ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓުބޯޅަ މުބާރާތް، ޝިޔާމް މައުރޫފް ސޮކާ ކަޕްގެ ޗެމްޕިއަންކަން ނ. ކެނދިކުޅުދޫން ހޯދައިފިއެވެ.

މިއަދު ހަވީރު ކެނދިކުޅުދޫގައި ކުޅުނު ފައިނަލް މެޗުގައި، އެޓީމުން ޗެމްޕިއަންކަން ހޯދީ މުބާރާތުގެ އެންމެ ކާމިޔާބު އެއްޓީމު، ނ. ހޮޅުދޫއާ ވާދަކޮށް 2-0ގެ ނަތީޖާއަކުންނެވެ.

މީގެކުރިން 2016 ވަނަ އަހަރުގެ ފައިނަލްގައިވެސް އެ ދެޓީމު ވާދަކުރި ނަމަވެސް، މިއީ ކެދިކުޅުދޫން ސިޔާމް މައުރޫފް ސޮކާ ކަޕް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. މެޗަކުން ބަލިނުވެ ފައިނަލަށް ނުކުތް ހޮޅުދޫ، ކެނދިކުޅުދު އަތުން ބަލިވި އިރު، މިއަދުގެ މެޗުގައި ގިނަ ސަޕޯޓަރުންނާއެކު މުޅި ދަނޑުވަނީ ގުގުމާލާފައެވެ.

ފައިނަލް މެޗުގެ ފުރަތަމަ ހާފް 0-0ގެ ނަތީޖާއަކުން ނިމުނު އިރު، އެ ހާފްގައިވެސް ދެޓީމަށް ވަނީ ގޯލް ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މެޗުގައި ކެނދިކުޅުދޫން ފުރަތަމަ ގޯލު ޖެހީ 71 ވަނަ މިނެޓުގައި މުހައްމަދު އިޝާން އެވެ. ކެނދިކުޅުދޫ ޓީމަށް އޭރިޔާގެ އަރިމަތިން ލިބުނު ހިލޭ ޖެހުން އަލީ ބުޝްރީ ފޮނުވާލުމުން ހޮޅުދޫގެ ގޯލްކީޕަރު ބޯޅަ ހިފަން އުޅުމުގެ ތެރޭގައި އަތުން ދޫވި އިރު، އެބޯޅަ ގޯލަށް ވަނީ އޭރިއާ ތެރޭގައި ހުރި އިޝާންގެ ގައިގައި ޖެހިފައެވެ.

މެޗުގެ 81 ވަނަ މިނެޓުގައި ކެނދިކުޅުދޫ ޓީމުން ވަނީ އިތުރު ގޯލެއް ޖަހައިފިއެވެ. މި ގޯލު ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އުމުރުން 21 އަހަރުގެ ޒުވާން ފޯވާޑް މިފްރާހުއެވެ. މެޗު ނިމެންދަނިކޮށް ކެނދިކުޅުދޫގެ ބުޝްރީއަށް ރަތް ކާޑުވެސް ދެއްކިތަން ފެނިގެން ގޮސްފައިވެއެވެ.

މިއަހަރު ކެނދިކުޅުދޫ ޓީމު ގޮވައިގެން ނުކުތީ ރާއްޖޭގެ މަޝްހޫރު ކުޅުންތެރިއެއް ކަމަށްވާ އަހުމަދު ނިޔާޒް (ނިޔާ)އެވެ. ކުޅުންތެރިއެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން ކުޅުމަށްފަހު ފަހަކަށް އައިސް ނިޔާ ފެންނަނީ ކޯޗިން ދާއިރާގައެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕްގެ ޗެމްޕިއަންޓީމަށް ހަ ލައްކަ ރުފިޔާގެ ފައިސާގެ އިނާމް ލިބޭ އިރު، ރަނަރަޕް ޓީމަށް އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމް ވަނީ ކަނޑައެޅިފައެވެ. ނ. އަތޮޅަށް ހުޅުވާލައިގެން މުބާރާތް ބާއްވާ އިރު، އެ މުބާރާތަކީ ރައްޔިތުން މަޖިލީގުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފް ބާއްވާ މުބާރާތެކެވެ.

މިއަހަރުގެ މުބާރާތުގައި 11 ޓީމު ބައިވެރިވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފޯއްބެ

    ވަގު ފައިސާ ދެން ވެސް ހަމަ ވަގު ފައިސާ..