ފ.ނިލަންދޫގެ މައްޗަށް 7-0 އިން ކުރި ހޯދާ ދިރާގު ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކުރުމާ ގާތަށް ޓީސީ ސްޕޯޓްސް ކްލަބުން ޖެހިލައިފިއެވެ.

މި މޮޅާއެކު ލީގުގެ އެއްވަނައިގައި ޓީސީ މިހާރު އޮތީ 39 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި 34 ޕޮއިންޓާ އެކު މާޒިޔާ އޮތްއިރު މިއަދުގެ މެޗުން ބަލިވި ނިލަންދޫ އޮތީ ހަތް ޕޮއިންޓާ އެކު ލީގުގެ އަށްވަނައިގައެވެ.

ލީގުގައި ޓީސީ އަށް ބާކީ ދެން އޮތީ އެންމެ ދެ މެޗު ކަމަށްވާއިރު، ކުރިއަށް އޮތް މާޒިޔާ އާއި ދެކޮޅަށް ކުޅޭ މެޗު އެއްވަރުކޮށްލައިގެން ވެސް ޓީސީ އަށް ލީގު ކަށަވަރުކުރެވޭނެއެވެ. އެ މެޗު އޮންނާނީ މި މަހުގެ 25 ވަނަ ދުވަހުގެ ރެއެވެ.

މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު މެޗުގައި ޓީސީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ފުރަތަމަ ހާފް ޓީސީން ނިންމާލީ ތިން ގޯލާއެކުއެވެ. މި ތިން ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ އަޝްފާގް (ދަގަނޑޭ) އާއި އިޝާން އިބްރާހިމްގެ އިތުރުން އައްޒާމް އަބްދުﷲ އެވެ. ދެވަނަ ހާފްގެ ކުރީކޮޅު ޓީސީގެ ހަތަރުވަނަ ގޯލު ދަގަނޑޭ ކާމިޔާބުކޮށްދިންއިރު މެޗުގެ 61 ވަނަ މިނެޓްގައި ޓީސީގެ ފަސްވަނަ ގޯލު ކާމިޔާބުކޮށްދިނީ އިބްރާހިމް މަހުދީއެވެ.

ޓީސީގެ ހަވަނަ ގޯލު މެޗުގެ 77 ވަނަ މިނެޓްގައި ކާމިޔާބުކޮށްދީ ދަގަނޑޭ އޭނާގެ ހެޓްރިކް ފުރިހަމަ ކުރިއިރު، އޭގެ މިނެޓެއްފަހުން ޓީސީގެ ހަތްވަނަ ގޯލުވެސް ކާމިޔާބުކޮށްދިނީ ދަގަނޑޭއެވެ.

ލީގުގައި މިރޭ ވެސް މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެ މެޗުގައި ބައްދަލުކުރާނީ ނިއު އާއި ގްރީން ސްޓްރީޓްސްއެވެ.