މިހާރު މާލޭގައި ކުރިޔަށްދާ ފޯނޭޝަންސް ކަޕުގެ ފައިނަލުގައި މިއަދު ސިންގަޕޫރާއި މެލޭޝިޔާ ކުޅުނު މެޗު މެލޭޝިޔާ ކާމިޔާބުކޮއް މުބާރާތުގެ ތަށި އުފުލާލައިފިއެވެ.

މިމަހުގެ 23 ވަނަ ދުވަހު ސޯސަލް ސެންޓަރގައި ފެށިގެން ކުރިޔައްދާ ފޯނޭޝަންސް ކަޕުގެ ފައިނަލް މެޗު މެލޭޝިޔާއިން ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ.

މުބާރާތުގައި މެލޭޝިޔާއިން އައީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ކުޅުނު ފަސް މެޗުގެ ތެރެއިން ބަލިވެފައިވަނީ ހަމަ އެކަނި އަފްޤާނިސްތާނު އަތުންނެވެ. މިމެޗު އަފްޤާނިސްތާނު ކާމިޔާބު ކުރީ ހަތަރު ސެޓުކުޅެ 3 ސެޓު ކާމިޔާބުކޮއްގެންނެވެ. މެލޭޝިޔާ ފައިނަލަށް އައީ ރޭ ސެމީ ފައިނަލުގައި ރާއްޖެ ސީދާ ތިން ސެޓުން ބަލިކުރުމަށް ފަހުގައެވެ.

ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ކޯޗުގެ އިރުޝާދުގެ ދަށުން މި މުބާރާތުގައި ކުޅެމުން އައި ސިންގަޕޫރު ފައިނަލަށް ދަތުރު ކުރީ ސެމީފައިނަލުގައި ލީގު ބުރުގެ ރޭންކިން އެއްވަނަ އަފްޤާނިސްތާނު ބަލިކޮށްގެންނެވެ.

ފައިނަލުގައި ދެޓީމުގެ ފަރާތުން ވަރުގަދަ ކުރިމަތިލުމެއް ފެނިގެން ގޮސްފައިވެއެވެ. ފައިނަލްގެ ސެޓުތައް މެލޭޝިޔާއިން ފަސޭހަ ކަމާއެކު ކާމިޔާބު ކުރީ 20-25، 23-25 އަދި 16-25ގެ ނަތީޖާއަކުންނެވެ.

މި މުބާރާތުގެ އަންހެން ޑިވިޝަންސްގެ ފައިނަލުގައި މިރޭ ސިންގަޕޫރާއި ދެކޮޅަށް ރާއްޖެ ނިކުންނަ އިރު، އަމިއްލަ ގައުމުގައި ކުޅެ ތަށި އުފުލާލަން ދިވެހި ޓީމު އޮތީ ވަރަށް ބޮޑަށް ތައްޔާރަށް ކަމުގައި ޓީމުގެ ކުޅުންތެރިންނާއި ކޯޗު ބުނެއެވެ. ޓީމުގެ އެދުމަކީ ދިވެހި ސަޕޯޓަރުން މުޅި ސޯޝަލް ސެންޓަރ ފުރާލާ ދިވެހި ޓީމަށް ސަޕޯޓު ކޮށްދިނުމެވެ. މިމެޗު ފެށޭނީ މިރޭ 20:30 ގައެވެ.