އެފްއޭއެމްގެ ވެރިން ބަދަލުކޮށް، އެފްއޭއެމްގެ މިހާރު އޮތް އެކްސްކޯ ބަދަލުކުރުމުގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަސް ވިކްޓަރީ ސްޕޯޓްސް ކްލަބުން ހުށަހެޅި އިރު، އެކަމަށް ބޭނުންވާ އަދަދަށް ސޮއި ލިބިފައި ނުވާކަމަށް އެފްއޭއެމްއިން ބުނެފިއެވެ.

ވިކްޓަރީން އެފްއޭއެމްއަށް ސިޓީ ހުށަހެޅުމަށްފަހު ބުނެފައި ވަނީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބޭއްވުމަށް 19 ކްލަބެއްގެ ސޮއި ލިބިފައިވާ ކަމަށެވެ. އެހެން ނަމަވެސް، މިއަދު އެފްއޭއެމްއިން ބުނެފައި ވަނީ ވިކްޓަރީން އެކަމުގައި އޮޅުވާލައިފައިވާ ކަމަށާއި، އެސޯސިއޭޝަނަށް ހުށަހެޅި ސިޓީގައި ސޮއިކޮށްފައި ވަނީ 15 ކްލަބު ކަމަށެވެ. އަދި އެ 15 ކްލަބުގެ ތެރެއިން ނިއު ރޭޑިއަންޓަކީ އެފްއޭއެމްއިން މުސާރައިގެ މައްސަލައިގައި ސަސްޕެންޑް ކޮށްފައިވާ ކްލަަބަކަށްވުމުން ސޮއި ބަލައި ނުގަނެވޭނެ ކަމަށާއި، އޭގެ އިތުރުން ކްލަބު ރޮކް ސްޓްރީޓާއި ށ. ފޯކައިދުއަކީ އެފްއޭއެމްގެ މެމްބާޝިޕް ލިބިފައިނުވާ ކްލަބުތައް ކަމަށް އެފްއޭއެމްއިން ބުނެފައިވެއެވެ.

"އެފްއޭއެމްގެ މެނޭޖުމަންޓް ބަދަލުކުރުމަށް ކަމަށްބުނެ، ވަކިބައެއްގެ ލާބައާއި މަންފާއަށްޓަކައި ކުރެވޭ މިފަދަ ގާނޫނީއި ހިލާފު އެންމެހައި މަސައްކަތްތަކުގައި ބައިވެރިނުވާނެ ކަމަށާއި، އަދި އެފަދަ އެއްވެސް ކަމެއްގައި ބައިވެރިނުވާނެ" ކަމަށްބުނެ ހަތަރު ކްލަބަކުން އެފްއޭއެމްއަށް ޔަގީން ދީފައިވާކަމުގެ ސިޓީތައް ފޮނުވާފައިވާ ކަމަށްވެސް އެފްއޭއެމްގެ ބަޔާނުގައިވެއެވެ.

އެފްއޭއެމްއިން ބުނެފައި ވަނީ ސިޓީގައި ސޮއިކޮށްފައިވާ އަދަދުން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއަކަށް ގާނޫނީ އަދަދު ހަމަނުވާ ކަމަށާއި، ވިކްޓަރީން ހުށަހަޅާފައިވާ ސިޓީ ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާއާވެސް މިހާރު ހިއްސާ ކޮށްފައިވާނެ ކަމަށެވެ.

އެފްއޭއެމްގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ފުޓުބޯޅައިގެ މުއްސަނދި ތާރީހެއް އޮތް އަދި ފުޓުބޯޅައަށް ނުހަނު އަގުހުރި ހިދުމަތްތަކެއް ފޯރުކޮށްދީފައިވާ އަދި ކޮށްދެމުންދާ ދިވެހި ރާއްޖޭގެ އެންމެމަތީ ފަންތީގެ ފުޓުބޯޅަ ކުޅޭ ކްލަބެއްގެ ފަރާތުން އެފަދަ ޒިންމާދާރުކަން ކުޑަގޮތަކަށް ހަގީގަތާ ހިލާފު ވާހަކަތައް މީޑިއާގައި ދައްކާފައިވާތީ އެކަމަށް އިންތިހާއަށް ހިތާމަ ކުރާ ކަމަށެވެ.

ވިކްޓަރީން ހުށަހެޅި ސިޓީއާ ގުޅޭ ގޮތުންނާއި އެފްއޭއެމްގެ ކަންތައްްތަކަށް ސަރުކާރު، ނުވަތަ ތިންވަނަ ފަރާތެއްގެ ނުފޫޒު ފޯރުވާތީ ފީފާއިން ވަނީ މިދިޔަ ހަފްތާ ތެރޭ ސިޓީއެއްވެސް ފޮނުވާފައެވެ. އެފަދަ ކަންކަން (އެފްއޭއެމް ތެރެއަށް ތިންވަނަ ފަރާތަކުން ވަނުން) ނު ހުއްޓައިފި ނަމަ ރާއްޖެ ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރުވެސް ފީފާގެ ސިޓީގައި ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިކްރާމް އަބުދުއްސައްތާރު

    މި ކަހަލަ ޢައްދާރުން ދައުލަށް ކަވާލުމުގެ ބައިވެރިން އަދިވެސް ނުވޭތަ ގެޔަށް ފޮނުވާލާކަށް؟