ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ކުޅެން ހަމަޖެހިފައި އޮތް މެޗަށް ވިކްޓްރީ ސްޕޯރޓްސް ކްލަބް ހާޒިރުނުވުމުން އީގަލްސް އަށް މެޗު ލިބިއްޖެއެވެ.

އީގަލްސް އާއި ދެކޮޅަށް ކުޅެން އޮތް މެޗަށް ވިކްޓަރީ ހާޒިރުނުވުމުން، އީގަލްސް މި މެޗުން މޮޅުވީ ކަމަށް ބަލައި އެޓީމަށް ވަނީ ފައިދާ ދެ ގޯލުވެސް ލިބިފައެވެ. އަދި އެފްއޭއެމުން މި މައްސަލަ ބަލައި ވިކްޓްރީ އަށް އިތުރު އަދަބެއް ވެސް ދޭނެ ކަމަށް ބެލެވެއެވެ.

މިއީ ވިކްޓަރީ އިން ލީގު މެޗަކަށް މި ސީޒަނުގައި ހާޒިރުނުވި ދެވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ލީގުގައި ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅެން އޮތް މެޗަށް ވެސް ޓީސީ ހާޒިރުވެފައެއް ނުވެއެވެ.

ވިކްޓަރީ މިއަދުގެ މެޗަށް ހާޒިރުވެފައިނުވާއިރު އެ ކްލަބު މިވަގުތު އޮތީ ބޮޑު މާލީ ދަތިކަމެއްގެ ތެރޭގައެވެ. އެގޮތުން މުސާރައިގެ މައްސަލަތައް ބޮޑުވެގެން ދާދިފަހުން ވިކްޓްރީގެ ކޯޗުކަމުން ލާސްލޯ ކިސް ވަކިވެފައިވާއިރު އެ ކްލަބުގެ ގިނަ ކުޅުންތެރިން ފަރިތަކުރުންތަކަށް ވެސް ނިކުމެފައެއް ނުވެއެވެ.

ލީގުގައި 13 މެޗު ކުޅެ ނިމުނުއިރު ވިކްޓަރީ އޮތީ 10 ޕޮއިންޓާ އެކު ލީގުގެ ހަވަނައިގައެވެ.