ރާއްޖޭގެ ފުޓުބޯޅައިގެ ކުރިމަގަށް އެޅުނު އެންމެ މުހިއްމު ފިޔަވަޅަކަށްވީ މިދިޔަ އަހަރު ބަންގްލަދޭޝްގައި އޮތް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމެވެ. އެޓީމުގައި ޒުވާން ކުޅުންތެރިންތަކެއް ހިމެނި، ގައުމީ ފުޓުބޯޅައަށް ލޯބިކުރާ އެތައް ބަޔަކަށް ފުޓުބޯޅައިގެ މުސްތަގުބަލު ކުރަހާލަ ދިނުން ވެގެންދިޔައީ ހިތްވަރަކަށެވެ.

ގައުމީ ޒުވާން ޓީމުން އޭއެފްސީ 23 އަހަރުގެ ދަށުގެ ކޮލިފިކޭޝަންއަށް ތައްޔާރުވަމުންދާ އިރު، ޓީމުގެ ފުރަތަމަ މެޗު މިރޭ، ވަރުގަދަ ސައުދީ އަރަބިޔާއާ ދެކޮޅަށް ނުކުންނާނެއެވެ. އެ މެޗު އޮންނާނީ ރާއްޖެ ގަޑިން 10:25 ގައެވެ. ދެ ވަނަ މެޗުގައި އާދިއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 7:25 ގައި ނިކުންނާނީ ޔޫއޭއީއާ ދެކޮޅަށެވެ. ތިން ވަނަ މެޗުގައި މި މަހު އަންގާރަ ދުވަހު ނުކުންނާނީ ލުބުނާންއާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ އެރޭ ރާއްޖެ ގަޑިން 7:25 ގަ އެވެ.

އޭރުގެ ޓީމު ---

މުޅިންވެސް ވަރުގަދަ ޓީމުތަކަށެވެ. ރާއްޖޭގެ ރޭންކިންއާ އަޅާ ބަލާ އިރު، އޭޝިއާގެ ގަދަ ބާރުތަކެވެ. އެކަމަކު މީގެ ކުރިންވެސް ރާއްޖެއަށް ލިބުނު ތަޖުރިބާ، މިފަހަރުވެސް ގައުމީ ޓީމަށް ލިބޭނެކަން ޔަގީނެވެ، 2015 ވަނަ އަހަރު އޮމާންގައި އޮތް ކޮލިފިކޭޝަންގައި ރާއްޖެއިން ކުޅުނު އިރު ބައިކޮޅަށް 17 ގޯލު ވަދެގެން މުޅި ދިވެހީން ލަދުގަތެވެ. ރާއްޖެއަށް ޖެހުނީ ދެ ގޯލެވެ. އެއީ ލެބަނަން ކޮޅަށް މުހައްމަދު އިރުފާން (އިރޭ) ޖެހި ގޯލާއި އިރާގު ކޮޅަށް ހަމްޒާ މުހައްމަދު (ހަމްޕު) ޖެހި ގޯލެވެ.

އެހެން ނަމަވެސް، އެ ތަޖުރިބާއިން މާޔޫސް ނުވާންވީ ސަބަބު ދައްކައިދީފިއެވެ. މިހާރު ގައުމީ ސީނިއާ ޓީމުގެ މުހިއްމު ކުޅުންތެރިންނަކީ އެ ޒުވާން ޓީމުގެ ލީޑަރުންނެވެ. މިފަހަރުވެސް ގައުމީ ކޯޗުގެ އުންމީދަކީ އެއީއެވެ. ޒުވާން ކުޅުންތެރިންނާއި، ދިވެހި ކޯޗުންނަށް އާ ތަޖުރިބާއެއް ދިނުމެވެ.

ތަމްރީނުތަކުގެ ތެރެއިން --- ފޮޓޯ/ ފާއިދު، އެފްއޭއެމް

" މި ޓީމަކީ ވަރަށް ހުނަރުވެރި ޓީމެއް. ޓިމުގައި 17 އަހަރު ކުޅުންތެރިން ވެސް އެބަތިބި. އަހަރުމެން މަސައްކަތް ކުރަނީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ހޯދައިދޭން. ފުޓްބޯޅަ ކުރިއަށް ގެންދަން އެފްއޭއެމުން އެދެނީ ޒުވާން ކުޅުންތެރިންނާއި ކޯޗުންނަށް ކުޅުމުގެ ފުރުސަތު ދޭން. މޮޅުވުމުގެ އުއްމީދު އެބައޮތް،" ސައުދީ އަރަބިޔާގައި ހުރެ ވާހަކަ ދައްކަމުން ކޯޗު ސެގަޓް ބުންޏެވެ.

ކޯޗު ސެގަޓް ބުނެފައި ވަނީ ޝާކިއްޓޭއަކީ އެންމެ މޮޅު ޒުވާން ކޯޗު ކަމަށާއި، އޭނާއާއެކު ޓީމަށް ކާމިޔާބީ އެދޭ ކަމަށެވެ.

" ޝާކިރުއަކީ ޓީމުގެ ކޯޗު. އޭނާ އަކީ އެންމެ ކާމިޔާބު ޔޫތު ކޯޗު. އެފްއޭއެމުން ބުނުމުން އަހަރެން މި ޓީމާއެކު އައީ. އަހަންނަކީ ގައުމީ ކޯޗު. އެހެންްވީމަ އެއީ މައްސަލައެއްނޫން. އަހަރުމެން ސީނިއާ ޓީމު ވަނީ 2018 ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައި. މިއީ އެންމެ ބޮޑު ކާމިޔާބު. މި ޓީމުގައި ސީނިއާ ޓިމުގެ 2 ކުޅުންތެރިން އެބަތިބި. އެފްއޭއެމުން ބުނެފައިވޭ ޔޫތު ކޯޗުންނަށް ފުރުސަތުދޭން. އެއީ ކޯޗުން ތަމްރީނު ކުރުމަށް. ޝާކިރަކީ އަހަރެންގެ އެސިސްޓެންޓް ސީނިއާ ޓީމުގައި. އޭނާ އަށް އަހަރެން ކާމިޔާބީ އަށް އެދެން" ކޯޗު ސެގަޓް ބުންޏެވެ.

ތަމްރީނުތަކުގެ ތެރެއިން --- ފޮޓޯ/ ފާއިދު، އެފްއޭއެމް

ގައުމީ ޒުވާން ޓީމުން ފިލިޕީންސްގައި މުހިއްމު ކޭމްޕެއް ކޮށްފައިވާ އިރު، ގިނަ އެކުވެރިކަމުގެ މެޗުތަކެއް ކުޅެ، ރަނގަޅު ނަތީޖާތަކެއްވެސް ވަނީ ހޯދާފައެވެ. ކޯޗު ސެގަޓް ބުނެފައި ވަނީ އެއީ މުހިއްމު މެޗުތަކެއް ކަމަށާއި، އުންމީދަކީ ރަނގަޅު ނަތީޖާއެއް ނެރުން ކަމަށެވެ.

"މި ގްރޫޕުގައި ތިބީ ވަރުގަދަ ޓީމުތަކެއް. އެކަމަކު ރަނގަޅު ނަތީޖާއެއް ނެރެން އަހަރުމެން އުއްމީދު ކުރަން. ވަރަށް މަސައްކަތް ކުރާނަން،" ކޯޗު ސެގަޓް ބުންޏެވެ.