މިއަހަރު އޭއެފްސީން ދޭ ކްލަބު ލައިސަންސް، ރާއްޖޭގެ އެއްވެސް ކްލަބަކަށް ލިބިފައިނުވާ އިރު، އެކަން ނުވުމުގައި ކްލަބުތަކުގެ އިހުމާލުތަކެއް ވާކަމަށް އެފްއޭއެމްއިން ބުނެފިއެވެ.

ކްލަބު ލައިސަންސް ރާއްޖޭގެ އެއްވެސް ކްލަބަކަށް ލިބިފައި ނުވާތީ އެކަމާ ގުޅިގެން މީސްމީޑިއާގައި ތަފާތު ވާހަކަތައް ފެތުރިފައިވާ އިރު، އެފްއޭއެމްއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އޭއެފްސީ ކްލަބު ލައިސަންސިންގް ސިސްޓަމް (ކްލާސް)ގެ ޑޮކިއުމަންޓްސް ސަބްމިޝަންގެ ޑެޑްލައިންތައް ކްލަބުތަކަށް ތަކުރާރުކޮށް، އެ އިދާރާއިން ހަނދާންކޮށްދީފައިވާނެ ކަމަށާއި، އެހެން ނަމަވެސް، ކްލަބުތަކުން އެކަން ކޮށްފައި ނުވާ ކަމަށެވެ.

އެފްއޭއެމްގެ ބަޔާނުގައި ބުނެފައި ވަނީ 2017 ވަނަ އަހަރުގެ ކްލަބު ރަޖިސްޓްރޭޝަނަށް އޭއެފްސީން ގިނަ ލުއިތަކެއް ދިން ނަމަވެސް، މިއަހަރުގެ ކްލަބު ލައިސަންސިންގައި އޭއެފްސީން ވަރަށް ހަރުކަށިކޮށް ގިނަ ކަންތައްތަކަކަށް ބަލާފައިވާ ކަމަށެވެ. އެގޮތުން ކްލަބުތައް އިތުރަށް ހަރުދަނާ ކުރުމަށް މިއަހަރު އޭއެފްސީން ކްލަބު ލައިސަންސިން ރެގިއުލޭޝަން ހަރުދަނާ ކޮށްފައިވާ ކަމަށްވެސް އެފްއޭއެމްގެ ބަޔާނުގައިވެއެވެ.

އެފްއޭއެމްގެ ބަޔާނުގައި ބުނެފައި ވަނީ މިއަހަރު ޓީސީ ސްޕޯޓްސް ކްލަބާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު އަދި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ގިނަ ޑޮކިއުމަންޓްތައް ހުށަހެޅި ނަމަވެސް، އެ ކްލަބުތަކަށްވެސް ބައެއް ޑޮކިއުމަންޓްސްތައް މަދުން ހުށަހެޅިފައިވާތީ އޭއެފްސީން ރާއްޖޭގެ އެއްވެސް ކްލަބަކަށް އޭއެފްސީ ކްލަބު ލައިސަންސް ލިބިފައި ނުވާ ކަމަށެވެ.

އެ ކްލަބުތައް ފިޔަވާ އިތުރު ކްލަބަކުން ކްލަބު ލައިސަންސަށް ހުށަހަޅާފައިނުވާ ކަމަށާއި، ކްލަބު ސިސްޓަމްގައި އެފްއޭއެމްގެ ދައުރަކީ މޮނީޓަރު ކުރުން ކަމަށްވެސް އެފްއޭއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

ކްލަބު ލައިސަންސް ނިލުބުމާ ގުޅިގެން ޓީސީ ސްޕޯޓްސް ކްލަބުގެ ފަރާތުން "ވަގުތު"އަށް ވާހަކަ ދައްކަމުން އެ ކްލަބުގެ ބާނީ އަހުމަދު ނާޝިދު (ޑޭމް) ވިދާޅުވީ އެފްއޭއެމްގެ ޒިންމާ، އަދި ކްލަބުތަކުގެ ޒިންމާވެސް އެކަމުގައި ވާ ކަމަށާއި، ހުރިހާ ކަމެއްގައި އެފްއޭއެމްއަށްވެސް ފާޑުކިޔެން ނެތް ކަމަށެވެ.

"މުޅިއަކުން ހިތްހަމައެއް ނުޖެހޭ އެފްއޭއެމްގެ އެ ކަންކަން ބަލާ ޑިޕާޓްމަންޓާ ދޭތެރޭގައެއް. އެކަމަކު ހަމައެކަނި އެފްއޭއެމްއަށް އެކަން ދޫކޮށްލައިގެންވެސް ތިބެވޭކަށް ނެތް. ކްލަބުތަކުގެވެސް ވަރަށް ބޮޑު ޒިންމާއެއް އެކަމުގައި އެބައޮތް. ހާއްސަކޮށް ޓީސީއަށްވެސް ޑޮކިއުމަންޓްތައް ހުށަހެޅި އިރު، ބައިވަރު ކަންކަން ފުރިހަމަ ނުކޮށް ހުށަހެޅުނީ. އެހެންވީމަ އަމިއްލައަށް އަދާކުރަން ޖެހޭ ޒިންމާ ވަރަށް ބޮޑު މިކަމުގައި،" ޑޭވް ވިދާޅުވިއެވެ.

މާޒިޔާގެ ފަރާތުން ވާހަކަ ދައްކަމުން އެ ކްލަބުގެ މާޒިޔާގެ ސީއީއޯ ހުސައިން ޝިފާއު (ކޮކީ) ވިދާޅުވީ މާޒިޔާއިން ގިނަ ކަންކަން ފުރިހަމަ ކުރި ނަމަވެސް، މަދުވާނީ ހަތަރު ކުޅުންތެރިޔެއްގެ މެޑިކަލް ކަމަށެވެ. އެހެން ނަމަވެސް، ފޮނުވި ޑޮކިއުމަންޓްތައްވެސް އެފްއޭއެމްއިން އެޕްރޫވް ނުކޮށް ހުރިކަންވެސް ކޮކީ ފާހަގަކުރެއްވިއެވެ.

"އޭގައި އެބަހުރި މާޒިޔާއަށްވެސް ފުރިހަމަ ނުކުރެވުނު ކަންތައްތަކެއް. ކްލަބު ލައިސަންސަށް ލާން ޖެހުނު ޑޮކިއުމަންޓްސްގެ ތެރެއިން ލިޔުންތައް ހުށަހެޅި އިރު، ހަތަރު ކުޅުންތެރިއެއްގެ މެޑިކަލް ރިޕޯޓް ހުށަހެޅިފައެއް ނެތް. އެހެން ހުރިހާ އެއްޗެއް މާޒިޔާއިން ހުށަހަޅާފައިވާނީ. އެކަމަކު އެ ހުށަހެޅި އެއްޗެއްސަށްވެސް އެފްއޭއެމްއިން އެޕްރޫވަލް ނުދީ ހުރިކަން ފާހަގަކޮށްލަން. އެފްއޭއެމްއިން އަދާކުރަންޖެހޭ ޒިންމާއެއް އެއީ،" ކޮކީ ވިދާޅުވިއެވެ.

އޭއެފްސީގެ ކްލަބު ލައިސަންސިން ސިސްޓަމަކީ 2016 ވަނަ އަހަރު އޭއެފްސީން ތައާރަފްކޮށްފައިވާ ޕްރޮގްރާމެކެވެ. 2017 ވަނަ އަހަރުން ފެށިގެން އޭއެފްސީގެ ލައިސަންސް ނެތް ކްލަބުތަކަށް އޭއެފްސީގެ މުބާރާތްތަކުގައި ކުޅުމުގެ ފުރުސަތު ލިބިގެން ނުދެއެވެ. އަދި އެ ސިސްޓަމުގައި ކްލަބުތަކަށް ޑޮކިއުމަންޓް އެޅުމަށް ކޮންމެ ކްލަބަކަށް އޮންލައިން ޕޯޓަލެއްގެ ލޮގިން ދެވިފައިވެއެވެ. އޭގެ އިތުރުން އޭއެފްސީން ތަމްރީނުކުރެވިފައިވާ ކްލަބު ލައިސަންސިންގް އޮފިސަރެއް ކޮންމެ ކްލަބެއްގައިވެސް ހުރެއެވެ.

އެފްއޭއެމްއިން ބުނެފައި ވަނީ ކްލަބު ލައިސަންސް ހޯދުމަށް މިއަހަރުވެސް އެފްއޭއެމްއިން ދިޔައީ ކްލަބުތަކަށް އެއްބާރުލުން ދެމުން ކަމަށާއި، 2017 ވަނަ އަހަރު ކްލަބު ލައިސަންސް ލިބި، ނިއުއާއި ޓީސީ އޭއެފްސީ ކަޕްގައި ވާދަކުރި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނުރަބޯ

    ދެން ތިބެ. ކްލަބްތަކުގެ ތިބޭ ނާގާބިލު މީހުންގެ ސަބަބުން ކްލަބްތައް އިނދަޖެހެނީ. ދެން މި ޖަހަނީ އެފް،އޭ،އެމް ބޮލަށް