ޗެމްޕިއަންސް ލީގު ފުޓުބޯޅައަކީ އާންމުކޮށް، ދުނިޔޭގެ އެންމެ ބަލާލަން ހިތްގައިމު ފުޓުބޯޅައެވެ. ޔޫރަޕްގެ އެންމެ ވަރުގަދަ ކްލަބުތަކުގައި، ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިންގެ ހުނަރު ޗެމްޕިއަންސް ލީގުން ފެންނަ އިރު، އެންމެ ބޮޑު ޖާދުލަކީ ހައިރާން ކުރުވަނިވި ނަތީޖާތަކެވެ.

މިއަހަރުގެ މުބާރާތުގެ ގަދަ 16ގެ މެޗުތައް ކުރިއަށްދާ އިރު، ރެ ކުޅުނު ފުރަތަމަ ލެގުގެ ދެ މެޗުގައިވެސް ގޯލެއް ފެނިފައިނުވެއެވެ. ބާސެލޯނާއިން ފްރާންސްގެ ލިޔޯންއާ ދެކޮޅަށް، ލިޔޯން ދަނޑުގައި ކުޅުނު މެޗުވެސް ނިމުނީ 0-0ގައެވެ. ލިވަޕޫލުން އެންފީލްޑްގައި ބަޔާން މިއުނިކާ ދެކޮޅަށް ކުޅުނު މެޗުވެސް ނިމުނީ 0-0ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗަށް ނުކުތް އިރު، ފެވަރިޓުންނަކީ ބާސާއެވެ. ލަލީގާގެ އެއްވަނައިގައި ބާސާ އޮތް އިރު، އެޓީމުން ވަނީ މިދިޔަ 10 އަހަރުގައިވެސް ގަދަ 16 ފަހަނަ އަޅާ ގޮސްފައެވެ.

ފޯމުގައި އޮތް ބާސާއިން ފުރަތަމަ ހާފްގައިވެސް ލީޑު ނެގުމާ ގާތަށް ޖެހިލިއެވެ. އެހެން ނަމަވެސް މުޅި މެޗުގައިވެސް އެޓީމުގެ ހުރަހަކަށްވީ ލިޔޯންގެ ގޯލް ކީޕަރު އެންތޮނީ ލޮޕޭޒްއެވެ. މެޗުގައި އޭނާގެ ފަރާތުން މޮޅު ފަސް ސޭވް ފެނިގެންދިޔައެވެ. ހާއްސަކޮށް ސާޖިއޯ ބުސްކަޓްސްއާއި ލުއިޒް ޝުއަރޭޒް ފޮނުވާލި ބާރު ހަމަލާތައް އޭނާ މަތަކުރީ ހުޝިޔާރު ކަމާއެކުގައެވެ.

ބާސާގެ އެންމެ ނުރައްކާތެރި ހަތިޔާރު މެސީގެ ތިން ހަމަލާއެއްވެސް ފާހަގަކޮށްލެވުނު އިރު، އޭނާގެ ދެ ހަމަލާއެއް ގޯލްކީޕަރު ލޮޕޭޒް މަތަކުރި އިރު، ހިލޭ ޖެހުން ދިޔައީ ތަންކޮޅެއް މަތިންނެވެ.

ބާސާއިން ގިނަ ފުރުސަތުތަކެއް ބޭކާރު ކުރި އިރު، ލިޔޯންއަށްވެސް ލީޑު ނަގާނެ ފަހި ދެ ފުރުސަތެއް ލިބުނެވެ. ހުސައިން އައޯއާ ދުރުން ފޮނުވާލި ބާރު ހަމަލާ ބާސާ ގޯލްކީޕަރު މާކް އެންޑްރޭ ޓާ ސްޓާގަން މަތަކުރި އިރު، މެމްފިސް ޑިޕާއީއަށް ލިބުނު ހަމަލާ އޭނާ ފޮނުވާލީ ބޭރުންނެވެ. އަދި ފުރަތަމަ ހާފްގައި މާޓިން ޓެރިއާ ފޮނުވާލި ނުރައްކާތެރި ހަމަލާވެސް ސްޓާގަން ސޭވް ކުރިއެވެ.

އެ ދެޓީމު ވާދަކުރާ ދެވަނަ ލެގު ބާސާ ދަނޑުގައި އޮންނާނީ މާޗު މަހު 13 ވަނަ ދުވަހުގައެވެ.