ދިވެހި ޕްރިމިއާ ލީގަކީ ރާއްޖޭގެ އެންމެ ބޮޑު ލީގެވެ. އަތޮޅު ތެރެއިންނާއި މާލޭގެ އެންމެ ވަރުގަދަ ކްލަބުތައް ވާދަކުރާ ލީގެވެ.

މިއަހަރުވެސް ޕްރިމިއާ ލީގުގައި 10 ޓީމު ވާދަކުރާ އިރު، އޭގެ ތެރެއިން ހަތަރު ޓީމަކީ މިނިވަން ޗެމްޕިއަންޝިޕްއިން ޕްރިމިއާ ލީގަށް ކޮލިފައިވި ޓީމުތަކެވެ. އަނެއް ހަ ޓީމަކީ މާލޭ ލީގުން ކޮލިފައިވި ހަ ޓީމެވެ. ފުރަތަމަ ބުރުގައި 10 ޓީމު ވާދަކުރި ނަމަވެސް، ދެވަނަ ބުރުގައި ލީގުގައި ވާދަކުރާނީ އަށް ޓީމެވެ. ފުރަތަމަ ބުރު ނިމޭ އިރު، އެންމެ ފުލުގައި އޮންނަ ދެ ޓީމު ރެލިގޭޓް ވާނެއެވެ.

ޕްރިމިއާ ލީގު ފެށިތާ އަދި މާ ގިނަ ދުވަހެއް ނުވެއެވެ. ހަވަނަ ހަފްތާގެ ކުޅުން ކުރިއަށްދާ އިރު، ކްލަބުތަކަށް މިހާރުވެސް އެތަކެއް މައްސަލަތަކެއް ދަނީ ކުރިމަތިވަމުންނެވެ. ހާއްސަކޮށް އަތޮޅުތަކުގެ ޓީމުތަކަށް ޕްރިމިއާ ލީގުގައިި ކުޅުން ތަކުލީފަކަށް ވެއްޖެއެވެ. އެ ޓީމުތަކުގެ ހާލަތު އެންމެ ބޮޑަށް އެނގިގެންދަނީ ތަފާތު ބޮޑު ނަތީޖާތަކުންނެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގު: ނިއުރޭޑިއަންޓް އަދި ފެހެންދޫ ބައްދަލު ކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެފްއޭއެމް މެދުވެރިވެ، ލީގު ފެށުމުގެ ކުރިން ކްލަބުތަކާ ރާއްޖޭގެ ކުންފުނިތަކާ ދެމެދު އެއްބަސްވުމެއް ވެވެއެވެ. އެއީ ކޮންމެ ޓީމަކަށްވެސް، ރާއްޖޭގެ ސަރުކާރު ހިއްސާވާ ކުންފުންޏެއް މެދުވެރިކޮށް ފައިސާގެ އިނާޔަތެއް ދިނުމަށެވެ. މިއީ އެގޮތަށް އެކަން ހިނގާތާ ދެވަނަ އަހަރެވެ. އެހެން ނަމަވެސް، މިއަހަރު އެ ކުންފުނިތަކުން ކްލަބަށް ދޭން ޖެހޭ ފައިސާ އެންމެ އެކަށީގެންވާ ގޮތެއްގައި ދިންތަކެއް ނުފެނެއެވެ.

ތިމަރަފުށިން ރޭ ކުޅުނު މެޗުގައި ކްލަބު އީގަލްސް އަތުން ބަލިވީ 9-0ގެ ނަތީޖާއަކުންނެވެ. ތިމަރަފުށީ ޓީމުގެ ސްކޮޑުގައި ކިރިޔާ 11 ކުޅުންތެރިން ހަމަވީއެވެ. ގޯލްކީޕަރަށް އަނިޔާވެ، ބަދަލުކުރަން ގޯލްކީޕަރެއް ނެތުމުން ގޯލަށް އަރަން ޖެހުނީ ފުރަތަމަ 11ގައި ކުޅުމުންދިޔަ ކުޅުންތެރިއެކެވެ. އެވެސް ކްލަބު އީގަލްސްގެ ބަދަލު ގޯލްކީޕަރު ޖާޒީގައެވެ.

"މުބާރާތުގައި ބައިވެރިވީ ޓާގެޓްތަކަކާއެކު. އެކަމަކު ފުލްޓީމުގެ އެތައް ކުޅުންތެރިންނެއް ނުލާ މި ކުޅެންޖެހެނީ. ފަހުން ފެށިފަހުން. ހަމަ އެއް ވާހަކައެއް ދައްކަން މި ޖެހެނީ. ފައިސާގެ ދަތިކަން ހުރީ. މީކީ އާދައިގެ މުބާރާތެއް ނޫން. ޕްރިމިއާ ލީގު ކިޔާފަ މި ބާއްވަނީވެސް. ރަށްރަށުން ޓީމުތައް ގެނެސްގެން މި ކުޅެނީ، އަޅުގަނޑުމެން މިއުޅެނީ ކުއްޖަކު އިންޖަރީވީމަ އެކުދިންގެ މެޑިކަލް ކަންތައްވެސް ހަމަނުޖެއްސިގެން. ލީގުގެ ނަން ބޮޑު، ވަރަށް ރީތި،" ތިމަރަފުށީ ޓީމުގެ އޮފިޝަލަކު ބުންޏެވެ.

ތިމަރަފުށީ އޮފިޝަލު ބުނެފައި ވަނީ ޕްރިމިއާ ލީގުގައި ކުޅުމަށް އައީ ސްޕޮންސާޝިޕް އެގްރީމަންޓްގެ ދަށުން 1.5 މިލިއަން ރުފިޔާ ދޭނެ ކަމަށް ބުނެގެން ނަމަވެސް، އަދި ލިބުނީ އެންމެ ލައްކައެއް ކަމަށެވެ.

"މިއަދު ގޯލްކީޕަރަށް އަނިޔާވެގެން ކުޅުންތެރިޔަކު އަރަން ޖެހުނީ. އޭނާއަށް ބޭސްކުރާނެ ވަރުވެސް ނެތް. ޓީމަށް 11 ކުޅުންތެރިން ފޯނުން ގުޅައިގެންވެސް ނުގެނެވިގެން މިއުޅެނީ. ހަމަކޮށްލަން. ބައެއް ކުޅުންތެރިން އެބަ އާދޭ މެޗު ފެށުން ހަތަރު މިނެޓަށްވީމަ. އަޅުގަނޑުމެންނަކީ މާ ފޯރާ ބައެއް ނޫން. ރަށު ކައުންސިލްވެސް އެއްބާރުލުން އޮތީމަ، އަމިއްލަ ޖީބުން މިހާރު މި ވަރުވެސް މިކުރަނީ،" ތިމަރަފުށީ ޓީމުން ބުންޏެވެ.

ތިމަރަފުއްޓަށް ފައިސާ ދިނުމަށް އެފްއޭއެމްއާ އެއްބަސްވެފައިވާ ކުންފުންޏަކީ މިފްކޯއެވެ. އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒު "ވަގުތު"އަށް ވިދާޅުވީ ސަރުކާރުގެ ތެރެއިން ޓްރާންސިޝަން ދުވަސްކޮޅެއް އައުމާއެކު މިފްކޯއިން ފައިސާ ދިނުމުގައި ދަތިތަކެއް އުޅޭ ކަމަށެވެ. އެހެން ނަމަވެސް އެފްއޭއެމްއިންވެސް އަދި މިފްކޯއިންވެސް ތިމަރަފުށީ ޓީމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެސް ޖަވާ ވިދާޅުވިއެވެ.

ދިވެހި ޕްރިމިއާ ލީގުގައި ނުކުންނަ ތަފާތު ބޮޑު ނަތީޖާތަކާއެކު، ފޯރި ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ. ނިއުއިން މި ހަފްތާގެ ފުރަތަމަ މެޗުގައި ބ. ފެހެންދޫ ކޮޅަށް 11 ގޯލް ޖަހާފައިވާ އިރު، އެޓީމުންވެސް ބުނީ ފައިސާގެ ދަތިކަމާ، ދަތުރުކުރުމުގެ ދަތިތަކެއްވެސް ޓީމަށް ދިމާވި ކަމަށެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގު: ފެހެންދޫ އަދި ފޯކައިދޫ ބައްދަލުކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ޓީމުތަކުގެ މައްސަލަތަކަށް އެނގުންވެގެން ދިޔައީ ސާފް ޗެމްޕިއަންޝިޕަށް ދެ މަހެއްހާ ދުވަހަށް ލީގު މެދު ކަނޑާލުމަށްފަހުގައެވެ. އޭގެ ފަހުން މާލޭ ލީގުގެ ބައެއް ކްލަބުތަކަށްވެސް މާލީ ދަތިކަން ދަނީ ކުރިމަތިވަމުންނެވެ. ރޭގެ މެޗަށްފަހު ވާހަކަ ދައްކަމުން އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ ލީގުގެ ފޯރި ކެނޑި، ކްލަބުތަކަށް ދިމާވާ މާލީ ހާލަތުގެ ދަތިކަމުގެ އެންމެ ބޮޑު ރޯލެއް ކުޅެނީ ސީޒަން ދިގު ލައިގެން ދިއުން ކަމަށެވެ.

"މިދިޔަ އަހަރުން ފެށިގެންވެސް ދައްކަމުން އައި ވާހަކައެއް، މި ގޮތަކަށް ޕްރިމިއާ ލީގު ކުރިއަށް ގެންގޮސްގެން އެއްވެސްކަހަލަ އޮށްޓަރުހުރި ނަތީޖާއެއް ނުނުކުންނާނެ ކަމުގެ ވާހަކަ. މިދިޔަ އަހަރު ތަންކޮޅެއް ރަނގަޅަށް މަސައްކަތް ކުރި. މިއަހަރު ރަށްރަށުން އައި ޓީމުތައް މާ ހާލު ބޮޑުކޮށް މިދަނީ. މާލޭ ޓީމުތައްވެސް ހާލު ބޮޑުކޮށް މިދަނީ. މިއީ ވަރަށް ކަންބޮޑުވާން ޖެހޭ ކަމެއް. މިހާރުއްސުރެވެސް އުޅެގެން، މި ސީޒަން ރަނގަޅު ގޮތެއްގައި ނިންމާލަން މަސައްކަތްތަކެއް ކުރަން އެބަޖެހޭ. ފުޓުބޯޅަ ފޫހިވެގެންދާ ދަނޑިވަޅެއްގައި މިކަހަލަ ކަންތައްތައް ދިމާވުމަކީ މީހުނަށް މާޔޫސްކަން ގެނުވާނެ ކަމެއް. އަދިވެސް ހައްލު ގެނެވޭތޯ މަސައްކަތް ކުރަން ޖެހޭ،" މޯހަން ބުންޏެވެ.

މޯހަން ބުނީ މަޝްވަރާ ކޮށްގެން ނަމަވެސް، މިހާރު އޮތް އެންމެ ފަހި ގޮތެއް ހޯދަން ޖެހޭ ކަމަށާއި، ކުރިއަށް އޮތްތަނުގައި ލީގު ސްޓްރަކްޗާއަށް ބަދަލުވެސް ގެންނަން ޖެހޭ ކަމަށެވެ. ސީޒަން ދިގުލައިގެން ދާ އެއް ސަބަބަކީ މާލޭ ލީގު ކުޅުން ކަމަށާއި، އެ މުބާރާތަކީ ބޭކާރު މުބާރާތެއް ކަމަށް ކުރިންސުރެ ކިޔަމުން އަންނަ ކަމަށްވެސް މޯހަން ބުންޏެވެ.

މޯހަން ފާހަގަކުރީ އަތޮޅު ތެރޭގެ ގިނަ ޓީމުތަކެއް ލައިގެން ކުޅޭ މުބާރާތެއް، ދިގު ދެމިގެން ދިއުމަކީ އެންމެ އެދެވޭ ނަތީޖާ އޭގެން ނުކުންނާނެ ގޮތެއްތޯ ސުވާލު އުފައްދާފައެވެ.

ރާއްޖޭގެ ފުޓުބޯޅަ ސީޒަންގެ އޮނިގަނޑަށް މިދިޔަ ހަތަރު ވަރަކަށް އަހަރުވެސް ދިޔައީ ބަދަލުތަކެއް އަންނަމުންދެއެވެ. އަތޮޅު ތެރޭގެ ފުޓުބޯޅަ ކުރިއެރުވުމަށް މިނިވަން ޗެމްޕިއަންޝިޕް ކުރިއަށް ގެންދަން ފަށާފައިވާ އިރު، އެ މުބާރާތުން ޓީމުތަށް ދިވެހި ޕްރިމިއާ ލީގުގައި ކުޅެން ފެށީ މިދިޔަ ސީޒަނުން ފެށިގެންނެވެ. ޓީމުތަކަށް މާ ބޮޑު ތަފާތެއް ނުދެއްކުނު ނަމަވެސް، އެ ޓީމުތަކެއް ވިދާލި ބައެއް ކުޅުންތެރިން މިހާރު މާލޭ ލީގުގެ ޓީމުތަކަށްވެސް ކުޅެމުންދެއެވެ. އެހެން ނަމަވެސް، ޓީމުތަކަށް ދިމާވާ މާލީ ހާލަތުގެ ގޮން ޖެހުމާއެކު، މިފަހަރުގެ ޓީމުތަކުން އެންމެ އެދެވޭ ކުޅުންތެރިންވެސް ނުފެންނަކަން ފާހަގަކޮށްލެވެއެވެ.