ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ކުޅުނު މެޗުގައި މާޒިޔާ ސްޕޯޓްސް ކްލަބުން ފަހަތުން އަރާ ޓީސީ ސްޕޯޓްސް ކްލަބު ބަލިކުރުމުން ލީގުގެ ފޯރި ގަދަވެއްޖެއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުން މާޒިޔާ މޮޅުވީ 4-2ގެ ނަތީޖާއަކުންނެވެ.

މިއަދުގެ މެޗަށް ނުކުތް އިރު، ލީގު ކަށަވަރު ކުރުމަށް ޓީީސީއަށް ބޭނުންވެފައި އޮތީ އެންމެ ޕޮއިންޓެކެވެ. މިއަދުގެ މެޗުން ޓީސީ ބަލިވި އިރު، ދެވަނައިގައި އޮތް މާޒިޔާއާއި ޓީސީއަށްވެސް މިހާރު ލީގުގައި ބާކީ އޮތީ އެންމެ މެޗެކެވެ.

މިވަގުތު ލީގު ތާވަލުގެ އެއްވަނައިގައި 39 ޕޮއިންޓާއެކު އޮތް އިރު، މާޒިޔާ ދެވަނައިގައި އޮތީ 37 ވަނަ ޕޮއިންޓާއެކުގައެވެ. އެހެން ކަމުން ފަހު މެޗުގައި ޓީސީ އަތުން ލީގު ގެއްލުމުގެ ފުރުސަތުވެސް އަދި އެބައޮތެވެ.

މިއަހަރުގެ އެފްއޭ ކަޕާއި ޕްރެސިޑެންޓްސް ކަޕްވެސް އެފްއޭއެމްއިން ކެންސަލް ކޮށްފައިވާ އިރު، އެފްއޭއެމްއިން ނިންމާފައި ވަނީ އޭއެފްސީގެ ދެ ޖާގަ ލީގުގެ އެއްވަނައާއި ދެވަނައަށް ދިނުމަށެވެ. އެހެން ނަމަވެސް ރާއްޖޭގެ އެއްވެސް ކްލަބަކަށް އޭއެފްސީގެ ކްލަބު ލައިސަންސް ނުލިބި އޮތުމުން އަންނަ އަހަރު އޭއެފްސީ ކަޕްގައި ދިވެހި އެއްވެސް ޓީމެއް ނުކުޅޭނެއެވެ.

މިއަދުގެ މެޗަށް ޓީސީ ނުކުތީ ލީގު ކަށަވަރު ކުރުމުގެ އުންމީދުގައެވެ. މީގެ ކުރިން ޓީސީން ރާއްޖޭގެ ލީގު ކާމިޔާބުކޮށްފައި ނުވާ އިރު، މިއަދުގެ މެޗު ޓީސީން ފެށީ ވަރުގަދަ ކޮށެވެެ. ހާއްސަކޮށް އެޓީމުން ވަނީ ފުރަތަަމަ ހާފްގައި ދެ ގޯލް ޖަހައި، އުންމީދު އާކޮށްފައެވެ.

ފުރަތަމަ ހާފްގެ 16 ވަނަ މިނެޓުގައި ޓީސީން ލީޑު ނެގިއެވެ. އިބްރާހީމް މަހުދީ (ފޭދޫ އިއްބެ)ގެ ގޯލާއެކު ޓީސީން ލީޑު ނެގި އިރު، އެ ގޯލަށް މާ ގިނައިރެއް ނުވެ، ޓީސީން ލީޑު ފުޅާވެސް ކުރިއެވެ.

ޓީސީއަށް ލީޑު ފުޅާކޮށްދިނީ އަލީ އަޝްފާގު (ދަގަނޑޭ)އެވެ.

މެޗުގެ ފުރަތަމަ ހާފް 2-0ގެ ނަތީޖާއަކުން ޓީސީ ލީޑުގައި އޮވެގެން ނިންމާލަން ދިޔަ ނަމަވެސް، މާޒިޔާއިން ވަނީ ހާފް ނިމެން ދަނިކޮށް ފުލުފުލުގައި ދެ ގޯލް ޖަހައި، މެޗުގެ އޮއެވަރު ބަދަލުކޮށްލާފައެވެ.

މާޒިޔާގެ ފުރަތަމަ ގޯލް މެޗުގެ 41 ވަނަ މިނެޓުގައި، އެޓީމުގެ ވިންސެންޓް ފޯވަޑް ކޯނެލިއަސް ސްޓެވާޓް ކާމިޔާބުކޮށްދިން އިރު، އޭގެ ދެ މިނެޓު ފަހުން ނާއިޒް ހަސަން (ދާދު) މާޒިޔާއަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ.

ފުރަތަމަ ހާފްގައި ފަހު ފަސް މިނެޓުގައި ދެ ގޯލް ޖަހައި މާޒިޔާއިން އުންމީދާއެކު ދެވަނަ ހާފް ފެށި އިރު، ދެވަނަ ހާފް ކުރިއަށް ޖެހިގެން ފެށީ މާޒިޔާއިންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 61 ވަނަ މިނެޓުގައި މާޒިޔާއިން ފުރަތަމަ ފަހަރަށް ލީޑު ނެގިއެވެ.

މާޒިޔާގެ ޑިފެންޑަރު މޫސާ ޔާމީން (ޔާމްބެ)ގެ ރީތި ގޯލާއެކު މާޒިޔާއިން ލީޑު ނެގި އިރު، ލީޑާއެކު އެޓީމުން އިތުރަށް ކުޅުން ރަނގަޅު ކުރިއެވެ. އެގޮތުން ގޯލް ޖެހިތާ ފަސް މިނެޓް ފަހުން މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ)އަށްވެސް ހުސް ފުރުސަތެއް ލިބިގެން ދިޔައެވެ.

އޭރިއާ ތެރެއަށް ހުސްކޮށް ވަދެ، އޭނާ ފޮނުވާލި ބާރު ހަމަލާ ދިފާއުކުރީ ޓީސީގެ ނޭޕާލް ގޯލްކީޕަރު ކިރަން ކުމާރެވެ. ޓީސީން މެޗުގެ ނަތީޖާ އަނބުރާލުމަށް ކުރި މަސައްކަތުގައި އެޓީމުން ކުރިއަށް ޖެހިގެން ކުޅުމުގެ ފައިދާ ނަގައި، މާޒިޔާއިން ލީޑު އިތުރަށް ފުޅާކުރިއެވެ.

ކައުންޓާ އެޓޭކް ފުރުސަތުގައި އެޓީމަށް ލީޑު އިތުރަށް ފުޅާކޮށްދިނީ ދާދުއެވެ. އަރިމަތިން ކޯނެލިއަސް ސްޓެވާޓް ފޮނުވާލި ހަމަލާ ދަނޑިއަށް އަމާޒުވި އިރު، އެ ބޯޅައިގެން ރީބައުންސް ބޯޅަ ގޯލަށް ވައްދާލީ ދާދުއެވެ.

ލީގުގައި މާޒިޔާއަށް ބާކީ އޮތީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭ މެޗެވެ. ޓީސީއަށް ފަހު މެޗުގައި ނުކުންނަން ޖެހޭނީ ކްލަބު އީގަލްސްއާ ދެކޮޅަށެވެ.