މޯލްޑިވްސް ރިޒޯޓް ފުޓްސަލް ލީގް 2018ގެ ސައުތު މާލެ ޒޯންގެ ޗެމްޕިއަންކަން ހޮލިޑޭއިން ރިޒޯޓް ކަޑޫމާ މޯލްޑިވްސް ހޯދައިފިއެވެ.

ހޮލިޑޭއިން ރިޒޯޓް ކަޑޫމާ މޯލްޑިވްސް ރިޒޯޓް ފުޓްސަލް ލީގްގެ ޗެމްޕިއަންކަން ހޯދާފައި ވަނީ އިއްޔެ ހަވީރު ފިހަޅޮހި އައިލެންޑް ރިޒޯޓްގެ ދަނޑުގައި ކޮކޯ އައިލެންޑް ރިޒޯޓާއި ވާދަކޮށް އެޓީމްގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ސައުތު މާލޭ ޒޯން އިން ޖުމްލަ 8 ޓީމެއް ވަނީ މި މުބާރާތުގައި ބައިވެރިވެފައެވެ. އެއީ ހޮލިޑޭއިން ރިޒޯޓް ކަޑޫމާ މޯމްޑިވްސް އާއި، ކޮކޯ އައިލެންޑް ރިޒޯޓާއި، އަނަންޓްރާ ރިޒޯޓާއި، ފިހަޅޮހި ރިޒޯޓާއި، އޯޒޯން އެޓްމޮސްފިޔަ ރިޒޯޓާއި، ޖުމައިރަލް ވިޓަވެލި ރިޒޯޓާއި، ބިޔާދޫ އައިލެންޑް ރިޒޯޓުގެ އިތުރުން ވެލައްސަރު ރިޒޯޓެވެ.

ފައިނަލް މެޗް ނިމުމަށްފަހު އެކި އެކި މަޤާމްތައް ހާސިލްކުރި ކުޅުންތެރިންނަށް ވަނީ ތައްޓާއި ހަނދާނީލިޔުން ދީފައެވެ. މި މުބާރާތުގެ ފައިނަލް މެޗްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހާސިލްކޮށްފައިވަނީ ކަޑުމާ ރިޒޯޓްގެ ޖާޒީ ނަންބަރ 12، އަޒްލީން އަޙުމަދެއެވެ. އޭނާ ވަނީ މި މުބާރާތުގެ އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާގެ މަޤާމްވެސް ހާސިލްކޮއްފައެވެ.

މޯލްޑިވްސް ރިޒޯޓް ފުޓްސަލް ލީގް 2018ގެ ސައުތް ޒޯން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހާސިލް ކުރި އަީސް އަލީ - ފޮޓޯ: މޯލްޑިވްސް ރިޒޯޓް ފުޓްސަލް ލީގް ފޭސްބުކް ޕޭޖް

މި މުބާރާތުގައި ކުޅުނު އެންމެ މޮޅު ފަސްކުޅުންތެރިއަކަށް ހޮވިފައިވަނީ ކަޑޫމާ ރިޒޯޓްގެ ޖާޒީ ނަންބަރ 11، ހަސަން ނިޔާފް އާއި އެ ރިޒޯޓްގެ ޖާޒީ ނަންބަރ 5، އަހުމަދު ސާތިރާއި ހަމަ އެރިޒޯޓްގެ ޖާޒީ ނަންބަރ 12، އަޒްލީން އަހުމަދުގެ އިތުރުން ކޮކޯ އައިލެންޑް ރިޒޯޓްގެ ޖާޒީ ނަންބަރ 10، އަހުމަދު ޝަހީން އާއި ހަމަ އެރިޒޯޓްގެ ޖާޒީ ނަންބަރ 8، އަނީސް އަލީއެވެ.

މި މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކަށް ކަޑޫމާ ރިޒޯޓްގެ ޖާޒީ ނަންބަރ 2، ހުސެއިން އަނީސް ހޮވިފައިވާއިރު މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހާސިލްކޮއްފައިވަނީ ކޮކޯ އައިލެންޑް ރިޒޯޓްގެ ޖާޒީ ނަންބަރ 8، އަނީސް އަލީއެވެ.