ލިއޮނަލް މެސީ ހުއްޓަސް ނެތަސް އާޖެންޓީނާ ބަލިކުރަން ބޭނުންވާ ކަމަށް، މެސީއާ އެކު ބާސެލޯނާ އަށް ކުޅެމުން އަންނަ ބްރެޒިލްގެ މިޑްފީލްޑަރު ފިލިޕޭ ކުޓީނިއޯ ބުނެފިއެވެ.

މިއަހަރުގެ ޖުލައި މަހު ރަޝިޔާގައި ނިމުނު ވޯލްޑް ކަޕްގެ ދެވަނަ ބުރުން އާޖެންޓީނާ ކެޓިފަހުން އެޓީމުން އެންމެފަހުން އެކުލަވާލި ދެ ސްކޮޑުގައި ވެސް މެސީ ހިމަނާފައެއް ނުވެއެވެ. އާޖެންޓީނާ އާއެކު މެސީ ދެން މެޗުތަކެއް ކުޅޭނެ ކަމަށް ބެލެވެނީ އަންނަ އަހަރުއެވެ.

އެކުވެރިކަމުގެ މެޗެއްގައި އަންނަ އަންގާރަ ދުވަހުގެރޭ ބްރެޒިލް އާއި އާޖެންޓީނާ ބައްދަލުކުރާއިރު ފުޓްބޯޅައިގައި މި ދެ ގައުމަކީ ވަރަށް ވެސް ވާދަވެރި ދެ ގައުމެވެ. މި މެޗަށް ބްރެޒިލް އިން އެކުލަވާލި ސްކޮޑުގައި މެސީއާ އެކު ބާސެލޯނާ އަށް ކުޅެމުން އަންނަ ކުޓީނިއޯ ހިމަނާފައިވާއިރު އޭނާ ބުނީ މެސީ ނެތަސް މި މެޗު ވާނީ ވަރަށް ބޮޑު މެޗަކަށް ކަމަށާއި އިންޓަނޭޝަނަލް ފުޓްބޯޅައިގައި ބްރެޒިލް އާއި އާޖެންޓީނާ އަކީ އެންމެ ވާދަވެރި ދެ ގައުމު ކަމަށެވެ.

"އަހަރެން ބޭނުން އާޖެންޓީނާ ބަލިކުރަން. ވަރިހަމަ މެސީ ހުއްޓަސް ނެތަސް. އަހަންނަށް އެންމެ މުހިއްމީ މި މެޗުގައި ރަނގަޅަށް ކުޅެ މި މެޗުން މޮޅުވުން" ކުޓީނިއޯ ބުންޏެވެ.

އާޖެންޓީނާ ބަލިކުރަން ކުޓީނިއޯ ކެތްމަދުވެފައިވާއިރު އޭނާ ވަނީ ގައުމީ ޓީމުތަކާ ގުޅޭގޮތުން މެސީ އާއި އޭނާއާ ދެމެދު މާގިނަ ވާހަކަތަކެއް ނުދެކެވޭ ކަމަށްވެސް ބުނެފައެވެ.

އާޖެންޓީނާ އާއި ބްރެޒިލް އެންމެފަހުން ބައްދަލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުއެވެ. އެ މެޗު 1-0 އިން ކާމިޔާބުކުރީ އާޖެންޓީނާ އިންނެވެ.