މި އަހަރު ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތް ކަމުގައިވާ 4 ނޭޝަންސް ކަޕް މިއަދު ސޯޝަލް ސެންޓަރގައި ފަށާނެއެވެ.

މި މަހުގެ 23-27އަށް ކުރިޔަށްދާ މި މުބާރާތުގައި ވާދަކުރާނީ ސިންގަޕޫރާއި، މެލޭޝިޔާއާއި، އަފްޢާނިސްތާނުގެ އިތުރުން ދިވެހިރާއްޖޭގެ ޤައުމީ ވޮލީ ޓީމުއެވެ. މި މުބާރާތުގައި އަންހެން އަދި ފިރިހެން ޓީމުތައް ވާދަކުރާނެއެވެ.

މާލޭގައި ފަށާ މި މުބާރާތުގެ ފުރަތަމަ 2 މެޗުގައިވެސް ރާއްޖެއިން ކުޅޭނީ މެލޭޝިޔާއާއި ދެކޮޅަށެވެ. އަންހެން ބައިގެ ފުރަތަމަ މެޗު މާދަމާ ހަވީރު 16:30 ގައި ކުޅޭއިރު ފިރިހެން ބައިގެ ފުރަތަމަ މެޗު މާދަމާރޭ 20:30 ގައި ކުޅޭނެއެވެ.

މި މުބާރާތް ކުޅުމަށް ހަމަޖެހިފައި ވަނީ ލީގު އުސޫލުންނެެވެ. އެގޮތުން އެއްވަނަ ޓީމު ސެމީ ފައިނަލުގައި ހަތަރު ވަނަ ޓީމާއި ކުޅޭއިރު ދެވަނަ ޓީމާއި ތިންވަނަ ޓީމު ދެވަނަ ސެމީގައި ކުޅޭނެއެވެ. އަންހެން ދިވިޝަންގައި ކުޅޭނީ ތިން ޓީމެވެ. އެއީ ރާއްޖެއާއި މެލޭޝިޔާގެ އިތުރުން ސިންގަޕޫރުއެވެ. އަންހެން ޑިވިޝަންގެ އެއްވަނަ ޓީމު ޑައިރެކްޓްކޮށް ފައިނަލަށް ދާއިރު ދެވަނަ ޓީމާއި ތިންވަނަ ޓީމު ސެމީ ފިނަލް ކުޅޭނެއެވެ.

ރާއްޖޭގެ އަންހެން ޓީމުގެ ދެވަނަ މެޗު ކުޅޭނީ ހުކުރު ދުވަހު ހަވީރު 16:30ގައެވެ. އަދި ފިރިހެން ޓީމުގެ ދެވަނަ މެޗު ހަމަ އެދުވަހުގެ ރޭގަނޑު 20:30ގައި ކުޅޭނެއެވެ. މީ ލީގު ބުރުގައި އަންހެން ޓީމުގެ ފަހު މެޗުނަމަވެސް ފިރިހެން ޓީމު އާދިއްތަ ދުވަހުގެރޭ އަފްގާނިސްތާނާާއި ދެކޮޅަށް ލީގުގެ ފަހު މެޗުކުޅޭނެއެވެ.

މި މުބާރާތުގެ ފައިނަލް މެޗުތަށް ކުޅުމަށް ހަމަ ޖެހިފައިވަނީ މިމަހުގެ 27ވަނަ ދުވަހުއެވެ.