ފަހަތުން އަރާ 2-1 އިން ކްރޮއޭޝިއާ ބަލިކުރުމަށްފަހު، ޔުއެފާ ނޭޝަންސް ލީގުގެ ސެމީފައިނަލަށް އިންގްލޭންޑް ދަތުރުކޮށްފިއެވެ.

ނޭޝަންސް ލީގުގެ ސެމީ އަށް ދަތުރުކުރަނީ ގްރޫޕްތަކުގެ އެއްވަނަ ހޯދާ ޓީމުތައް އެކަނި ކަމަށްވާއިރު އިންގްލޭންޑް ސެމީ އަށް ދަތުރުކުރީ ލީގު އޭގެ ގްރޫޕް ޑީގެ އެއްވަނަ ހޯދައިގެންނެވެ. އެގޮތުން ރޭގެ މޮޅާއެކު އިންގްލޭންޑަށް ވަނީ ކުޅުނު ހަތަރު މެޗުން ހަތް ޕޮއިންޓު ލިބިފައެވެ. ގްރޫޕްގެ ދެވަނަ ހޯދި ސްޕެއިން އަށް ލިބިފައިވަނީ ހަ ޕޮއިންޓު ކަމަށްވާއިރު ގްރޫޕްގެ ފުލަށްިދޔަ ކްރޮއޭޝިއާ އަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ގްރޫޕްގެ ފުލަށް ދިޔުމުން ކްރޮއޭޝިއާ ވަނީ މުބާރާތުގެ ފުރަތަމަ ޑިވިޝަނުން ރެލިގޭޓްވެފައެވެ.

އިނގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް މި ހާފުގައި އިންގްލޭންޑުން ވަނީ ގޯލްޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން ސްޓާލިން ފޮނުވާލި ހަމަލާއެއް ކްރޮއޭޝިއާގެ ކީޕަރު ދިފާއުކުރިއިރު ކެޕްޓަން ހެރީ ކޭން އަށް ވަނީ ރަނގަޅު ތިން ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް މެޗުގެ 57 ވަނަ މިނެޓްގައި ކްރަމަރިޗް ވަނީ ކްރޮއޭޝިއާ އަށް މެޗުގެ ލީޑު ނަގާދީފައެވެ. ކްރޮއޭޝިއާގެ މި ގޯލާއެކު ނަތީޖާ އެއްވަރުކުރުމަށް އިންގްލޭންޑުން ދިޔައީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 78 ވަނަ މިނެޓްގައި ޖެސީ ލިންގާޑް ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މެޗުގެ 85 ވަނަ މިނެޓްގައި ކޭން ވަނީ މި މެޗުން އިންގްލޭންޑް މޮޅުވި ގޯލު ކާމިޔާބުކޮށްދީފައެވެ. މިއީ އިނގިރޭސި ގައުމީ ޓީމަށް ކޭން ކާމިޔާބުކޮށްދިން 20 ވަނަ ގޯލެވެ.

މުބާރާތުގެ ސެމީ އަށް އިންގްލޭންޑްގެ އިތުރުން މިހާތަނަށް ދަތުރުކޮށްފައިވަނީ ޕޯޗުގަލް އާއި ސްވިޒަލޭންޑެވެ.. ސެމީގެ ފަހު ޖާގަ އަށް ވާދަކުރަނީ ފްރާންސް އާއި ނެދަލޭންޑްސްއެވެ. މުބާރާތުގެ ސެމީފައިނަލް މެޗުތައް ކުޅޭނީ އަންނަ އަހަރުގެ ޖޫން މަހުއެވެ.