މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުން އިންތިޒާމްކޮށްގެން "ސެމިނަރ އޮން ހެލްތް، ނިއުޓްރިޝަން އެންޑް ޑައިޓެޓިކްސް" ނަމުގައި ކުރިއަށް ގެންދިޔަ ސެމިނާ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

އާދީއްތަ ދުވަހު ޗަންޕާ ސެންޓްރަލް ހޮޓެލްގައި ކުރިއަށް ގެންގޮސްފިއިވާ ސެމިނާއަކީ ކުޅިވަރާއި ކަސްރަތުގެ ދާއިރާގައި އުޅުއްވާ ބޭފުޅުންނަށް ދުޅަހެޔޮ ސިއްހަތަކަށް މަގުފަހި ކުރުމާއި، ސްޕޯޓްސް ނިއުޓްރިޝަން އަދި ކުޅިވަރު ކުޅުމުގައާއި ކުޅިވަރަށްފަހު ދިމާވާ ސިއްހީ ގެއްލުންތަކުން ރައްކާތެރިވުމާއި، ކެއުމުގެ ރަގަޅު އާދަތަކަށް ހޭލުންތެރިކަން އިތުރުކުރުން ކަމަށް ސްޕޯޓްސް ކޯޕަރޭޝަނުން މައުލޫމާތު ދެއެވެ.

ސެމިނާގައި މައިގަޑު ގޮތެއްގައި ކިޔަވައި ދެއްވާފައިވަނީ ބޭސިކްސް އޮފް ސްޕޯޓްސް ނިއުޓްރިޝަން، ނިއުޓްރިޝަން ފޯ ޕާފޯމަންސް، އިންޑިވިޖުއަލައިޒްޑް/ ސްޕެސިފިކް ސްޕޯޓްސް ނިއުޓްރިޝަންއެވެ. 20 ބައިވެރިންނާއެކު ކުރިއަށްގެންދިޔަ ސެމިނާގައި ކިޔަވައިދެއްވާފައިވަނީ މެލޭޝިޔާގެ ސެޓިފައިޑް ސްޕޯޓްސް ޑައިޓީޝަން، ތާނިޔާ ލީ ޒޫ ޔާރްއެވެ.

ސެމިނަގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓާ އަލްފާޟިލް އަބްދުއްރައްޒާގު އިބްރާހިމް ވިދާޅުވީ ސެމީނާއިން ދަސްވި މައުލޫމާތުތައް އާންމުންނަށާއި، ކޯސްތަކުގެ ބައިވެރިންނަށާއި، ރައްޓެހިންނަށް ފޯރުކޮށްދިނުމަށެވެ. އަދި ސެމިނާއިންލިބުނު މައުލޫމާތުތަކަކީ މުޖުތަމައުގައި އުޅޭ އެންމެ އާދައިގެ މީހަކަށްވެސް އެނގުން މުހިއްމު ނަމަވެސް އެންމެ އެދެވޭ ގޮތެއްގައި ފޯރުކޮށްދެވިފައި ނުވާ މައުލޫމާތުތަކެއްކަމަށް ވެސް ރައްޒާގު ފާހަގަކުރެއްވިއެވެ.

ސެމިނާ އެންމެ ފުރިހަމަ ގޮތެއްގައި ކުރިއަށް ގެންދިޔުމަށްޓަކައި އެހީތެރި ވެދެއްވާފައިވާތީ ކެލޮރީ ކައުންޓާ މޯލްޑިވްސް އަދި ޗަންޕާ ސެންޓްރަލް ހޮޓެލަށްއަށްވެސް ސްޕޯޓްސް ކޯޕަރޭޝަނުން ވަނީ ޝުކުރު އަދާކޮށްފައެވެ.