ގައުމީ ޓީމަށް 17 އަހަރު ކުޅުމަށްފަހު، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު އިމްރާން މުހައްމަދު (އިންމަ) ގައުމީ ޖާޒީއަށް ރަސްމީކޮށް އަލްވަދާއުކީ ރޭ ގައުމީ ދަނޑުގައި ކުޅުނު ހާއްސަ މެޗަކުންނެވެ.

ރެއާލް މެޑްރިޑްގެ ލެޖެންޑް، މިޝޭލް ސަލްގާޑޯއާއި މެންޗެސްޓާ ޔުނައިޓެޑްގެ ލެޖެންޑް ޕީޓާ ޝޫމައިކަލްއާ އެކު، ރާއްޖޭގެ އެހާރާ މިހާރުގެ އެތައް ތަރިންނެއް ފެނިގެންދިޔަ މެޗުގައި އިންމަވެސް ކުޅެފައިވާ އިރު، އޭނާ ވަނީ ގޯލްވެސް ޖަހާފައެވެ. ލިބުނު ޕެނެލްޓީއަކުން އިންމަ ގޯލް ޖެހި އިރު، އޭނާގެ ޓީމު މެޗު ކާމިޔާބުކުރީ 4-3ގެ ނަތީޖާއަކުންނެވެ.

އިންމަ ޓީމަށް ރޭގެ މެޗުގައި ކުޅުނު އެންމެ މުހިއްމު އެއް ކުޅުންތެރިޔަކީ ގައުމީ ޓީމުގެ ކެޕްޓަންކަންވެސް ކުރި އަލީ އަޝްފާގު (ދަގަނޑޭ)އެވެ. ދަނޑުމަތީގައި އިންމަގެ އެންމ ގާތް އެކުވެރިއެއްގެ ގޮތުގައިވެސް ފެންނަ، ދަގަނޑޭއަކީ ރޭގެ މެޗުގައި އިންމައަށް އަނިޔާވުމެ، ބާލަން ޖެހުމުން ބޭންޑްވެސް އެޅި ކުޅުންތެރިޔާއެވެ.

އިންމަ ގޮސް ދަގަނޑޭއާ ބޭންޑް ހަވާލު ކޮށްލި ވަގުތުވެސް ހާއްސަކަމެއް ފެނިގެންދިޔައެވެ. އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކަށް ކުރި އިހުތިރާމެވެ.

އިންމަގެ ރިޓަޔާމަންޓާ ގުޅިގެން ދަގަނޑޭ ކޮށްފައިވާ ޕޯސްޓްގައި ބުނެފައި ވަނީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރަކީ އިންމަ ކަމަށާއި، 17 އަހަރުން ވަންދެން އިންމަ ގައުމަށް ކުރި އަގުހުރި ހިދުމަތް އަބަދުވެސް ހަނދާން ހުންނާނެ ކަމަށެވެ.

އޭގެ އިތުރުން ދަގަނޑޭ ބުނީ އެކުގައި ވަރަށް އުފާވެރި ދުވަސްތަކެއް ގައުމީ ޓީމުގައިވެސް ހޭދަކުރެވިފައިވާ ކަމަށާއި، އިންމައަކީ ރާއްޖޭގެ ފުޓުބޯޅައިގައި އަބަދުވެސް ދެމިގެންދާނެ ނަމެއް ކަމަށެވެ. އަދި އޭނާގެ ފަހު ޖުމްލައަކަށް ބުނެފައި ވަނީ "ޝުކުރިއްޔާ ގައުމީ ބަތޮލު" މިހެނެވެ.

އިންމައާއި ދަގަނޑޭއަކީ އެކުގައި ގިނަ ކާމިޔާބީތަކެއް ހޯދައިފާ ދެ ލެޖެންޑުންނެވެ. ސާފް ޗެމްޕިއަންޝިޕްގެ ރަން މެޑަލުން ފެށިގެން ކްލަބު ލެވެލްގައިވެސް އެ ދެކުޅުންތެރިން ވަނީ އެކުގައި ގިނަ ކާމިޔާބީތަކެއް ހާސިލް ކޮށްފައެވެ.