މިދިޔަ އަހަރު ދެވަނަ ޑިވިޝަންގެ ޗެމްޕިއަން ޓީމުގެ ގޮތުގައި މިއަހަރު އަލަށް ފަސްޓް ޑިވިޝަންގައި ކުޅޭ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްގެ ކޯޗަކަށް މާޒިޔާގެ ކުރީގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ހަމަޖައްސައިފިއެވެ.

އިންމަ އެ ކްލަބާ ހަވާލުވިކަން ކްލަބުން ޔަގީން ކޮށްދީފައިވާ އިރު، ކްލަބުން ބުނެފައި ވަނީ ދިވެހި ފުޓުބޯޅައިގައި އިންމަ ކޮށްފައިވާ ތަޖުރިބާތަކަކީ ކްލަބަށް މުހިއްމު އަދި ބޭނުންތެރި އެއްޗަކަށް ވާނެ ކަމަށެވެ. އަދި ކްލަބު މިހާރު އޮތް ލެވެލްއަށްވުރެ ކުރިއަށް ޖެހިލުމަށް އިންމައަކީ އެންމެ އެކަށޭނެ ކޯޗެއް ކަމަށްވެސް ދަ ގްރާންޑޭއިން ބުނެފައިވެއެވެ.

މިދިޔަ އަހަރު މާޒިޔާއަށް ކޯޗުކޮށްދިން އިންމަ، ސީޒަންގައި އެ ކްލަބުން ކަނޑައެޅި ޓާގެޓަށް ވާސިލް ނުވެވުމުން، އަންނަ ސީޒަންގައި އެ ކްލަބުން ނުފެންނާނެ ކަމަށް ކުރިން ވަނީ އިއުލާން ކޮށްފައެވެ.

މާޒިޔާއިން 2006 ވަނަ އަހަރު ފުރަތަމަ ޑިވިޝަން ކުޅެން ފެށިއިރު ކޯޗަކީ އިންމައެވެ. އޭނާ ވަނީ އެ ކްލަބު ކާމިޔާބު ކްލަބަކަށް ހެދުމުގައި މުހިއްމު ރޯލެއް އަދާކޮށްފައެވެ. މާޒިޔާއާއެކު 2013 ވަނަ އަހަރުގެ އެފްއޭކަޕްވެސް ކާމިޔާބުކުރި އިންމަ ވަނީ 2014 ވަނަ އަހަރު އެ ކްލަބު ދޫކޮށްލާފައެވެ.

އޭގެ ފަހުން ގައުމީ ސީނިއާ ފުޓުބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ މަގާމުގައި ގިނަ މަސައްކަތްތަކެއް ކުރުމަށްފަހު، އޭނާ ވަނީ 2017 ވަނަ އަހަރު އަލުން މާޒިޔާއަށް އެނބުރި އައިސްފައެވެ.

އިންމައަކީ ކުޅުންތެރިއެއްގެ ގޮތުގައިވެސް ދިވެހި ފުޓުބޯޅައިގެ ތަޖުރިބާ ބޮޑު ފަރާތެކެވެ. އޭނާ ވަނީ ގައުމީ ޓީމަށްވެސް ކުޅެ، ނިއު ރޭޑިއަންޓާއި ކްލަބު ވެލެންސިއާ ފަދަ ބޮޑެތި ކްލަބުތަކުގައި ވިދާލާފައެވެ. އޭގެ އިތުރުން އިންޑިއަން ޕްރިމިއާ ލީގުގައިވެސް ތިން އަހަރެއް ހޭދަކޮށް، އިންމަ ވަނީ ބައިނަލްއަގުވާމީ މުހިއްމު ތަޖުރިބާތަކެއްވެސް ކެރިއަރުގައި ކޮށްފައެވެ.

އިންމައާއެކު ދަ ގްރާންޑޭއިން ސީޒަނަށް ތައްޔާރުވާ އިރު، އެޓީމުން އަންނަނީ ކުޅުންތެރިންގެ ސޮއިވެސް ހޯދަމުންނެވެ. ނިއުގެ އިތުރުން ގައުމީ ޓީމަށްވެސް ގިނަ ދުވަސްތަކެއް ވަންދެން ކުޅުނު މުހައްމަދު ރަޝީދު (ހޮކޭ)އާއި މާޒިޔާއަށް އަހަރުތަކެއް ވަންދެން ކުޅެ، ގައުމީ ޓީމުންވެސް ޖާގަ ހޯދި ޔަސްފާދު ހަބީބު (މުލަކޭ)ވެސް އަންނަ ސީޒަންގައި ފެންނާނީ ދަ ގްރާންޑޭއިންނެވެ.