ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ވާދަކުރި މެޗު އެއްވަރުވުމުން ޓީސީ ސްޕޯޓްސް ކްލަބަށް ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ލިބިއްޖެއެވެ.

މިއީ ރާއްޖޭގެ އެންމެ ބޮޑު ލީގު، ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ޓީސީން ހޯދި ފުރަތަމަ ފަހަރެވެ. މިރޭ ޓީސީއަށް އީގަލްސްއާ ދެކޮޅަށް މެޗެއް އޮތް ނަމަވެސް، މާޒިޔާއަށް މިއަދު މޮޅުނުވެ ވުމުން ޓީސީއަށް ވަނީ ލީގު ޔަގީންވެފައެވެ.

މިއަދުގެ މެޗަށް ނުކުތް އިރު، މެޗު މުހިއްމުވެފައި އޮތީ މާޒިޔާއަށެވެ. މިއަދުގެ މެޗު ކާމިޔާބުކޮށް، މާޒިޔާއަށް ލީގު ތާވަލުގެ އެއްވަނައަށް އެރުމުގެ ފުރުސަތު އޮތެވެ. އަދި މިރޭ ޓީސީ ސްޕޯޓްސް ކްލަބު ކުޅޭ މެޗުން އެޓީމަށް ޕޮއިންޓެއް ނުނެގިއްޖެ ނަމަ، މާޒިޔާއަށް ލީގުވެސް ލިބެން އޮތެވެ.

ލީގުގައި ކުޅުނު 16 މެޗުން މާޒިޔާއަށް 38 ޕޮއިންޓް ލިބިފައިވާ އިރު، އެއްވަނައިގައި އޮތް ޓީސީއަށް 15 މެޗުން ލިބިފައި އޮތީ 39 ޕޮއިންޓެވެ. 16 މެޗުން 27 ޕޮއިންޓާއެކު އެންމެފަހުގެ ޗެމްޕިއަން ނިއުއިން ލީގު ނިންމާލީ ތިންވަނައިގައެވެ.

މިއަދުގެ މެޗުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

މެޗު ފެށިގެން މާޒިޔާއިން ކުރިއަށް ޖެހި ކުޅެން ފެށިއެވެ. އެޓީމުގެ ފޯވަޑް ލައިނުން ނިއުގެ ޑިފެންސަށް ބޮޑެތި ނުރައްކާތަކެއް ކުރި އިރު، މެޗުގެ ކުރީކޮޅުގައި މާޒިޔާގެ ޑިފެންޑަރު މޫސާ ޔާމީން (ޔާންބެ) ދުރުން ފޮނުވާލި ބޯޅަ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ. އަނެއްކޮޅުން ނިއުވެސް މެޗުގެ ކުރީކޮޅުގައި ލީޑު ނެގުމާ ގާތަށް ޖެހިލިއެވެ.

މުހައްމަދު އުމައިރު ކުރިއަށް ދުއްވާލި ބޯޅައަށް ދުވެ އަލީ ފާސިރު (ސެންޓޭ) ހުސްކޮށް އޭރިއާ ތެރެއަށް ވަންނަން ދިޔަ ނަމަވެސް، ސެންޓޭ އަށްވުރެ ކުރިން އޭރިއާ ބޭރުން ބޯޅަިއގައި ބޮލުން ޖައްސާ ސާފު ކޮށްލީ މާޒިޔާގެ ގޯލްކީޕަރު ހުސައިން ޝަރީފެވެ.

ފުރަތަމަ ހާފްގައި ވަރުގަދައަށް އެޓޭކް ކޮށްގެން ކުޅުނު މާޒިޔާއިން ލީޑު ނެގީ މެޗުގެ 10 ވަނަ މިނެޓުގައެވެ. އެޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ)ގެ ގޯލުން މާޒިޔާއިން ލީޑު ނެގި އިރު، އެޓީމުން ލީޑު ފުޅާކުރުމަށްވެސް މާ ގިނައިރެއް ނުނަގައެވެ.

ފުރަތަމަ ގޯލަށް ހަ މިނެޓް ފަހުން މާޒިޔާއިން ލީޑު ފުޅާކުރިއެވެ. ކޯނެލިއަސް ސްޓެވާޓް ދިން ބޯޅަ ފަސޭހަކަމާއެކު ގޯލަށް ވައްދާލީ ފުރަތަމަ ގޯލްވެސް ޖެހި އަސައްކޮއެވެ. ދެވަނަ ގޯލާއެކު މާޒިޔާއިން ހަމަޖެހިލިއެވެ. މެދުތެރެއިން ފަސޭހަ ޕާސްތަކެއް ޖަހައިގެން ކުޅެމުންދިޔަ މާޒިޔާއިން މެޗު ޑޮމިނޭޓް ކުރަމުން ދިޔައެވެ.

ނަތީޖާއެއްގެ ގޮތުން މެޗުގެ 24 ވަނަ މިނެޓުގައި މާޒިޔާއިން ތިންވަނަ ގޯލެއްވެސް ޖެހިއެވެ. މާޒިޔާގެ ތިންވަނަ ގޯލަކީ ކޯނެލިއަސްގެ ރީތި ގޯލެކެވެ.

ތިން ގޯލްގެ ލީޑަކާއެކު މާޒިޔާއިން ހާފް ނިންމާލަން ދިޔަ ނަމަވެސް، ހާފްގެ ފަހު ފަސް މިނެޓުގައި ނިއުއިން ވަނީ ވަރަށް ބޮޑަށް ކުޅުން ރަނގަޅުކޮށްފައެވެ. ހާއްސަކޮށް ނިއުގެ ކުރިއަށް ކުޅުމުންދިޔަ ހަމްޒާ މުހައްމަދު (ހަމްޕު)، އާމިރު ގުރުބާނީ އަދި ސެންޓޭގެ ކުޅުން ފާހަގަކޮށްލެވުނެވެ.

ނިއުއިން ކުޅުން ރަނގަޅުކޮށް، މެޗުގެ 38 ވަނަ މިނެޓުގައި ގޯލްވެސް ޖެހިއެވެ. ސެންޓޭ ދިން ބޯޅަ އާމިރު ގުރުބާނީ ގޯލަށް ފޮނުވާލީ ހަނި އޭންގަލަކުންނެވެ. ފުރަތަމަ ގޯލަށްފަހު ނިއުއިން އުންމީދާއެކު ކުރިއަށް ޖެހިގެން ކުޅުނު އިރު، ހާފް ނިމެން ދަނިކޮށް އެޓީމުން އިތުރު ގޯލެއްވެސް ޖެހިއެވެ.

ކުރިއަށް ކުޅޭ ސެންޓޭއާއި ހަމްޕު އަދި އުމައިރުގެ ރީތި ކޮމްބިނޭޝަން ކުޅުމެއް ގޯލް ތެރެއަށް ނިންމާލި ހަމްޕުއެވެ. މެޗުގެ ފުރަތަމަ ހާފް ނިމެން ދަނިކޮށް، މާޒިޔާގެ ޑިފެންޑަރު އަހުމަދު މުޖުތާޒް (މުޖޭ) އަރިމަތިން ނަގައިދިން ހުރަސް، އަސައްކޮއަށް ހުސްކޮށް ލިބުނު ނަމަވެސް، އޭނާ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ މަތިންނެވެ.

މެޗުގެ ދެވަނަ ހާފަށް ނުކުމެ ވަރުގައަށް ފެށީ މާޒިޔާއިންނެވެ. އިތުރު ގޯލްތަކެއް ޖަހާ، ފައިދާ ގޯލްވެސް އިތުރު ކުރުމަށް މާޒިޔާއިން އެޓޭކަށް ސަމާލުކަން ދީގެން ކުޅުނު އިރު، ހާފްގެ ކުރީކޮޅުގައި ކޯނެލިއަސް ފޮނުވާލި ބާރު ހަމަލާ ގޯލްގެ އަރިމަތީ ދަނޑިއަށް އަމާޒުވި އިރު، ނާއިޒް ހަސަން (ދާދު)ގެ ދެ ހަމަލާއެއް ނިއުގެ ގޯލް ބެލެހެއްޓި ޒުވާން ގޯލްކީޕަރު ހަސަން އަބްދުލްހަކީމް ވަނީ ދިފާއުކޮށްފައެވެ.

މިއަދުގެ މެޗުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

މާޒިޔާއިން ހާފް ރަނގަޅަށް ފެށި ނަމަވެސް، ދެވަނަ ހާފްގެ ކުރީކޮޅުގައި ނިއުއިން ނަތީޖާ ހަމަހަމަ ކުރިއެވެ. އާމިރު ގުރުބާނީގެ ގޯލުން ނިއު ނަތީޖާ ހަމަހަމަ ކުރުމާއެކު މާޒިޔާއަށް ނުތަނަވަސްކަން ކުރިމަތިވިއެވެ. ހާއްސަކޮށް ލީގު ތަށްޓަށް އެޓީމުން ކުރަމުން އައި އުންމީދަށް ފަނޑުކަމެއް ގެނުވިއެވެ.

ނިއުއިން ނަތީޖާ ހަމަހަމަ ކުރުމުން މާޒިޔާއިން އިތުރު ހިތްވަރެއް ލާން ޖެހުނެވެ. އެޓީމަށް ކުރިއަށް ޖެހެން މަޖުބޫރު ވެފައި އޮތް އިރު، މާޒިޔާއިން އަނެއްކާވެސް މެޗުގެ ލީޑު ނެގިއެވެ. މާޒިޔާއަށް ހަތަރުވަނަ ގޯލަކާއެކު ލީޑު ނަގައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އިސްމާއީލް އީސަ (މެސީ)އެވެ.

މެޗުގެ ފަހުކޮޅުގައި މާޒިޔާ ވަރުބަލިކޮށް ފެނުނު އިރު، ނިއުއިން ދިޔައީ އޭގެ ފައިދާވެސް ނަގަމުންނެވެ. ދެވަނަ ހާފްގައި ނިއުއަށް ޕެނެލްޓީއެއްވެސް ލިބިފައިވާ އިރު، ސެންޓޭގެ ޕެނެލްޓީ މަތަކޮށް މާޒިޔާއަށް ހިތްވަރު ގެނެސްދިނީ ޒުވާން ގޯލްކީޕަރު ހުސައިނެވެ.

ނިއުއިން ހަމަލާތައް އުފައްދަމުން ގޮސް، އެޓީމުން މާޒިޔާ މާޔޫސް ކޮށްލީ ފަހު ދިހަ މިނެޓްގެ ތެރޭގައެވެ. ޕެނެލްޓީ އޭރިއާ ތެރެއަށް އަކުރަމް އަބްދުލްގަނީ ނަގައިދިން ހުރަސް ގޯލަށް ވައްދާލީ ކުރިން މާޒިޔާއަށްވެސް ކުޅުނު އިބްރާހީމް އަތީގެވެ.

މެޗު ނިމެން ދިޔަ އިރު، ހަމަލާއަކަށްފަހު ހަމަލާއެއް މާޒިޔާއިން އުފެއްދި ނަމަވެސް، އެޓީމަށް ކާމިޔާބު ވާގޮތެއް ނުވިއެވެ. ދާދު އަދި ކޯނެލިއަސްގެ ހަމަލާތައްވެސް ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

ލީގުގެ ފަހު މެޗުގައި މިރޭ ޗެމްޕިއަން ޓީސީ ނުކުންނާނީ ކްލަބު އީގަލްސްއާ ދެކޮޅަށެވެ.