މިދިޔަ އަހަރުގެ ފުޓުބޯޅަ ކަލަންޑަރަކީ ފެއިލިއާއެއް ކަމަށް ނިންމިދާނެއެވެ. ސީޒަން ނިންމާލަން ޖެހުނީ އެފްއޭކަޕް އަދި ޕްރެސިޑެންޓްސް ކަޕާވެސް ނުލައެވެ. ކުޅުންތެރިންނަށް މުހިއްމު ދެ މުބާރާތް ގެއްލުމާއެކު އެކަމުގެ ފާޑުކިޔުން އެފްއޭއެމްއަށްވެސް ވަނީ އަމާޒުވެފައެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލުވެސް ވިދާޅުވެފައި ވަނީ މިދިޔަ ސީޒަނަކީ ފުޓުބޯޅައިގައި ކާމިޔާބު ސީޒަނެއް ކަމަށް ބަލައި ނުގަންނަ ކަމަށާއި، ހޯދުނު ކާމިޔާބީއަކީ ހަމައެކަނި ސާފު ޗެމްޕިއަންޝިޕް ކަމަށެވެ. ހަގީގަތުގައިވެސް ލީގު ސްޓްރަކްޗާއާއި ސީޒަން ކަލަންޑަރު މިދިޔަ އަހަރުވީ ކްލަބުތަކަށް ވޭނަކަށެވެ. އެތަކެއް މައްސަލަތަކެއް ދިމާވެ، މިސްރާބެއް ނެތި، ބޮއްސުންލީއެވެ.

ލީގުގެ ދަތިތަކާއި، ލީގުގެ ހުރިހާ ކަމެއްވެސް ސީދާ ގުޅެނީ ގައުމީ ޓީމާއެވެ. ގައުމީ ޓީމުގެ ފެންވަރަކީ އެގައުމެއްގެ ލީގުގެ ފެންވަރަށް ބަރޯސާވާނެ ކަމެކެވެ.

ލީގު ބްރޭކް - ސީދާ އަސަރު ކުޅުންތެރިންނަށް

ސާފް ޗެމްޕިއަންޝިޕްގެ ޓްރޮފީއާއި އަދި ގައުމީ ޓީމުގެ ކުޅުންތެރިންނާއިއެކު އާއްމުންނަށް ފޮޓޯ ނެގުމުގެ ފުރުސަތު ދިނުމަށް މިއަދު މާފަންނު ސްޓޭޑިއަމްގައި ބޭއްވި އިވެންޓުގެ ތެރެއިން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ފުޓުބޯޅަ ކުރިއެރުވުމަށް ދެމެހެއްޓެނިވި ފެންވަރެއްގައި ލީގު ފުޓުބޯޅަ ކުޅުން މުހިއްމެވެ. ހާއްސަކޮށް ފުރަތަމަ ޑިވިޝަނަކީ، ވާދަވެރި ފެންވަރު ރަނގަޅު ލީގަކަށް ވުމަކީ ގައުމެއްގެ ގައުމީ ޓީމަށް ކާމިޔާބު ގެނެވޭނެ އެންމެ ސިމްޕަލް ފޯމިއުލާއެވެ.

ސީޒަން ނިމުމަށްފަހު ބޮޑު ބްރޭކަކަށް ގޮސްފައިވާ އިރު، މިއަހަރު ސީޒަން ފަށާނީ ޖޫންގައި ކަމަށް ކްލަބުތަކުގެ މަޝްވަރާއާއެކު އެފްއޭއެމްއިން ވަނީ ނިންމާފައެވެ. އޭގައި ފައިދާތަކެއް އަދި ގެއްލުންތަކެއްވެސް ހުންނާނެއެވެ. އޭގެ ސަބަބުން ބޮޑު ހުސްކަމެއް ފުޓުބޯޅައަށް އަންނަ އިރު، ކުޅުންތެރިންނަށް ފުރިހަމައަށް އަސަރު ފޯރާނެއެވެ.

"މިހާލަތަކީ އެންމެ ހިތްހަމަ ޖެހޭ ހާލަތެއް ނޫން. މެޗެއް ކުޅެލަން ނުލިބި އޮންނަތާ އެތައް ދުވަހެއް. ދެކުނު އޭޝިއާގެ އެންމެ ބޮޑު މުބާރާތް ނަގާފައި އައިސް އަދި ކުޅެވުނީ އެންމެ މެޗެއް. އެއީ އެކުވެރިކަމުގެ މެޗު. އޭގެ ފަހުން އެއްވެސް ހަރަކާތެއް ނެތި ގައުމީ ޓީމު މިއޮތީ. މިދިޔަ ހަތަރު ފަސް މަހު ކުޅުންތެރިންނަށް އެއްވެސް މެޗެއް އެއްޗެއް ނުލިބި މިދަނީ. އަހަރެން މިހުރީ ވަރަށް ކަންބޮޑުވެފައި ކުޅުންތެރިން ހާލަތަށް. ކުޅުންތެރިންނަށް ލީގުވެސް ނެތް. ރާއްޖޭގެ ކުޅުންތެރިންނަށް މިއީ ވަރަށް އުނދަގޫ ދުވަސްތަކެއް،" ރާއްޖޭގެ ގައުމީ ފުޓުބޯޅައިގެ ސަބަބުން ގައުމީ ޓީމަށް ކުރާ އަސަރަ ގުޅިގެން ގައުމީ ކޯޗު، ޕީޓާ ސެގަޓް "ވަގުތު"އަށް ދިން އެކްސްކްލޫސިވްއެއްގައި ބުންޏެވެ.

ގައުމީ ޓީމް ސާފް ޗެމްޕިއަންޝިޕަޕް ތައްޓާއެކު ރާއްޖެ އައުމުން ވަނީ ހޫހު މަރުހަބާއެއް ކިޔާފައި - ވަގުތު އިމޭޖްސް: މުހައްމަދު ޖިމީ

ލީގުގެ ބްރޭކާއެކު ރާއްޖޭގެ ފުޓުބޯޅަ ހުއްޓުމަކަށް އައިސްފައިވާ އިރު، 10 އަހަރު ތެރޭގައި ގައުމީ ޓީމުން ހޯދި އެންމެ ބޮޑު ކާމިޔާބީއަށްފަހު ގައުމީ ޓީމު އަޑު ނުވެސް ނެތެވެ. ލީގުގެ ބްރޭކާއެކު ކުޅުންތެރިންނަށް ހަތް މަސް ދުވަހުގެ ބްރޭކެއް އައިސް، ގައުމީ ޓީމާއެކު ސާފް ނެގި ކުޅުންތެރިން ގެއްލިއްޖެެވެ.

"އަހަރެން ދުވަހަކުވެސް ނުދެކެން ބޮޑު މުބާރާތަކަށްފަހު ހަތް މަހު ބްރޭކެއް ގައުމީ ޓީމަކަށް އައި ތަނެއް. މިއީ މައްސަލައެއް. އެންމެ ބޮޑު ކަމަކީ މުސާރަ. ކުޅުންތެރިންނަށް އެހެން ކަންތައްވެސް ދަތިވާނެ. އެކަމަކު މުސާރައަކީ އެންމެ ދަތިވާނެ ކަންތައް. އަހަރެންގެ އެންމެ މޮޅެތި ކުޅުންތެރިން ފުޓުބޯޅަ މާހައުލު ދޫކޮށް، ރަށަށް ގޮސް، އިތުރު ވަޒީފާތަކަށް ދާން ޖެހިފައި މިއޮތީ،" ސެގަޓް ބުންޏެވެ.

ޖީލެއް ގެއްލިދާނެ - ނިންމުން ނިންމި ހާލަތު ގޯސް؟

ގައުމީ ޓީމް ސާފް ޗެމްޕިއަންޝިޕް 2018 ކާމިޔާބުކުރުމަށްފަހު ރާއްޖެ އައުން - ވަގުތު އިމޭޖަސް: އަމީން ފަހުމީ

މީގެ ކުރިން 2008 ވަނަ އަހަރު ނެގި ސާފް ޗެމްޕިއަންޝިޕަށްފަހު ދިވެހި ގައުމީ ޓީމަށް ތަށްޓަކާ ނުލާ 10 އަހަރު ދިޔައެވެ. ދިވެހި ފުޓުބޯޅައަށް އެ 10 އަހަރުވެސް ވެގެންދިޔައީ މާޔޫސްކަން ބޮޑު 10 އަހަރަށެވެ. މައްޗަށް ދިޔުމުގެ ބަދަލުގައި ދިޔައީ އެތައް ތަނެއް ދަށެވެ.

އެފަދަ ފަނޑުކަމެއްގައި ވަނިކޮށް، މިދިޔަ އަހަރު ލިބުނު ސާފް ޗެމްޕިއަންޝިޕާއެކު އުންމީދެއް ގެނުވިއެވެ. އެތައް ބަޔަކަށް ގައުމީ ޓީމު އަލުން ފެނުންނެވެ. އެހެން ނަމަވެސް އޭގެ ފަހުން ފުޓުބޯޅަ ހުއްޓުނީ ސީޒަނަށް ގެނައި ބަދަލާއެކުއެވެ. ސުވާލަކީ އެ ބަދަލު އައީ އެންމެ ރަނގަޅު ވަގުތުގައިތޯ ކުރެވޭ ސުވާލެވެ.

"ގެނެވުނު ބަދަލަކީ ކުޅުންތެރިންގެ ފިޒީކަށް ބަދަލުތަކެއް އަންނާނެ ކަމެއް. ފޯކަސް ގެއްލޭނެ ކަމެއް. ޖެނެރޭޝަނެއް ދިޔުމުގެ ރިސްކްވެސް އޮތް ކަމެއް. އަހަރެންގެ ހިޔާލުގައި ބްރޭކް ބޮޑު ވުމަކީ ވަރަށް ގެއްލުން ބޮޑު ކަމެއް. އަހަރެން އެފްއޭއަށްވެސް ބުނިން މި ވާހަކަ. އަހަރެން ދެކޭ ގޮތުގައި ފުޓުބޯޅައަށް މިއީ ވަރަށް ދެރަ ކަމެއް. ނިންމަން ނިންމަން ޖެހޭ ދަނޑިވަޅެއް ނޫން ކަންނޭނގެ މިއީ. މީގެ ހަތަރު ފަސް އަހަރު ކުރިން ނިންމުން ނިންމަން ޖެހިފައި އޮތީ،" ސެގަޓް ބުންޏެވެ.

ސެގަޓް ބުނީ އޭޝިއަން ކަޕް ކުޅުމަށް ވާދަކުރެވޭނެ ފަދަ ބަދަލެއް ކޮލިފިކޭޝަނަށް ގެނައި ހިސާބުން ބަދަލު ގެނެސް، ގައުމީ ޓީމަށް އެކަން ފައްކާ ކުރަން ޖެހޭ ކަމަށެވެ. މި ދަނޑިވަޅުގައި ބަދަލު އައުމަކީ ގައުމީ ޓީމުގެ ހުރިހާ ކުޅުންތެރިންނަށް އެއްފަހަރާ "ލިގަމެންޓް އަނިޔާއެއް" ވުން ކަހަލަ ކަމެއް ކަމަށެވެ.

ޒުވާން ޓީމަށް ބޮޑު މުބާރާތެއް - މަދު ތައްޔާރީތަކާއެކު ބޮޑެތި ޓީމުތަކާ ދެކޮޅަށް

ގައުމީ ޒުވާން ޓީމު މިހާރު ތައްޔާރު ވަމުންދަނީ އޭޝިއަން ޝެމްޕިއަންޝިޕްގެ 23 އަހަރުން ދަށުގެ ކޮލިފައިން އަށެވެ. އަންނަ މަހު 22 ން 26 އަށް ސައުދީ އަރަބިއްޔާގައި ކުރިއަށްދާ، ރާއްޖެ ހިމެނޭ ގުރޫޕް 'ޑީ' ގައި ހިމެނެނީ ސައުދީ އަރަބިއްޔާ އާއި ލުބުނާންގެ އިތުރުން އަރަބި އެމިރޭޓްސްއެވެ.

އެތައް ދުވަހެއް ވަންދެން އެގައުމުތަކުން ތައްޔާރުވެފައިވާ އިރު، ގައުމީ ކޯޗަށް، އޭނާ ޓީމު ނަގަން ޖެހޭ ކުޅުންތެރިންގެ ކުޅުން ނުފެންނަތާ އެތައް ޒަމާނެކެވެ. ޓީމު ނަގަން ކޯޗު ސެގަޓަށް ވަނީ ގޮތް ހުސްވެފައެވެ. ޓީމުގެ ހާލަތު އެއްވެސް ގޮތަކަށް ނޭނގެއެވެ.

ސާފް ސުޒުކީ ކަޕް ފައިނަލް: ދިވެހިރާއްޖެ އަދި އިންޑިއާ ބައްދަލު ކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"ޒުވާން ކުޅުންތެރިންނަށް ސައުދީގައި އޮތް މުބާރާތަށް ދާއިރުވެސް ކްލަބުތަކުގައި ފަރިތަކުރުމެއް ނެތި، ކުއްލިއަކަށް މުބާރާތަށް މި ދާން ޖެހެނީ. އެއީވެސް ބޮޑު މައްސަަލައެއް. ތިން ހަތަރު މަހު އެއްވެސް ފުޓުބޯޅައެއް ނުކުޅެ ތިބެ ގޮސް ސައުދީ، ލުބުނާން ތަންތަނާ މިކުޅެނީ. ވޭތުވެދިޔަ 10 އަހަރުގެ އެންމެ ބޮޑު ކާމިޔާބީއަށްފަހު ފުޓުބޯޅަ ހުއްޓާލީ. އެއީ ގަބޫލުކުރަން އުނދަގޫ ކަމެއް،" ސެގަޓް ބުންޏެވެ.

ގައުމީ ޓީމުގެ ކުޅުންތެރިން ފުޓުބޯޅައާ ދުރުގައި އުޅެމުންދާތީ އެކަމަށް ކަންބޮޑުވެ، ސެގަޓް ވަނީ ސާފް ޗެމްޕިއަންޝިޕްގައި، ގައުމީ ޓީމާއެކު މަސައްކަތް ކުރި، އެސިސްޓެންޓް ކޯޗް، ގެލާ ޝެކިލާޒީ އާއި ފިޓްނަސް ޓްރެއިނާ ވަލްޑަމީރު ކްރުނިޗް 'ލާޑޯ' އަލުން ގައުމީ ޓީމަށް ގެނެސްފިއެވެ.

މަދު ދުވަސް ކޮޅެއްގެ ތެރޭގައި ސެގަޓަށް އޮތީ ބޮޑު ޗެލެންޖެކެވެ.

"ގައުމީ ޓީމު މިހާރު އޮތީ ސުމަކަށްވުރެވެސް ދަށުގައި. ދެން ފަށަން ޖެހޭނީ މައިނަސްއިން،"

ގައުމީ އެންމެ ބޮޑު ކާމިޔާބީއަށްފަހު، ގައުމީ ޓީމުގެ ކުޅުންތެރިން ވީތަންވެސް ގައުމީ ކޯޗަށް މިހާރު ނޭނގެއެވެ. ކްލަބުތަކުގެ މާލީ ހާލަތު ހުންނަ ގޮތުން، ލީގު ނުފަށަނީސް، ކުޅުންތެރިންނަށް މުސާރަ ދިނުން އެއީ ކްލަބުތަކަށް ވާނެ ކަމެއް ނޫނެވެ. ހަގީގަތުގައި ކުޅުންތެރިން މިހާރު ތިބީ ބިކަވެފައެވެ.

އަމިއްލަ ކޮންމެވެސް ކަމެއް ކޮށްގެން ނޫނީ އާންމުދަނީއެއް ލިބެން މި ހަ ވަރަކަށް މަސް ތެރޭގައި ނެތެވެ. ބައެއް ކުޅުންތެރިން ކުދިކުދި މުބާރާތްތަކުގައެވެ. އަނެއްބައި ކުޅުންތެރިން ވަޒީފާތަކުގައެވެ.

"ގައުމީ ޓީމު މިހާރު އޮތީ ސުމަކަށްވުރެވެސް ދަށުގައި. ދެން ފަށަން ޖެހޭނީ މައިނަސްއިން. ކުޅުންތެރިންނަށް ފަރިތަކުރުމެއް ނެތް. އެނބުރި އަންނާނީ ކޮން ހާލަތެއްގައި ކަމެއް ނޭނގެ. ބައެއް ލޯކަލް މުބާރާތް ކުޅެފައިވާ ކުޅުންތެރިން ރަނގަޅަށްވެސް އައިސްދާނެ. ބްރޭކް ނަގާފައި ނައިސްވެސް ދާނެ. އެކަމަކު އަހަރެން ކުރެވުނު ކަމެއް ކުރާނަން. ބަލައިގަންނަން ނިންމުން. އެހެންވެ އިހުތިރާމް ކުރަން،" ސެގަޓް ބުންޏެވެ.

ސާފް ސުޒުކީ ކަޕް 2018 ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ކަމުގައި ހަގީގަތް އޮތީ އުނދަގޫކޮށް ނަމަވެސް، ލީގުގެ ބަދަލާއެކު ކުރިއަށް އޮތް ތަނުގައި ގައުމީ ޓީމަށް ފައިދާ ކުރަނިވި ނަތީޖާތަކެއް ނުކުތުމަކީ އެންމެ ގިނަ ބައެއްގެ އެދުމަށް ވާނެއެވެ. ވަގުތީ ހާލަތަކަށް މިއަދުގެ ހާލަތުވެ، މުސްތަގުބަލަށް ޖީލުތަކެއް، އުފެދުން އެއީ އެންމެ ބޮޑު އެދުމެވެ. ގައުމީ ޓީމުތަކާ ގުޅިފައިވާ ލީގު، ހަރުދަނާ ވައްޓަފާޅިއަކަށް ފެތި، ކްލަބުތަކާއި ކުޅުންތެރިންނަށް ހިން ދަމާލެވެން ޖެހެއެވެ. ފުޓުބޯޅައަކީ ޒުވާނުންނަށް ހިނިތުންވުމާއެކު ކުޅެވޭނެ ކުޅިވަރަކަށް ވާން ޖެހިއްޖެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މާސްޓަރ

    ޓީމާ ޙަވާލުވިތާ 03 އަހަރު ފަހުން ސުމަކަށް ވުރެ ދައްވީމާ ދެންދައްކާނެ ވާހަކައެއްނެތް. ކޯޗު ޓީމު ތިގެންދަނީ ފަހަތައް ކަމަށް އަމިއްލަ އަށް ތި އިޢުތިރާފް ވެވުނީ.