ކުރިން އޭސީ މިލާނަށްވެސް ކުޅުނު ގާނާގެ މިޑްފީލްޑަރު، ކެވިން ޕްރިންސް ބޯޓެންގެ، ލޯން އެއްބަސްވުމެއްގެ ދަށުން ބާސެލޯނާއަށް ސޮއިކޮށްފިއެވެ.

ސަސުއޯލާއަށް ކުޅެމުންދިޔަ ޕްރިންސް، ކްލަބު ދޫކޮށް ބާސާއަށް ސޮއިކުރިކަން ބާސާއިން ވަނީ ރަސްމީކޮށް އިއުލާން ކޮށްފައެވެ.

ޕްރިންސް ބާސާއަށް ގޮސްފައި ވަނީ އަށް މިލިއަން ޕައުންޑަށް އޭނާ ގަނެވޭނެ ފަދަ އެގްރީމަންޓެއްގެ ދަށުންނެވެ. ލޯނަށް ބާސާއިން ދެއްކީ ތިން މިލިއަން ޕައުންޑެވެ.

އުމުރުން 31 އަހަރުގެ ޕްރިންސް، ބާސާ ޖާޒީގައި މާދަމާ ދައްކާލާނެއެވެ. ބާސާއިން ނެރުނު ސްޓޭޓްމަންޓެއްގައި ބުނެފައި ވަނީ ޕްރިންސްއަކީ ބާސާގެ ސިސްޓަމަށް ވަރަށް އަވަހަށް ހޭނޭނެ ކުޅުންތެރިއެއް ކަމަށާއި، ޔޫރަޕްގެ އެންމެ ވަރުގަދަ ހަތަރު ލީގުގައިވެސް ކުޅެފައިވުމުން ޕްރިންސްގެ ތަޖުރިބާ ޓީމަށް މުހިއްމު ކަމަށެވެ. ޕްރިންސް ވަނީ މީގެ ކުރިން އިޓަލީ، އިނގިރޭސިވިލާތް އަދި ސްޕެއިންއާއި ޖަރުމަނު ލީގުގައިވެސް ކުޅެފައެވެ.

ޕްރިންސަކީ ސީދާ ފޯވަޑެއްގެ މަގާމަށްވެސް ކުޅެވޭ އެޓޭކިން ވިސްނުމުގެ މިޑްފީލްޑަރެކެވެ. މި ސީޒަންގެ ކުރީކޮޅުގައި ބާސާއިން މުނީރު ދޫކޮށްލާފައިވާ އިރު، ކޯޗު ބުނެފައި ވަނީ އިތުރު އެޓޭކިން އޮޕްޝަންސް ހޯދާނެ ކަމަށެވެ. ބާސާއަށް ދިޔުމަށްފަހު ޕްރިންސް ބުނެފައި ވަނީ މިއީ އޭނާއަށް ލިބުނު ރަނުގެ ފުރުސަތެއް ކަމަށެވެ.

މީގެ ކުރިން ޕްރިންސް ދީފައިވާ އިންޓަވިއުއެއްގައި އޭނާ ބާސާގެ މައްޗަށް ރެއާލް އިހުތިޔާރުކޮށްފައިވާތީ އެކަމާ ސުވާލުކުރުމުން ބުނެފައި ވަނީ ރެއާލް މަތިން ހަނދާން ނައްތާލުމަށެވެ. އަދި އުންމީދަކީ ދެން ކުޅޭ ކްލަސިކޯ މެޗެއްގައި ގޯލް ޖެހުން ކަމަށްވެސް އޭނާ ބުންޏެވެ.