ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ (އެފްއޭއެމް) ހިންގާ ކޮމިޓީ އަށް ގައުމީ ޓީމުގެ ކުރީގެ މެނޭޖަރ މުހައްމަދު ހާނިމް، މާޒިޔާގެ ސީއީއޯ ހުސެއިން ޝާފިއު (ކޮކީ) އާއި ކްލަބް އީގަލްސްގެ ޖެނެރަލް ސެކްރެޓަރީ މުފާވިޒް ހާޝިމް (މުފާ) އައްޔަން ކޮށްފި އެވެ.

ފުޓްބޯޅައިގެ ޚަބަރުތައް ގެނެސްދޭ "މޯލްޑިވްސްފުޓްބޯލް" އިން ބުނީ މި ތިން މެމްބަރުން ހިންގާ ކޮމިޓީ އަށް އައްޔަން ކޮށްފައިވަނީ މިދިޔަ ހަފްތާގައި ބޭއްވި އެފްއޭއެމްގެ ހިންގާ ކޮމިޓީގެ ބައްދަލުވުމެއްގައެވެ.

އެފްއޭއެމްގެ އަސާސީ ގަވާއިދު ބުނާ ގޮތުން ހިންގާ ކޮމިޓީގެ މެމްބަރަކު މަގާމުން ވަކިވެއްޖެ ހާލަތެއްގައި އެ މަގާމަކަށް ހިންގާ ކޮމިޓީގެ އިއްތިފާގުން މެމްބަރަކު އައްޔަން ކުރެވިދާނެ އެވެ. އަދި ދެން އެންމެ އަވަހަށް އޮންނަ އާންމު ޖަލްސާއެއްގައި މެމްބަރު ކްލަބްތަކުގެ ތާއީދު އެ ފަރާތަކަށް އޮތްތޯ ބެލުމަށް ވޯޓަކަށް އަހަންވާނެ އެވެ.

އެފްއޭއެމްގެ ހިންގާ ކޮމިޓީ ގައި މިހާރު ނުވަ މެންބަރުން ތިއްބަވައެވެ. އެއީ ރައީސް ބައްސާމް އަދީލް ޖަލީލް، ސީނިއާ ވައިސް ޕްރެޒިޑެންޓް އަހުމަދު ޝާކީބް، ވައިސް ޕްރެޒިޑެންޓް އައިޝަތު ނާޒިމާގެ އިތުރުން މެމްބަރުންގެ ގޮތުގައި ހިމެނޭ މުހައްމަދު އަލީ، މުއާޒް ރަޝީދު، މުހައްމަދު ޝިފާއު، ހުސެއިން ޝާފިއު، މުފާވިޒް ހާޝިމް އަދި މުހައްމަދު ހާނިމް އެވެ.

މި ތިން މެމްބަރުން އެފްއޭއެމްގެ ހިންގާ ކޮމިޓީ އަށް އައްޔަން ކޮށްފައިވަނީ ހިންގާ ކޮމިޓީއަށް އިންތިހާބު ކުރި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަމުގައިވާ ތިނަދޫ ދާއިރާގެ މެމްބަރ އަބްދުﷲ އަހުމަދު އާއި ފުވައްމުލަކު ދެކުނު ދާއިރާގެ އަލީ ޝާހު އަދި ހަނިމާދޫ ދާއިރާގެ ހުސެއިން ޝާހުދީ މަގާމުން ދުރުކުރުމަށްފަހުގައެވެ. މި ތިން މެމްބަރުން ހިންގާ ކޮމިޓީން ވަކިކޮށްފައިވަނީ ހިންގާ ކޮމިޓީގެ ގިނަ ބައްދަލުވުންތަކަކަށް ހާޒިރުވެފައިނުވާތީ އެވެ.