ފަޔަށް ލިބުނު އަނިޔާއަކާއި ގުޅިގެން ސްޕެއިންގެ ބާސެލޯނާއަށް ކުޅެމުން އަންނަ ބްރެޒިލްގެ މިޑްފިލްޑަރ ފިލިޕް ކުޓީނިއޯ ކުޅުމާއި ދުރަށްދާން ޖެހިއްޖެއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ކުޓީނިއޯއަށް އަނިޔާވެފައިވަނީ ލަލީގާގައި ރެއާލް މެޑްރިޑާއި ދެކޮޅަށް ކުޅުނު މެޗުގައެވެ. އޭނާއަށް އަނިޔާވިކަން ހާމަކޮށްފައިވަނީ ބާސާގެ ރަސްމީ ވެބްސައިޓުގައެވެ.

އަނިޔާއާއި ގުޅިގެން ކުޓީނިއޯއަށް ޔުއެފާ ޗެމްޕިއަންސް ލީގުގައި އިޓަލީގެ ޔުވެންޓަސްއާއި ދެކޮޅަށް ކުޅޭ މެޗުގައި އޭނާއަށް ނުކުޅެވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް މިކަން އަދި ޔަގީނެއްނޫނެވެ. އެއީ މިހާރުވެސް ކުޓީނިއޯގެ ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއާއި ގުޅިގެން އިތުރު ޓެސްޓުތަކެއް ހަދަމުންދާތީ އެވެ.

ލޯނު އެއްބަސްވުމެއްގެ ދަށުން ޖަރުމަނުގެ ބަޔާން މިއުނިކުގައި ކާމިޔާބު ސީޒަނެއް ހޭދަކުރުމަށްފަހު ކުޓީނިއޯ އެނބުރި އޭނާގެ ކުލަބަށް އައސިް މިހާތަނަށް ކުޅުނު ފަސް މެޗުގައި ދެ ގޯލު ވަނީ ޖަހާފައެވެ. އަދި އޭނާގެ ފަރާތުން ފެނިގެންދިޔައީ ކުރިޔަށްވުރެ ރަނގަޅު ކުޅުމެކެވެ.

ކުޓީނިއޯ ބާސެލޯނާއަށް ބަދަލުވީ 2018 ވަނަ އަހަރު 145 މިލިއަން ޔޫރޯއަށެވެ. ނަމަވެސް ބާސާގެ ބޯޑަށް އޭރު އޭނާގެ ކުޅުން އެހާ ކަމުދާގޮތެއް ނުވިއެވެ. އެއާއެކު އޭނާ ލޯނު އުސޫލުން ބަޔާން މިއުނިކަށް ދޫކޮށްލިއެވެ. ބަޔާން މިއއުނނިކުގަި ކުޓީނިއޯ ވަނީ އޭނާގެ ކުޅުން ވަރަށް ބޮޑުތަން ރަނގަޅުކޮށްފައެވެ. އެގޮތުން އެ ކުލަބާއެކު ޗެމްޕިއަންސް ލީގެއް އޭނާ ކާމިޔާބުކުރި އިރު ޖަރުމަނު ލީގާއި ސުޕަ ކަޕުވެސް އެ ޓީމު ވަނީ ހޯދާފައެވެ.

ޔުވެންޓަސްގެ ދަނޑުގައި ބާސެލޯނާއާއި ދެކޮޅަށް ކުޅޭ މެޗަށް ރޮނާލްޑޯވެސް ކުޅެވޭނެކަމާ މެދު ވަނީ ޝައްކެއްގައެވެ. އެއ ކޮވިޑު-19 އާއި ގުޅިގެން އެކަހެރިކޮށްފައިވުމާއި ގުޅިގެންނެވެ. ނަމަވެސް މެޗު ފެށުމުގެ 48 ގަޑިއިރުގެ ކުރިން ހަދާ ޓެސްޓުން އޭނާ ނައްސިވެއްޖެނަމަ މި މެޗުގައި އޭނާއަށް ކުޅެވޭނެއެވެ.