ލ. ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބު ބަލިކޮށް، ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަން ޗެމްޕިއަންކަން ހޯދައިފިއެވެ.

ގައުމީ މުބާރާތުގެ އެންމެފަހުން ކުޅުނު ދެ ފައިނަލްގައިވެސް ޕޮލިސް ބަލިވެފައި އޮތް އިރު، ރޭގެ ފޯރި ގަދަ ފައިނަލް ޕޮލިހުން ކާމިޔާބުކުރީ ތިން ސެޓު ދެ ސެޓުންނެވެ.

ކުޅިވަރު އެކުވެނީގެ އެތެރެވެށީ ކޯޓުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ސެޓު ފޮނަދޫން ގެންދިޔައީ 15-25އިންނެވެ. އައިޝަތު މާޖިދާއާއި ޖޫޒާން ޒަރީރު ފަދަ ކުޅުންތެރިންގެ މޮޅު ކުޅުމާއެކު ފޮނަދޫން ފުރަތަމަ ސެޓު ތަފާތު ބޮޑުކޮށް ގެންދިޔަ ނަމަވެސް، ޕޮލިހުން ވަނީ ދެން ޖެހިގެން އައި ދެ ސެޓުންވެސް ގެންގޮސްފައެވެ.

ޕޮލިހުން ދެވަނަ ސެޓު 25-19އިން ގެންދިޔަ އިރު، ތިންވަނަ ސެޓު ގެންދިޔައީ 25-17 އިންނެވެ. ޕޮލިސް ކްލަބުގެ ހައްވާ ރާޝިދާއާއި ޝަހާ ޝަމީމްގެ ކުޅުންވެސް ފާހަގަކޮށްލެވުނެވެ. ހަތަރުވަނަ ސެޓުގައި ޕޮލިހުން ވަރުގަދައަށް ފެށި ނަމަވެސް، ފޮނަދޫން ވަނީ މެޗު ފަސްވަނަ ސެޓަކަށް ގެންދިޔުމަށް ހިތްވަރާއެކު މަސައްކަތް ކޮށްފައެވެ. އެގޮތުން ފޯރިގަދަ ކުޅުމަކަށްފަހު ފޮނަދޫން ސެޓު ގެންދިޔައީ 26-24 އިންނެވެ.

މެޗުގެ ފަސްވަނަ ސެޓު ގަދަކޮށް ފެށީވެސް ޕޮލިހުންނެވެ. ފޮނަދޫގެ ކުޅުންތެރިންގެ އަތުން ގޯސްތަކެއް ހެދެމުން ދިޔަތަންވެސް ފެނިފައިވާ އިރު، އެ ސެޓު ޕޮލިހުން ގެންދިޔައީ 15-08 އަކުންނެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ހައްވަ ---

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ޕޮލިސް ކްލަބުގެ ހައްވާ ރާޝިދާ ހޮވުނު އިރު، އެންމެ މޮޅު އައުޓްސައިޑް އެޓޭކަރަކަށްވެސް ހޮވުނީ އޭނައެވެ. ސެކަންޑް ބެސްޓް އައުޓްސައިޑް އެޓޭކަރަކަށް ފޮނަދޫގެ އައިޝަތު މާޖިދާ ހޮވުނު އިރު، ބެސްޓް މިޑިލް ޕްލޭޔަރަކަށް ހޮވުނީ ވެމްކޯގެ ޝައުފާ އާދަމްއެވެ. ތާޑް ބެސްޓް އައުޓްސައިޑް އެޓޭކަރަކަށް ހޮވުނީ ފޮނަދޫގެ އައިޝަތު ޝައްފައެވެ.

ސެކަންޑް ބެސްޓް މިޑިލް ޕްލޭޔަރަކަށް ފޮނަދޫގެ ހައްވާ ޝަޚާ ހޮވުނު އިރު، މުބާރާތުގެ އެންމެ މޮޅު ސެޓަރަކަށް ހޮވުނީ ފޮނަދޫގެ ސެޓަރު ޖޫޒާން ޒަރީރެވެ. އެންމެ މޮޅު ލިބަރޯއަކަށް ޕޮލިސް ކްލަބުގެ ނުހާ ވަހީދު ހޮވުނު އިރު، މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޕޮލިސް ކްލަބުގެ ހައްވާ ރާޝިދާއެވެ.

މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ޕޮލިސް ކްލަބުގެ އައިމިނަތު ޝަހާ ޝާމިން ހޮވުނު އިރު، އެންމެ މޮޅު ކޯޗަކަށްވެސް ހޮވުނީ ޕޮލިސް ކްލަބުގެ ޚާލިދެވެ.

މިފަހަރުގެ ގައުމީ ވޮލީ މުބާރާތުގެ އަންހެން ޑިވިޝަންގައި ވާދަކުރީ ޖުމްލަ ތިން ޓީމެކެވެ. އެއީ ވެމްކޯއާއި ޕޮލިހުގެ އިތުރުން ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބެވެ.