ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގައި ނިއު ރޭޑިއަންޓުން ކުޅުނު ފުރަތަމަ މެޗުގައި ށ. ފޯކައިދޫ ކައިރިން މޮޅުވެއްޖެއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުން ނިއު މޮޅުވީ 2-0 ނަތީޖާއަކުންނެވެ.

މިރޭގެ މެޗުން މޮޅުވެ ނިއު އޮތީ ތާވަލުގެ ހަތަރުވަނައިގައެވެ. 10 މެޗުން އެޓީމަށް ލިބެނީ 21 ޕޮއިންޓެވެ. ލީގުގެ އެއްވަނައިގައި ފުރަތަމަ ބުރުވެސް ނިންމާލި ޓީީސީން ވަނީ 10 މެޗުން 27 ޕޮއިންޓް ހޯދާ، ދެވަނައިގައި އޮތް އީގަލްސްއާ ހަތަރު ޕޮއިންޓަށް ފަރަގު ބޮޑުކޮށްފައެވެ. ތިންވަނައިގައި 10 މެޗުން 22 ޕޮއިންޓާއެކު އޮތީ މާޒިޔާއެވެ.

ފުރަތަމަ ހާފްގައި ދެޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައެވެ. ނިއުގެ އެޓޭކް ހުއްޓުވުމަށް ފޯކައިދޫގެ ޑިފެންސުން ރަނގަޅު މަސައްކަތްތަކެއް ކުރިކަން ފާހަގަކޮށްލެވުނެވެ. ހާއްސަކޮށް އަލީ ފާސިރު (ސެންޓޭ)އާއި ހަމްޒާ މުހައްމަދު (ހަމްޕު) ހިފެހެއްޓުމުގައި ފޯކައިދޫ ޑިފެންސް ފެނުނީ ވަރުގަދަކޮށެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގު: ނިއުރޭޑިއަންޓް އަދި ފޯކައިދޫ ބައްދަލު ކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މެޗުގައި ނިއުއިން ޖެހި ދެ ގޯލްވެސް ޖެހީ ދެވަނަ ހާފްގައެވެ. ދެވަނަ ހާފަށް ނުކުމެ 51 ވަނަ މިނެޓުގައި ލީޑު ނަގާނެ ރަނގަޅު ފުރުސަތެއް ނިއުއަށް ލިބުނެވެ. މުހައްމަދު އުމައިރުގެ ބާރު ހަމަލާއެއް، ފޯކައިދޫގެ ގޯލްކީޕަރު އަތުން ޖައްސާ ބޭރުކޮށްލުމުން، އެ ހަމަލާގެ ރީބައުންސް ބޯޅަ ގޯލަށް ފޮނުވާލަން މަސައްކަތް ކުރީ ސެންޓޭއެވެ. ސެންޓޭއަށް ބޯޅަ ފޮނުވާލުމުގެ ކުރިން އޭނާއަށް އޭރިއާ ތެރެއިން ފައުލް ކުރުމުން ރެފްރީ ވަނީ ޕެނެލްޓީ ދީފައެވެ. އެ ޕެނެލްޓީ ސެންޓޭ ފޮނުވާލި ނަމަވެސް، ގޯލްކީޕަރު ސާގިބު ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ނިއުއިން ލީޑު ނެގީ 57 ވަނަ މިނެޓުގައެވެ. ސެންޓޭ ދިން ބޯޅައަކުން ގޯލް ހުޅުވާލީ ރުވާންޑާގެ ފޯވަޑް އަތޫރޭ ކިޕްސަނއެވެ. ލީޑަށް ފަހު ނިއުއިން ކުޅުން ރަނގަޅުކުރިއެވެ. އެޓޭކްތައް އުފައްދަން ފެށިއެވެ. ހަމްޕުއާއި ކަންޑެލާގެ ފުރުސަތުތައް ފާހަގަކުރެވުނު އިރު، އެ ދެކުޅުންތެރިންގެ ފުރުސަތުތައްވެސް ވަނީ ބޭކާރުވެފައެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގު: ނިއުރޭޑިއަންޓް އަދި ފޯކައިދޫ ބައްދަލު ކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ރޭގެ މެޗުގައި ރެފްރީންގެ ނިންމުންތަކަށް ދެޓީމުންވެސް ފާޑު ކިޔާފައިވެއެވެ. ހާއްސަ މެޗުގެ 78 ވަނަ މިނެޓުގައި ފޯކައިދޫގެ ޑިފެންޑަރު އަހުމަދު ވިޖުދާން (ވިޖޫ)އަށް ދެއްކި ރަތް ކާޑާއެކު ފޯކައިދޫން ވަނީ ވަރަށް ބޮޑަށް ރެފްރީއާ ސުވާލުކޮށްފައެވެ.

ފޯކައިދޫގެ ރަތްކާޑާއެކު ނިއުއަށް އިތުރު ހިތްވަރެއް ލިބުނެވެ. މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ފޯކައިދޫއަށް ދަތިތަކެއް ކުރިމަތިވިއެވެ. މެޗުގެ ފަހު ހާފް ނިމެން ދަނިކޮށް، ސެންޓޭގެ ހިލޭ ޖެހުމެއް ގޯލްގެ ދަނޑިއަށްވެސް އަމާޒުވި އިރު، ފޯކައިދޫން ކުޅުންތެރިޔަކު މަދުކޮށް ކުޅުމުގެ ފައިދާ ނަގައި، ފަހުވަގުތު ނިއުއިން ލީޑު ފުޅާކުރިއެވެ.

ސެންޓޭއަށް އޭރިއާ ތެރެއިން ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނެލްޓީވެސް ކާމިޔާބުކުރީ އޭނައެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ދެން ފެށޭނީ އަންނަ ބުރާސްފަތި ދުވަހުގައެވެ.