ދެކުނު އޭޝިއާގެ 21 އަހަރުން ދަށުގެ ބެޑްމިންޓަން މުބާރާތުގެ ވިމެން ޑަބަލްސް އިވެންޓުން ރާއްޖޭގެ ދެބެން ކަމަށްވާ ފާތިމަތު ނަބާހާ އާއި އައިމިނަތު ނަބީހާ ރިހި މެޑަލް ހާސިލްކޮށްފިއެވެ.

ރާއްޖޭގެ ގައުމީ މުބާރާތުގެ ވިމެންސް ޑަބަލް ޗެމްޕިއަންކަންވެސް އެންމެ ފަހުން ހޯދި ނަބީހާއާއި ނަބާހާއަކީ މިހާރު ބެޑްމިންޓަންގައި އެންމެ ކުޅަދާނެ ދެ ތަރިންނެވެ. މިއަދު ނިމުނު މުބާރާތުގެ އިތުރުންވެސް އެ ދެބެން ވަނީ ދާދި ފަހުން ބައިނަލްއަގުވާމީ ދެ ރިހި މެޑަލް ރާއްޖެ ގެނެސްދީފައެވެ.

އެގޮތުން މިދިޔަ އަހަރު ޑިސެމްބަރު މަހު އިންޑިއާގެ ގުވަހާޓީގައި ބޭއްވި ދެކުނު އޭޝިއާގެ ޔޫތު މުބާރާތާއި މި އަހަރު ޖޫން މަހު އޮތް މޮރިޝަސް ބެޑްމިންޓަން ސީރީސްގައިވެސް ނަބީހާއާއި ނަބާހާ ވަނީ ރިހި މެޑަލް ހޯދައިފައެވެ. މޮރިޝަސް މުބާރާތަކީ ބެޑްމިންޓަނުގެ ދުނިޔޭގެ ފެޑެރޭޝަން ބީޑަބްލިއުއެފް ފެންވަރުގެ މުބާރާތެކެވެ.

ނޭޕާލްގައި ކުރިއަށްދިޔަ ދެކުނު އޭޝިއާ މުބާރާތުގެ ފައިނަލުގައި އިއްޔެ އިންޑިއާގެ ޕެއާއެއް ކަމަށްވާ ޕޫރްވާ ބާވޭއާއި ތަނީޝާ ކްރާސްތޯއާ ދެކޮޅަށް ނަބާހާ އާއި ނަބީހާވަނީ ރަނގަޅު ކުޅުމެއް ދައްކައިފައެވެ. ފުރަތަމަ ސެޓުގައި 21-12 އިން ދިޔަ ނަމަވެސް ދެ ވަނަ ސެޓު ގެއްލުނީ 21-18 އިންނެވެ.

މި ފަހަރުގެ ދެކުނު އޭޝިއާ މުބާރާތުގައި ނަބާހާ ވަނީ އަންހެން ސިންގަލްސް ބައިގެ ސެމީ ފައިނަލުގައި ކުޅެ، ލޯ މެޑަލް ހާސިލްކޮށްފަ އެވެ. އަދި މުބާރާތަށް ދިޔަ ރާއްޖޭ ޓީމުން ވަނީ ކުރިއެރުންތަކެއްވެސް ހޯދައިފައެވެ.