ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ކުޅުނު މެޗުގައި ށ. ފޯކައިދޫ ބަލިކޮށް، ފ. ނިލަންދޫން މޮޅަކާއެކު ދިވެހި ޕްރިމިއާ ލީގު ނިންމާލައިފިއެވެ.

މިއަދު ހަވީރު ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މެޗު ނިލަންދޫން ކާމިޔާބުކުރީ 4-0ގެ ނަތީޖާއަކުންނެވެ. މިއަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި އަތޮޅު ތެރެއިން ހަތަރު ޓީމަކުން ވާދަކޮށްފައިވާ އިރު، ދެވަނަ ބުރުގައި އޭގެ ތެރެއިން ވާދަކުރީ ދެ ޓީމެވެ.

ލީގުގެ އެންމެ ފުލަށް ދިޔަ ދެޓީމު ދެވަނަ ބުރުގައި ކުޅެފައި ނުވާ އިރު، ނިލަންދޫން ވަނީ 16 މެޗުން 13 ޕޮއިންޓް ހޯދައިފައެވެ. އެޓީމުން ވަނީ ކުޅުނު 15 ތިން މެޗުން މޮޅުވެފައެވެ. ނިލަންދޫން މިއަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު 16 މެޗުން ތިން މެޗުން މޮޅުވެފައިވާ އިރު، ފޯކައިދޫ ވަނީ ހަތަރު މެޗުން މޮޅުވެފައެވެ.

މިއަހަރުގެ ޕްރިމިއާ ލީގުގައި ވާދަކުރުމުން ނިލަންދޫއާއި ފޯކައިދުއަށްވެސް އަންނަ އަހަރު މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރުން ޔަގީން ޖާގައެއް ލިބިފައިވާ އިރު، ތިމަރަފުއްޓާއި ފެހެންދުއަށްވެސް އެ ފުރުސަތު ލިބޭނެއެވެ.

މިއަދުގެ މެޗުގެ ތިންވަނަ މިނެޓުގައި ނިލަންދޫން ލީޑު ނެގިއެވެ. އެޓީމަށް ފުރަތަމަ ގޯލް ކާމިޔާބުކޮށްދިނީ ފާރޫގު އިސްމާއީލެވެ. ފާރޫގަކީ ނިލަންދޫއަށް އުފަން ޑިފެންޑަރެކެވެ. އޭނާ ވަނީ މީގެ ކުރިން ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ކްލަބުތައް ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށްވެސް ކުޅެފައެވެ.

އޭގެ އިރުކޮޅެއްފަހުން ނިލަންދޫން ލީޑު ފުޅާވެސް ކުރިއެވެ. ދިވެހި ޕްރިމިއާ ލީގުގައި އެޓީމުގެ ފޯވަޑް ލައިނުން ފާހަގަކޮށްލެވޭ ކުޅުމެއް ދައްކަމުން އަންނަ އާދިލް އަލީ އެޓީމަށް ދެވަނަ ގޯލް ޖަހައިދިން އިރު، މެޗުގެ 28 ވަނަ މިނެޓުގައި ނިލަންދޫން ލީޑު އިތުރަށް ފުޅާވެސް ކުރިއެވެ.

ނިލަންދޫގެ ތިންވަނަ ގޯލް ކާމިޔާބުކޮށްދިނީ އަޑުވެކޫ ލޫކާސްއެވެ. މެޗުގެ ފުރަތަމަ ހާފްގައި ނިލަންދޫން ރަނގަޅު ފޯމެއްގައި ކުޅެމުން ދިޔަ އިރު، އެޓީމުން ވަނީ ހާފް ނިމުމުގެ ކުރިން ހަތަރުވަނަ ގޯލެއްވެސް ޖަހައިފައެވެ. ހަތަރުވަނަ ގޯލްވެސް ކާމިޔާބުކޮށްދިނީ ދެވަނަ ގޯލް ޖެހި އާދިލްއެވެ.

ދެވަނަ ހާފްގައި އިތުރު ގޯލެއް ފެނިފައިނުވާ އިރު، ލީގުގައި މިހާރު ކުރިއަށް ދަނީ ފަހު ހަފްތާއެވެ. ލީގުގެ ތަށި ގެންދާނެ ޓީމެއް މާދަމާގެ މެޗުތަކުން ޔަގީން ވެގެންދާނެއެވެ. އެގޮތުން ޓީސީން އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗުން ޕޮއިންޓެއް ނެގި ނަމަވެސް، ޓީސީއަށް ތަށި ޔަގީންވާނެއެވެ. ލީގު ރޭހުގައި ޓީސީއާއެކު އޮތް މާޒިޔާއަށް ތަށި ނެގެން އޮތް ގޮތަކީ ޓީސީ ބަލިވެ، އެޓީމު ނިއުއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވުމެވެ.

ލީގުގައި މިރޭ ވާދަކުރާ މެޗުގައި ބައްދަލު ކުރާނީ ވިކްޓަރީއާއި ކްލަބު ގްރީން ސްޓްރީޓްސްއެވެ.