ ހާފްގައި އީގަލްސްއިން ރަނގަޅަށް ކުޅުނު އިރު، އެޓީމުން ވަނީ މެޗުގެ ހަތްވަނަ މިނެޓުގައި ފުރަތަމަ ހަމަލާ އުފައްދާފައެވެ. ބްރެޒިލް ފޯވަޑް ލުއިޒް އެޑުއާޑޯ ފޮނުވާލި ހަމަލާ ބޭރުކޮށްލީ ގްރީންގެ ގޯލް ބަލަހައްޓަމުން ދިޔަ ގޯލްކީޕަރު އިބްރާހީމް ލަބާން ޝަރީފެވެ.

އެ ހަމަލާއިން ލިބުނު ކޯނަރުގައި އީގަލްސް ލީޑު ނެގިއެވެ. އަހުމަދު ރިޒުވާން (ރިޒޭ) ނަގައިދިން ކޯނަރު ގޯލަށް ވައްދާލީ އަހުމަދު ނޫމާން (ހެލްމެޓް)އެވެ. ހެލްމެޓް ވަނީ ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ނެގި ޓީމުގައިވެސް ހިމެނި، ރާއްޖެއާއި އިންޑިއާ ވާދަކުރި ފައިނަލް މެޗުގެ ބޮޑު ބައެއްގައި ކުޅެފައެވެ.

ގޯލަށްފަހުވެސް ފުރަތަމަ ހާފްގައި ހަމަލާތައް އުފެއްދީ އީގަލްސްއިންނެވެ. އެޑުއާޑޯގެ ދެ ހަމަލާއެއް ގޯލްކީޕަރު ލަބާން ދިފާއުކުރި އިރު، އޭނާގެ އިތުރު ހަމަލާއެއް ގޯލް ހުރަސްކޮށް ބޭރަށްވެސް ގޮސްފައިވެއެވެ. ހާފްގެ 25 ވަނަ މިނެޓުގައި، ޑެނިއަލް ޑިކްސަން ނަގައިދިން ބޯޅައަކުން، ރިޒޭ އޭރިއާ ތެރޭގައި ހުރެ ބޮލުން ބޯޅަ ފޮނުވާލި ނަމަވެސް، އެ ބޯޅަ ހުޝިޔާރު ކަމާއެކު ދިފާއުކުރީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ގްރީންގެ ގޯލްކީޕަރު ލަބާނެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގު: އީގަލްސް އަދި ގްރީން ސްޓްރީޓްސް ބައްދަލު ކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ގްރީންއިން މެޗުގައި އުފެއްދި ފުރަތަމަ ހަމަލާ ފެނުނީ 27 ވަނަ މިނެޓުގައެވެ. ހެނާންޑޭޒް އަވީލާ ޖޯޝޭ، އީގަލްސްގެ ޑިފެންޑަރު ކައިރިން ނައްޓާލުމަށްފަހު ފޮނުވާލި ހަމަލާ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ. އެ ހަމަލާއަށްފަހު ގްރީންއިން ހާފް ނިންމާލީވެސް އިތުރު ހަމަލާއަކާ އެކުގައެވެ. އަލީ ނަސޫހު ދުރުން ފޮނުވާލި ބާރު ހަމަލާ އަތުން ޖައްސާ ބެރުކޮށްލީ އީގަލްސްގެ ކެޕްޓަން، ގޯލްކީޕަރު ސުޖަން ޕެރޭރާއެވެ.

ވާރޭގައި ކުޅެމުން ދިޔަ މެޗުގެ ދެވަނަ ހާފްގައި ގްރީންއިން ވަނީ އީގަލްސްގެ އެޓޭކް ހުފެހެއްޓުމަށް ބޮޑު ސަމާލުކަމެއް ދީފައެވެ. އެހެން ނަމަވެސް، އީގަލްސްއިން ކުދި ޕާސްތައް ޖަހައިގެން ގިނަ ހަމަލާތަކެއް އެ ހާފްގައިވެސް އުފެއްދިއެވެ. އީގަލްސްގެ އޮސްޓްރޭލިއާ މިޑްފީލްޑަރު ޑެނިއަލް ދުރުން ފޮނުވާލި ބާރު ތިން ހަމަލާއެއް ލަބާން ދިފާއުކުރި އިރު، މެޗުގެ 62 ވަނަ މިނެޓުގައި ވާތް ފަރާތު އަރިމަތިން، ޑިފެންޑަރު ނައްޓާލުމަށްފަހު ރިޒޭ ފޮނުވާލި ހަމަލާވެސް ދިފާއުކުރީ ލަބާންއެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގު: އީގަލްސް އަދި ގްރީން ސްޓްރީޓްސް ބައްދަލު ކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މެޗުގެ ފަހު ދެ މިނެޓްގައި ގްރީންއިން ބޮޑަށް އެޓޭކް ކުރި ނަމަވެސް، އެޓީމަށް އީގަލްސްގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް ދެން ފަށާނީ އަންނަ ހޯމަ ދުވަހުއެވެ. އެ ދުވަހު ހަވީރު 4:00ގައި އޮންނަ މެޗުގައި ފެހެންދުއާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ވާދަކުރާ އިރު، އަންގާރަ ދުވަހުގެ ރޭ 9:00ގައި އޮންނަ މެޗުގައި ވާދަކުރާނީ ތ. ތިމަރަފުއްޓާ ކްލަބު އީގަލްސްއެވެ.