ރޭ ކުޅުނު ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ފައިނަލްގައި ޕޮލިސް ކްލަބު ބަލިކޮށް، ވެމްކޯއިން ތަށި އުފުލާލައިފިއެވެ.

ސޯޝަލް ސެންޓަރުގެ އެތެރެވެށީ ކޯޓުގައި ރޭ ކުޅުނު ފައިނަލްގައި ޕޮލިސްގެ މައްޗަށް ވެމްކޯއިން ކުރި ހޯދީ ތިން ސެޓު އެއް ސެޓުންނެވެ. މިއީ ވެމްކޯއިން ވޯލީބޯލް އެސޯސިއޭޝަންގެ އަންހެން ޑިވިޝަން ތަށި އުފުލާލި ފުރަތަމަ ފަހަރެވެ.

ފައިނަލާ ހަމައަށް ހުރިހާ މެޗަކުން މޮޅުވެގެން ޕޮލިސް ދިޔަ އިރު، ސެމީގައި ޕޮލިސް ވަނީ ވެމްކޯވެސް ބަލިކޮށްފައެވެ. އެހެން ނަމަވެސް ރޭގެ މެޗުގައި އެޓީމުން ވަނީ މޮޅަށް ކުޅެ، ބަދަލު ހިފާފައެވެ.

މެޗުގެ ފުރަތަމަ ސެޓު 25-23 އިން ވެމްކޯ ގެންދިޔަ އިރު، ސެޓުގައި ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ދެވަނަ ސެޓު ގެންދަން ޕޮލިހުންނަށް މަޖުބޫރުވިއެވެ. ހާއްސަކޮށް ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިންގެ ފަރާތުން އެ ރޫހު ފެނިގެންދިޔައެވެ. ފައިނަލާ ހަމައަށްވެސް މޮޅު ކުޅުމެއް ދައްކަމުން އައި ޕޮލިސް ޓީމުގެ ތަރި ހައްވާ ރާޝިދާ (ހައްވަ)ގެ މޮޅު ކުޅުމާއެކު ޕޮލިހުން ސެޓު ގެންދިޔައީ 17-25 އިންނެވެ.

ފޮޓޯ/ ވީއޭއެމް

ދެވަނަ ސެޓު ޕޮލިހުން ގެންދިޔަ ނަމަވެސް، ދެން އޮތް ދެ ސެޓުގައިވެސް ވެމްކޯއިން ތަފާތު ދެއްކިއެވެ. ވެމްކޯ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އައިޝަތު މާޖިދާ އަނިޔާގައި ހުރި ނަމަވެސް، ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އަރީޝާ ވަނީ އެތަން ހަމަކޮށް، ތަފާތު ކުޅުމެއް ދައްކާފައެވެ.

ވެމްކޯއިން ތިންވަނަ ސެޓު 26-24 އިން ގެންދިޔަ އިރު، ފަހު ސެޓުގައި ހިތްވަރުކޮށް، 25-27އިން ސެޓު ގެންދިޔައެވެ.

ފޮޓޯ/ ވީއޭއެމް

މުބާރާތުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފައިނަލްގެ ކުރން ޕޮލިސް ކުޅުނު ހުރިހާ މެޗެއްގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ހައްވައެވެ. އެންމެ މޮޅު ކޯޗުގެ މަގާމު ވެމްކޯގެ ސޮފްވާނަށް ލިބުނުއިރު، އެންމެ އުއްމީދީ ކުޅުންތެރިއަކީ ޕޮލިހުގެ ޝަހާއެވެ.

މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނެނީ ޕޮލިހުގެ ހައްވަ އާއި ހަދީޖާ އިބްރާހިމް އަދި ނުހާ ވަހީދުގެ އިތުުރުން ވެމްކޯގެ މާޖިދާ އާއި އަރީޝާ އަދި މުބާރާތުގެ ތިން ވަނަ ހޯދި ލޮރެންޒޯ ސްޕޯޓްސް ކްލަބްގެ ޖޫޒާން ޒަރީރު އާއި ހައްވާ ސަހާއެވެ.