ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި ޕީއެސްޖީން މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނަ މެޗުގައި، ޕީއެސްޖީގެ ބްރެޒިލް ތަރި، ނޭމާ ޖޫނިއާއަށް ކުޅެވޭނެ ކަމަށް ނުބެލެވޭނެ ކަމަށް ކޯޗު ތޯމަސް ޓުޝެލް ބުނެފިއެވެ.

ފްރެންޗް ކަޕްގައި ސްޓްރަސްބާގާ ދެކޮޅަށް ޕީއެސްޖީން ކުޅުނު މެޗުގައި ނޭމާގެ ފައިގެ ކުޑަހުޅުގެ ކަށިކޮޅެއް ބިންދައިގެން ގޮސްފައިވާ އިރު، އަންނަ މަހު 12 ވަނަ ދުވަހުގައި ޕީއެސްޖީން ޔުނައިޓެޑާ ދެކޮޅަށް ނުކުންނަ މެޗުގައި ނޭމާއަށް ކުޅެވުމަކީ ނާދިރު ކަމެއް ކަމަށް ޕީއެސްޖީ ކޯޗު ވަނީ ބުނެފައެވެ.

"ނޭމާ އެނބުރި ދަނޑު މައްޗަށް އަންނާނެ ދުވަހެއް ބުނަން އަދި ދަތި، އެހެންނަމަވެސް ނޭމާ ޔުނައިޓެޑް މެޗުގައި ކުޅޭނެ ކަމަށް ނުބެލެވޭ،" ޓުޝަލް ބުންޏެވެ.

މިދިޔަ ސީޒަންގެ ފަހު ބައިގައިވެސް އަނިޔާގައި ހޭދަކުރި ނޭމާ، ކިރިޔާ ވޯލްޑް ކަޕަށް ކުޅެވޭވަރުވީއެވެ. އެފަހަރުވެސް އޭނާގެ ފައިގެ ކުޑަ ހުޅުގެ ކަށިކޮޅެއް ބިންދައިގެން ގޮސްފައިވާ އިރު، ރޭގެ މެޗުގައިވެސް ތަދުވެފައި ވަނީ އޭނާގެ ފައިގެ ކުޑަހުޅަށެވެ.