ރެއާލް މެޑްރިޑްގެ ކެޕްޓަން، ސާޖިއޯ ރާމޯސް، ގަސްދުގައި ދެވަނަ ރީނދޫ ކާޑެއް ހޯދާ، ދެވަނަ ލެގަށް ސަސްޕެންޑް ވި މައްސަލައެއް ޔޫއެފާއިން ބަލަން ފަށައިފިއެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި ރެއާލްއާއި އެޔެކްސް ކުޅުނު ފުރަތަމަ ލެގު އަވޭގައި ކުޅުނު އިރު، އެ މެޗުން ރެއާލް މޮޅުވީ 2-1ގެ ނަތީޖާއަކުންނެވެ. މެޗުން ހޯދި އަވޭ މޮޅާއެކު ރެއާލްއަށް ކުއާޓާގެ އުންމީދު ބޮޑުކޮށް އޮތް އިރު، ރާމޯސް މެޗަށ ނުކުތީވެސް ރީނދޫ ކާޑަކާ އެކުގައެވެ.

ކުރިއަށް އޮތް ގަދަ 16ގެ ދެވަނަ ލެގަށްވުރެ، ކުއާޓާއާއި ސެމީ ފައިނަލް މެޗުތައް މުހިއްމުވާ އިރު، ކާޑެއް ހޯދައިގެން ކުރީބައިގައި ސަސްޕެންޑްވުމަކީ، އަޔެކްސް މެޗުގައި ރާމޯސް ބޭނުންވި ގޮތް ކަމަށް ޔޫއެފާއަށް ފެނިފައިވާ އިރު، އެ މައްސަލަ ދަނީ ބަލަމުންނެވެ. އަޔެކްސްއާ ދެކޮޅަށް ކުޅުނު މެޗު 89 ވަނަ މިނެޓުގައި ރާމޯސް، އަޔެކްސްގެ ކެސްޕާ ޑޮލްބާގަށް ގަސްދު ފައުލް ކޮށްފައިވާ އިރު، ރެފްރީ ވަނީ ރީނދޫ ކާޑު ދައްކާފައެވެ.

މެޗަށްފަހު ރާމޯސް ބުނީ ގަސްދުގައި ކާޑެއް ހޯދަން ނޫން ގޮތަކަށް އޭނާ އެކަން ކުރި ވާހަކަ ބުނެފި ނަމަ، އެ ވާނީ ދޮގު ހެދުމަށް ކަމަށެވެ. އެހެން ނަމަވެސް، ޔޫއެފާއިން މައްސަލަ ބަލަން ފެށުމާއެކު ރާމޯސް ބުނީ ގަސްދުގައި ފައުލް ކުރި ނަމަވެސް، ކާޑެއް ހޯދާ ސަސްޕެންޑްވުމަށް އޭނާ ހިތުގައި ނެތް ކަމަށެވެ.

އޭގެ އިތުރުން ރާމޯސް ބުނީ އެ ހަމަލާއަކީ ކައުންޓާ އެޓޭކްގައި އައި ނުރައްކާތެރި ހަމަލާއެއް ކަމަށާއި، އެ ހަމަލާ ހުއްޓުވަން އޭނާ ފައުލް ކުރީ މަޖުބޫރުވުމުން ކަމަށެވެ.

ޔޫއެފާއިން މާދަމާ އެ މައްސަލައިގައި ގޮތެއް ނިންމާ އިރު، ރާމޯސް ގަސްދުގައި ކާޑު ހޯދައިގެން ސަސްޕެންޑްވިކަމަށް ނިންމައިފި ނަމަ، އޭނާ ދެ މެޗަށް ސަސްޕެންޑް ކުރާނެ ކަމަށް ބެލެވެއެވެ.