ރާއްޖޭގެ ވޮލީބޯޅަ ދުތް އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާއެވެ. ހާއްސަކޮށް ފައިނަލްތަކުގައި ދެވަނައެއް ނެތް ލީޑަރެކެވެ. ސިފައިންގެ ކްލަބުން އެސޯސިއޭޝަން ކަޕް ރޭ ކާމިޔާބުކުރި އިރު، މުބާރާތުގެ މޮޅު ކުޅުންތެރިޔަކީ އަނެއްކާވެސް ސިފައިންގެ ކެޕްޓަން އަހުމަދު އަބްދުލްކަރީމް (ލޯންގޭ)އެވެ.

ރޭގެ ފައިނަލް މެޗުގައި ލޯންގޭގެ ކުޅުން ހާއްސަކޮށް ފާހަގަކޮށްލެވުނު އިރު، މެޗުގައި އޭނާއަށްވެސް އުނދަގޫތަކަކާ ކުރިމަތިވިއެވެ. މުބާރާތް އިއުލާން ކުރިލަތް ލަސްވުމުން ޓީމަށް ފަރިތަކުރުމަށް ލިބުނު ދުވަސްތައް މަދުކަން ކޯޗު މުމްތާޒުވެސް ފާހަގަކުރި އިރު، ރޭގެ މެޗު ފުރިހަމަ ކުރުމަށް ލޯންގޭ ދެއްކި ހިތްވަރަކީ ތަފާތު ހިތްވަރެކެވެ.

އަކުނިވަޔަށް ދެމުމާ ކުރިމަތިލަމުންވެސް މެޗުގެ ފަހު ދެ ސެޓުގައި ލޯންގޭ ނެރުނު ރޫހު ފާހަގަކޮށްލެވުނު އިރު، ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓު ގުގުމަމުންދިޔަ ސިފައިންގެ ސަޕޯޓަރުންވެސް ވަނީ ލޯންގޭގެ ހިތްވަރަށް ސެލިއުޓް ކޮށްފައެވެ. ހާއްސަކޮށް ފަހު ދެ ސެޓުގައި ސަޕޯޓަރުން އެއް ރާގަކަށް އަޑު އުފުލަމުން ދިޔައީ "ލޯންގޭ.. ލޯންގޭ" މިހެން ކިޔަމުންނެވެ.

މުބާރާތަށް ތައްޔާރުވާން މަދު ދުވަސްކޮޅެއް ލިބުނު ނަމަވެސް، އުމުރުން 32 އަހަރުގެ ލޯންގޭ ފެނުނީ ޒުވާން ކުޅުންތެރިންނާ އެއްވަރެއްގެ ފިޓްނަސް ލެވެލްއެއް ގައެވެ. ހާއްސަކޮށް މުޅި މުބާރާތުގައި އޭނާ ވަނީ އެއް ލެވެލްއެއްގައި ކުޅުން ހިފަހައްޓާފައެވެ. ރޭގެ މެޗު ނިމުމާއެކު އަކުނިވަޔަށް ދަމައިގަނެގެން ކޯޓު މައްޗަށް ވެއްޓުނު ލޯންގޭ ބުނީ އޭނާގެ އުމުރުގައި ފިޓްކޮށް ހުރުމަށް ބޭނުން ވަނީ އަމިއްލަ ހިތްވަރު ކަމަށެވެ.

"ކޮންމެ މީހަކުވެސް އަމިއްލައަށް މަސައްކަތްކޮށްފިއްޔާ ކާމިޔާބުވާނެ. އަޅުގަނޑު މަސައްކަތް ކުރަނީ މީހަކު ބުނީމަ މަސައްކަތްކުރާ އުސޫލަކުން ނޫން. އަބަދުވެސް އަޅުގަނޑު އެއް މުބާރާތް ނިމުނީމަ އަނެއް މުބާރާތަށް ތައްޔާރުވުމަށް. ޖިމް ހެދުމާއި ފިޒިކަލް ހެދުމާ ކަންތައްތައް ކުރިއަށްގެންދަން. މިހާރު މީހެއްގެ ފަހަތުން ނުނިކުމެ އަމިއްލަ އަށް މަސައްކަތްކުރީމަ މިތަން މި ފެންނަނީ. އެ ގޮތަށް އަޅުގަނޑު މަސައްކަތްކުރަނީ،" ލޯންގޭ ބުންޏެވެ.

ރޭ ކުޅުނު ފައިނަލްގެ ތެރެއިން ---

ލޯންގޭ ބުނީ ސިފައިންގެ ތަފާތަކީ ކުޅިވަރުގެ، އެކުވެރިކަމުގެ ރޫހު ކަމަށާއި، ފައިނަލްތަކުގައި ފެންނަނީ ސިފައިން ވަންތަ ރޫހު ކަމަށެވެ.

"ޕޮލިސް ޓީމޭ ބުންޏަސް އެއޮތީ ޕޮލިސް ޓީމެއް ނޫން. އަސްލު ހުސް ސިވިލް މީހުން ކަންނޭނގެ ކުޅެން ތިބީ. އަނެއްހެން ބަލަންޏާ މިދިޔަ އަހަރުގެ ސީލައިފް ޓީމު އެއްކޮށް ކަހަލަ ގޮތަކަށް ޓީމުގައި އެތިބީ. އެހެންވީމަ ނީންނާނެ ޕޮލިސްވަންތަ ރޫހެއް. އަޅުގަނޑުމެންގެ އޮންނާނެ ސިފައިން ވަންތަ ރޫހު. ކުޅުންތެރިންނަކީ ވެސް ސިފައިންވީމަ އެތެރެހަށިން ވެސް އެ ހިތްވަރު ނެރެގެން ކުޅުނީމަ މޮޅުވީ،" ލޯންގޭ ބުންޏެވެ.

ލޯންގޭ ފާހަގަކުރީ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުމަކީ އޭނާއަށް ލިބުނު ބޮޑު އުފަލެއް ކަމަށާއި، އެހެން ނަމަވެސް އަބަދުވެސް މަސައްކަތް ކުރަނީ ޓީމު މޮޅު ކޮށްދިނުމަށް ކަމަށެވެ. "ޓީމަށް މޮޅަށް ކުޅުނީމަ މޮޅު ކުޅުންތެރިޔާ ލިބޭނީވެސް،" ލޯންގޭ ބުންޏެވެ.

މިއަހަރުގެ މުބާރާތް އިއުލާން ކުރުމަށްފަހު މާ ގިނަ ދުވަސްތަކެއް ފަރިތަކުރުމަށް ނުލިބޭ އިރު، އެއްވެސް ކްލަބަކަށް އެކަށީގެންވާ ދުވަހެއް ނުލިބުނެވެ. ލީގު ކެންސަލް ކޮށްފައިވާ އިރު، މިފަހަރު ވީއެމްއިން ވޮލީ ލީގު ޝެޑިއުލް އަވަސް އަރުވާލުމުން އެކަމަށް ގިނަ ބައެއްގެ ފާޑު ކިޔުންވެސް އަމާޒުވެފައިވެއެވެ.

ލޯންގޭވެސް ބުނެފައި ވަނީ ފަރިތަކުރުންތަކާ ނުލާ މުބާރާތް ފަށަން ޖެހުމުން، ކުރީކޮޅުގެ މެޗުތަކުގައި ޓީމުގެ ކުޅުން ދައްކަން އުނދަގޫވި ކަމަށާއި، ކުރިއަށް އޮތް ތަނުގައި ދާނީ ރަނގަޅުވަމުން ކަމަށެވެ.

މިދިޔަ އަހަރުގެ ގައުމީ މުބާރާތުގެ ފައިނަލްގައި ސިފައިން ވަރުގަދަ މޯލްޑިވިއަން ހުއްޓުވި އިރު، އެ މެޗުގައިވެސް ސިފައިންގެ ހީރޯއަކީ ލޯންގޭއެވެ. އޭނާ ވަނީ އެ ފޯމާއެކު މިއަހަރު އިންޓަ ރެސޯޓް ވޮލީ މުބާރާތްވެސް ބަނޑޮހާއެކު ކާމިޔާބުކޮށް، އަނެއްކާވެސް ފެންވަރު ދައްކާލާފައެވެ.