އަންނަ އަހަރު މާލޭ ލީގު، އަދި މިއަހަރުގެ ޕްރެޒިޑެންޓްސް ކަޕް ނުބާއްވަން އެފްއޭއެމްއިން ނިންމައިިފިއެވެ.

އެފްއޭއެމްގެ ސީޒަން ކަލަންޑަރަށް ކޮންމެ ސީޒަނަކަށްވެސް ބަދަލުތަކެއް އަންނަމުންދާ އިރު، މާލޭ ލީގާއެކު އަލުން ދިވެހި ޕްރިމިއާ ލީގު ކުޅެން ފެށީ މިދިޔަ ސީޒަންގައެވެ. މިހާރު މާލޭ ލީގުގެ ގަދަ ހަ ޓީމު، އަދި މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރު ޓީމު ދިވެހި ޕްރިމިއާ ލީގު ކުޅޭ އިރު، އެ މުބާރާތް މި އަހަރު ފާހަގަކޮށްލެވުނީ ފޯރި ކުޑަކޮށެވެ.

ދިވެހި ޕްރިމިއާ ލީގު ފެށިގެން ހަ ހަފްތާގެ ކުޅުން ނިމިފައިވާ އިރު، ސާފް ޗެމްޕިއަންޝިޕަށް ލީގު ދެ މަހެއްހާ ދުވަހަށް މެދުކަނޑާލުމާވެސް އެކުގައި ލީގުގެ ފޯރި ކުޑަވެ، އަތޮޅު ތެރޭގެ ބައެއް ޓީމުތަކުގެ އިތުރުން މާލޭގެ ކްލަބުތަކަށްވެސް މާލި ދަތިތަކާ ކުރިމަތިލާން ޖެހިފައިވެއެވެ. ގިނަ ޓީމުތަކުން ފާހަގަކޮށްފައިވާ ގޮތުގައި މިހާރު ސީޒަންގެ އެންމެ ބޮޑު މައްސަލައަކީ ސީޒަން ދިގުލައިގެން ދިޔުމެވެ. އެ މައްސަލައަށް ހައްލު ހޯދުމަށް އެފްއޭއެމްއިން ވަނީ މިއަހަރުގެ ބާކީ ބައިގެ އިތުރުން އަންނަ އަހަރުގެ ސީޒަން ކަލަންޑަރަށްވެސް ބަދަލުތަކެއް ގެންނަން ނިންމާފައެވެ.

އެ އިދާރާގައި މިއަދު ބޭއްވި ނޫސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، ސީޒަން ކަލަންޑަރަށް ބަދަލުތަކެއް ގެނެސްފައި ވަނީ ކްލަބުތަކާ މަޝްވަރާވެސް ކޮށް، ކްލަބުތަކަށްވެސް ފަސޭހަވާނެ ގޮތަކަށް ކަމަށެވެ.

"ޓެކްނިކަލް ގޮތުން ކްލަބުތަކާވެސް މަޝްވަރާކޮށް، ކްލަބުތަކަށްވެސް ދަތި ނުވާގޮތަށް ބައެއް ބަދަލުތައް މި ގެންނަނީ ސީޒަން ކަލަންޑަރަށް. މިއަހަރަކު ޕްރެޒިޑެންޓްސް ކަޕެއް ނުބާއްވާނަން. އެ ސަބަބަކީ ސީޒަން ކަލަންޑަރަކުގައި މިހާރު ޖާގައެއް ނެތް ޕްރެސިޑެންޓްސް ކަޕް ބޭއްވުމަކަށް. ދެން ކުރިއަށް އޮތްތަނުގައި އެ މުބާރާތް ކުރިއަށްދާނީ ސީޒަންގެ ދެވަނަ މުބާރާތެއްގެ ގޮތުގައި. ބަރޯސާވާނީ ޕްރިމިއާ ލީގުގެ އެންމެ ގަދަ ހަ ޓީމަށް، ނުވަތަ އަދި އިތުރު ދެޓީމާއެކު އަށް ޓީމަށްވެސް ހެދުމުގެ މަޝްވަރާތަކެއް އެބަ ގެންގުޅޭ،" ބައްސާމް ވިދާޅުވިއެވެ.

ބައްސާމް ވިދާޅުވީ އަންނަ އަހަރުގެ މާލޭ ލީގު ނުބާއްވާނެ ކަމަށާއި، ސީޒަން އޯޕެނިންގައި ކުޅެވޭ މެޗުވެސް ހޯމް އެންޑް އަވޭ އުސޫލުން ކުޅެވޭ ދެ މެޗެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ވިސްނާފައިވާ ކަމަށެވެ. އެއީ މިނިވަން ޗެމްޕިއަންޝިޕް މި އަހަރުގެ ޗެމްޕިއަން ތ. ތިމަރަފުށީގެ އިތުރުން މިފަހަރު ޕްރިމިއާ ލީގުގެ ޗެމްޕިއަން ޓީމާއެކު ކުޅޭ ދެ މެޗު ކަމަށްވެސް ބައްސާމް ފާހަގަކުރެއްވިއެވެ. އެގޮތުން އެއް މެޗު މާލޭގައި އަނެއް މެޗު ކުޅޭނީ ތިމަރަފުށީގައެވެ.

ބައްސާމް ވިދާޅުވީ އޭގެ މައިގަނޑު ބޭނުމަކީ އަތޮޅު ތެރޭގެ ފުޓުބޯޅައަށް ހެޔޮ ގޮތްތަކެއް ހޯދުން ކަމަށާއި، އެފްއޭއެމްއިން މިހާރުވެސް އަތޮޅު ތެރެއަށް ފޯކަސް ކޮށްގެން ކުރިއަށްގެންދާ މުބާރާތްތަކުގެ ފޮނިމީރުކަންވެސް ފެންނަމުންދާ ކަމަށެވެ. އެގޮތުން އަތޮޅު ތެރެއިން ވިދާލި ކުޅުންތެރިން، މިނިވަން ޗެމްޕިއަންޝިޕް މެދުވެރިވެގެން އައިސް ގައުމީ ލެވެލްގައި ވިދާލަމުންދާ ކަމަށްވެސް ބައްސާމް ފާހަގަކުރެއްވިއެވެ.

އެފްއޭއެމްގައި މިއަދު ބޭއްވި ޕްރެސްގެ ތެރެެއިން --- ވަގުތު އިމޭޖްސް/ އަހުމަދު އަލީ

އެފްއޭއެމްގެ އެސިސްޓެންޓް ޓެކްނިކަލް ޑިރެކްޓަރު އިހުސާން އަބްދުލްޣަނީ (ސާންތި) މިއަދުގެ ޕްރެސްގައި ވިދާޅުވީ އަންނަ އަހަރުގެ ސީޒަން ފަށާނީ ޔޫތު ޗެމްޕިއަންޝިޕުން ކަމަށާއި، އެ މުބާރާތުގައި އަންނަ އަހަރު ވާދަކުރާނީ 21 އަހަރުން ދަށުގެ ކުޅުންތެރިން ކަމަށެވެ. އެގޮތަށް މުބާރާތުގެ އުމުރުފުރާ ބަދަލުކުރަން ވިސްނީ މިހާރުވެސް ކްލަބުތަކުގައި އޮތް ޓީމު ދެމެހެއްޓުމުގެ ވިސްނުމުގައި ކަމަށްވެސް ސާންތި ފާހަގަކުރެއްވިއެވެ.

އަދި ކުރިއަށް އޮތް ސީޒަންތައް ފަށާނެ ބޮޑު މުބާރާތަކަށްވާނީ ޕްރެޒިޑެންޓް ކަޕް ކަމަށާއި، އޭގެ އެންމެ ބޮޑު ފައިދާއަކީ އޭއެފްސީ ކަޕަށް ތައްޔާރުވާ ޓީމުތަކަށްވެސް މެޗުތަކެއް ލިބިގެން ދިޔުންކަމަށް ސާންތި ފާހަގަކުރެއްވިއެވެ. ސާންތި ވިދާޅުވީ މާލޭ ލީގު އުވާލުމަށްފަހު ޕްރިމިއާ ލީގު ކުޅޭ އިރު، އަންނަ ސީޒަންގައި ޕްރިމިއާ ލީގަށް އަތޮޅު ތެރެއިން ގެންނާނެ ޓީމުތަކުގެ އަދަދާ މެދުވެސް މިހާރު މަޝްވަރާ ކުރަމުންދާ ކަމަށެވެ. ޕްރިމިއާ ލީގުގައި 90 މެޗު ކުޅޭނެ ކަމަށާއި، ޖުމްލަ ސީޒަންގައި ހިމެނޭނީ ބޮޑު ތިން މުބާރާތް ކަމަށްވެސް ސާންތި ފާހަގަކުރިއެވެ. އެއީ ޕްރެޒިޑެންޓްސް ކަޕް، ޕްރިމިއާ ލީގު އަދި އެފްއޭ ކަޕެވެ.

ސާންތި އިތުރަށް ފާހަގަކުރެއްވީ އަންނަ އަހަރު ސީޒަންގެ ކަލަންޑަރުގެ ތެރެއިން އަންނަ ފީފާ ބްރޭކްތަކަށް ބަރާބަރަށް ލީގު މެދު ކަނޑާލާނެ ކަމަށާއި، ގައުމީ ޓީމަށް އެ ދުވަސްތައް ހުސްކުރުމުގެ ވިސްނުން އެބަހުރި ކަމަށެވެ. އަދި ގައުމީ ޓީމަށް ހާއްސަ ސަމާލުކަމެއްދީ، މި ރީޖަންގެ ޓީމުތަކަށްވުރެ ބޮޑަށް، ވަރުގަދަ ޓީމުތަކާ މެދުތައް ކުޅެން ވިސްނާ ކަމަށްވެސް ސާންތި ވިދާޅުވިއެވެ. އަންނަ އަހަރު ކަލަންޑަރު ތެރޭގައި 36 ދުވަސް ގައުމީ ޓީމަށް ހުސްވާނެ ކަމަށާއި، އަންނަ އަހަރު ގައުމީ ޒުވާން ޓީމަށް ގިނަ މުބާރާތްތަކެއް ހުރި ކަމަށްވެސް ސާންތި ފާހަގަކުރެއްވިއެވެ.

އެފްއޭއެމްއިން މިއަދު ބޭއްވި ޕްރެސްގައި އަންނަ ސީޒަންގެ ލީގަށް ގެނައި ބަދަލުތަކާއެކު، ޓީމުތަކަށް ގެންނަން ޖެހޭ ބަދަލުތައްވެސް ވަނީ ހިއްސާކޮށްފައެވެ. އޭގެ އިތުރުން ކުޅުންތެރިންގެ މުސާރައިގެ އޮނިގަނޑެއް ކަނޑައެޅުމާއި، ޓުވާޑްސް ފިއުޗާގެ ދަށުން ހިންގަމުންދާ ހަރަކާތްތައް ފުޅާކޮށް، އަތޮޅު ތެރެއިން ހުނަރުވެރި ކުޅުންތެރިން އުފެއްދުމަށް ކުރަމުންދާ މަސައްކަތް ފުޅާކުރުމަށް ރާވާފައިވާ ޕްލޭންވެސް މިއަދު ނޫސްވެރިންނާ ހިއްސާކޮށްފައިވެއެވެ.