ވޮލީބޯޅައިގައި ރާއްޖެ އަބަދު އެއް ހިސާބެއްގައި އޮވެގެން ނުވާނެ ކަމަށާއި، ރަން މެޑަލްއާ ހިސާބަށް ވާސިލުވާން މިހާރު މަސައްކަތް ކުރަން ޖެހޭ ކަމަށް ނައިބްރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

"ވީއޭއެމް ސީޒަން ޑްރާފްޓް" ގައި ނައިބްރައީސް ވިދާޅުވީ، ވޮލީގައި ރާއްޖެ އޮންނަނީ އަބަދުވެސް އެއް ހިސާބެއްގައި ކަމަށާއި، ނަމަވެސް ވޮލީ ސީޒަނަށް ގެނެވުނު ބަދަލާއެކު ގައުމީ ޓީމަށް ރަން މެޑަލްއާ ހިސާބަށް ވާސިލުވެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ވީއޭއެމްގެ ސީޒަން ރޭ ލޯންޗް ކޮށްފައިވާއިރު، އެ އެސޯސިއޭޝަނުން ވަނީ ސެންޓްރަލް އޭޝިއާގައި މޮޅަށް ކުޅެފައިވާ 18 އިންޑިއާ ކުޅުންތެރިޔަކު ހަ ކްލަބަކަށް ބަހާލާފައެވެ. މިއާއެކު، ސީޒަނުގައި ވާދަކުރާ ހަ ކްލަބަށް ރަނގަޅު ފެންވަރުގެ ތިން ކުޅުންތެރިޔަކު ކުޅޭނެއެވެ.

"އަޅުގަނޑުގެ ހަނދާނަށް އަންނަ ގޮތުގައި 1980 ހިސާބުގައި ރާއްޖޭގެ ކުޅިވަރު އޮންނަނީ ވަރަށް ފޯރިގަދަކޮށް. ޓީމުތަކަށް ކުޅޭ ކުޅުންތެރިންނަށް އޭރު އޮންނަ ލޯބިވެސް ތަފާތު. އޭރު ސަޕޯޓުކުރާ ކްލަބްގެ ދިދަ ގޭގެ އަނބުގަހަށްވުރެ މައްޗަށް ހިއްލާލަންވެސް މަސައްކަތް ކުރޭ" ނައިބްރައީސް ފައިސަލް ނަސީމް ވިދާޅުވިއެވެ.

ކުރިން ރާއްޖޭގެ ކުޅިވަރުގައި އޮތް ފޯރި އަލުން ދިރުވައި އާލާ ކުރަން ޖެހޭކަން ފާހަގަކޮށް ނައިބްރައީސް ވިދާޅުވީ، ވީއޭއެމްގެ އާ ސީޒަނުން އެކަންކަން ފެނިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ގެނަވުނު ބަދަލާއެކު ވޮލީއަށް ރަނގަޅު އަސަރުތަކެއް ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ނައިބްރައީސް ވަނީ ވިދާޅުވެފައެވެ.