ދެ އަހަރުގެ މެދުކެނޑުމަކަށްފަހު 25 ވަނަ އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތް އަންނަ މަހު ފެށުމަށް ތައްޔާރުވެއްޖެއެވެ.

ފާއިތުވެދިޔަ ދެ އަހަރު އިންޓަ ރިސޯޓް ވޮލީ މުބާރާތް ނުބޭއްވީ މުޅި ދުނިޔޭގައި ފެތުރެމުންދިޔަ ކޮވިޑް-19 އާ ގުޅިގެންނެވެ. މި ބަލިމަޑުކަމާ ހެދި ވޮލީގެ އިތުރުން ރާއްޖޭގެ ގިނަ ކުޅިވަރު މުބާރާތްތައް ކެންސަލް ކުރަން ޖެހުނެވެ.

ރިސޯޓްތަކުގެ މެދުގައި ވަރަށް ފޯރިޔާއެކު ކުރިޔަށް ގެންދާ މި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 18 ވަނަ ދުވަހުން ފެށިގެންނެވެ.

މިފަހަރުގެ މުބާރާތްވެސް ޒޯންތަކަށް ބަހާލައިގެން ކުރިޔަށް ގެންދާއިރު، ފުރަތަމަ ކުޅޭނީ ޒޯން ބުރެކެވެ. އެގޮތުން ޒޯން ބުރު ނިމުމަށްފަހު، ޒޯންތަކުގެ ޗެމްޕިއަނުން މެދުގައި ޗެމްޕިއަންސް ލީގެއްވެސް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

މުބާރާތުގައި ކޮންމެ ރިސޯޓަކަށްވެސް ގައުމީ ސްކޮޑުގައި ހިމެނޭ ތިން ކުޅުންތެރިޔަކު ހިމެނޭއިރު، މުބާރާތުގެ ގަވައިދަށް އެއްވެސް ބަދަލެއް މިފަހަރު ގެނެސްފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ބަނޑޮސް އައިލޭންޑް ރިސޯޓެވެ. އަދި 2018 ވަނަ އަހަރުގެ މުބާރާތްވެސް ހޯދީ ބަނޑޮހެވެ. މިގޮތުން އެޓީމު އަހަރުގެ މުބާރާތަށް ނިކުންނާނީ ތަށި މިލްކު ކުރުމަށެވެ.