ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމު ޓީސީގެ ނޭޕާލް ގޯލްކީޕަރު ލިމްބޫ ކިރަން ކުމާރު ހޯދައިފިއެވެ.

ލީގުގެ ކުޅުން ނިމި، މިރޭ ޓީސީން ލީގުގެ އައްޑަނަވެސް އުފުލާލާފައިވާ އިރު، ޓީސީން ލީގު ކާމިޔާބުކުރީ 16 މެޗުން 40 ޕޮއިންޓާ އެކުގައެވެ. އޭގެ ތެރެއިން އެއް މެޗުން ޓީސީ އެއްވަރުވެފައިވާ އިރު، އެޓީމު ބަލިވީ ދެ މެޗުންނެވެ.

ޓީސީން ވަރުގަދަ ފޯމެއްގައި ލީގު ނިންމާލި އިރު، އެޓީމަށް ފުރަތަމަ ފަހަރަށް ލީގު ތަށި ހޯދުމުގައި އެންމެ މުހިއްމު ރޯލެއް އަދާކުރި އެކަކީ ގޯލްކީޕަރު ކިރަން ކުމާރެވެ. އެގޮތުން ކިރަން ވަނީ ކުޅުނު 16 މެޗުން ނުވަ މެޗުގައި ކްލީން ޝީޓް ހޯދައިފައެވެ. އޭނާ ކޮޅަށް ޖުމްލަ ވަދެފައި ވަނީ 12 ގޯލެވެ.

ނޭޕާލަށް އުފަން ކިރަން ވަނީ މި އަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ ކުރިންވެސް މިދިޔަ އަހަރުވެސް ޓީސީއަށް ކުޅެފައެވެ. އެގޮތުން އެފަހަރު ކިރަން ވަނީ ޓީސީއާއެކު ބަންގްލަދޭޝްގެ އިންވިޓޭޝަނަލް މުބާރާތެއް ކަމަށްވާ ޝެއިހް ކަމާލް އިންޓަނޭޝަލް ކަޕް ހޯދައިފައެވެ.

އެ މުބާރާތަށްފަހު ކިރަން އިންޑިއާގެ އައިލީގުގެ މިނެރާވް ޕަންޖާބަށް ކުޅުނު އިރު، އޭނާ ވަނީ 2017-18 ވަނަ އަހަރުގެ އައިލީގުވެސް އެޓީމާއެކު ކާމިޔާބުކޮށްފައެވެ. ނިމިދިޔަ ސާފް ޗެމްޕިއަންޝިޕްގައި ނޭޕާލްގެ ގޯލް ބެލެހެއްޓުމުގައިވެސް މޮޅު ކުޅުމެއް ދެއްކި ކިރަން އަކީ ނޭޕާލްގެ ތާރީހުގައިވެސް ފާހަގަކޮށްލެވޭ ކުޅުންތެރިޔެކެވެ.

އުމުރުން 28 އަހަރުގެ ނޭޕާލް ގޯލްކީޕަރު ކިރަންއާއެކު ޓީސީން ލީގު އުފުލާލި އިރު، ޓީސީ ވެފައި ވަނީ ރާއްޖޭގެ ލީގު އުފުލާލީ ހަވަނަ ކްލަބަށެވެ.

މީގެ ފަސް އަހަރު ކުރިން ތިންވަނަ ޑިވިޝަންގައި ވާދަކުރި ޓީސީން ފުރަތަމަ ފަހަރަށް ފުރަތަމަ ޑިވިޝަން ކުޅެފައި ވަނީ 2015 ވަނަ އަހަރުގައެވެ. އެޓީމުން ފުރަތަމަ ޑިވިޝަނަށް ކޮލިފައިވީ 2014 ވަނަ އަހަރު ދެވަނަ ޑިވިޝަންގެ ތަށި ހޯދާ، ޕްލޭ އޮފް ކުޅެގެންނެވެ.