ރާއްޖޭގެ އެންމެ ވަރުގަދަ ކްލަބެވެ. ކާމިޔާބީތަކުން ޖަރީވެފައިވާ ޒަމާންވީ ތާރީހު އޮތް ކްލަބެވެ. އެތަކެއް ބައެއްގެ ލޯތްބާއި، އިހުތިރާމް ލިބިފައިވާ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ. 1979 ވަނަ އަހަރުން ފެށިގެން، ފުޓުބޯޅަ ޖައްވުގައި، ވިހުރެމުންދާ ނޫ ކުލައިގެ ރަމްޒެވެ.

އެތަކެއް ޒަމާންތަކަކަށްފަހު، ރާއްޖޭގެ ޓޮޕް ލެވެލްއިން ނިއު ގެއްލޭނެ ކަމުގެ ޔަގީންކަން ލިބުނީ އިއްޔެއެވެ. އެފްއޭއެމްގެ ކޮންގްރެސްގައި، އެ އިދާރާއިން، ނިއު ސަސްޕެންޑް ކޮށްފައި އޮތް އޮތުމަށް ފުޓުބޯޅައިގެ ކްލަބުތަކުން އާނބަސް ބުނި ބުނުން ވެގެންދާނީ ޔަގީނުންވެސް ތާރީހީ ނިންމުމަކަށެވެ. އެތަކެއް ގޮތަކުންނެވެ. ކަޅު ދުވަހެއްގެ ގޮތުގައެވެ. ކުޅުންތެރިންގެ ހައްގުގައި ކްލަބުތަކުން ތެދުވެ، އެކައްޗެއް ކީ ދުވަހެއްގެވެސް ގޮތުގައެވެ.

މިއަދު ބޭއްވި ކޮންގްރެސްގެ ތެރެއިން --- ފޮޓޯ/މިހާރު

ދިވެހި 10 ކުޅުންތެރިޔަކަށް ދޭން ޖެހޭ 3.8 މިލިއަން ރުފިޔާ ނުދީވާތީ، އެފްއޭއެމްއިން ނިއު ސަސްޕެންޑް ކުރީ ޖަނަވަރީ މަހުގެ ތިންވަނަ ދުވަހުއެވެ. އެތައް ބަޔަކަށް ލިބުނު ޝޮކެކެވެ. ހާއްސަކޮށް، ނިއުއިން އެފްއޭއެމްގެ އެކްސްކޯ، އެކްސްޓްރާ އޯޑިނަރީ ކޮންގްރެެސްއަކުން ބަދަލުކުރަން ހިފި ދުވަސް ވަރަކަށްވެސް ވުމުންނެވެ. ނިއުއިން އެފްއޭއެމްގެ ބޮލުގައި އެ ތުހުމަތު އެޅުވި ނަމަވެސް، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އެކަމަށް ވިދާޅުވީ، ސަސްޕެންޝަނަކީ ކުޅުންތެރިންގެ ހައްގުގައި ނިންމި ނިންމުމެއް ކަމަށެވެ.

އެފްއޭއެމްގެ އޯޑިނަރީ ކޮންގްރެސްގައި ނިއުގެ ސަސްޕެންޝަން އުވާލުމަށް ހުށަހެޅުމުން 14 ކުލަބުގެ ތެރެއިން، ސަސްޕެންޝަން އުވާލުމަށް ވޯޓް ދިނީ، ދެ ކުލަބަކުންނެވެ. އެއީ ވިކްޓަރީ ސްޕޯޓްސް ކުލަބާއި މަހިބަދޫ ސްޕޯޓްސް ކުލަބެވެ.

އެފްއޭއެމް ކޮންގްރެސްގެ ތެރެއިން --- ފޮޓޯ/ މިހާރު

ނިއު، ދިވެހި ފުޓުބޯޅައިން ގެއްލި ދިޔުމަކީ ފަޅުކަމެކެވެ. 2005 ވަނަ އަހަރު އޭއެފްސީ ކަޕްގެ ސެމީގައި ކުޅެ، ގައުމު ހެއްވާލަދިން، ދިވެހީންގެ ލޯބިވާ ނިއު، ފުރަތަމަ ޑިވިޝަންގައި ނެތުންވާނީ ޒަމާންތަކުގެ ތެރެއިން ހިތަށްވެސް ނުގެނެވޭފަދަ މަންޒަރަކަށެވެ. ހެންވޭރުގެ ދެމަފިރިއަކު ގެނެސްދިން ކްލަބަކީ ދިވެހި ފުޓުބޯޅައިގެ ބޮޑު ހިއްސާއެކެވެ. ހާއްސަކޮށް ކްލަބަކީ އެންމެ ހިންގުންތެރި ހަރުދަނާ ކްލަބެވެ.

"ފުޓުބޯޅައިގެ ކަޅު ދުވަހެއް. އަހަރެންގެ ޒަމާންވީ ކެރިއަރުގައި ނިއުއަށް ނުވެސް ކުޅެން، ކޯޗުކަމެއްވެސް ނުކޮށްދެން. ނިއުއަކީ އަހަރެންގެ އެންމެ ޒަމާންވީ ހަތުރު. އެހެން ނަމަވެސް، ނިއު ފަދަ ގަދަރު އުފުލިފައިވާ ކްލަބެއް ސަސްޕެންޑް ކުރަން އަހަރެން ބޭނުމެއް ނޫން. ސެލެރީތައް ލަސްވެ، ނުދެވި ހުރުމަކީ އާންމުކަމެއް. އެ ބޮޑު މައްސަލަ ހައްލު ކުރުމަށް ކްލަބުތައް ސަސްޕެންޑް ކުރުމުން، އެ ކްލަބުތަކަށް ދަރަންޏެއް އަދައެއް ނުކުރެވޭނޭ. މައްސަލަ ޖެހޭނެ. މައްސަލަ ހައްލުވެސް ކުރެވޭނެ. އެކަމަކު މި ނޫން އެހެން ގޮތެއް އެކަމުގައި އޮންނަން ޖެހޭ،" ވިކްޓަރީ ސްޕޯޓްސްގް ލެޖެންޑް މައުރޫފް އަހުމަދު (މާއްޓޭ)ގެ ފޭސްބުކް ޕޯސްޓްގައިވެއެވެ.

މާއްޓޭގެ އެ ވިސްނުމާ ފުޓުބޯޅަ ކްލަބުތަކުގެ މެޖޯރިޓީ ދެކޮޅެވެ. ކުޅުންތެރިންގެ ހައްގުތައް ހިމާޔަތް ކުރުމަށް އެ ފިޔަވަޅު މަޖުބޫރު ކަމަށް ކްލަބުތަކުން ދެކެއެވެ.

އެފްއޭއެމް ކޮންގްރެސްގެ ތެރެއިން --- ފޮޓޯ/ މިހާރު

"ކުޅުންތެރިންނަށްވެސް ލިބޭ ވަރަށް ބޮޑު ހިތްވަރަކަށް ވާނެ ކުރިއަށް އޮތް ތަނަށް އެކުޅުންތެރިންގެ ރައިޓްސް އަށް ފައިޓް ކުރުމަށްޓަކައި، ރާއްޖޭގެ ޖަޔަންޓް ކަމަށް އެންމެން ބުނާ ކުލަބެއްގެ ސަސްޕެންޝަން އެގޮތުގައި ހިފަހައްޓާލެވިއްޖެއްޔާ. ޓީސީ ސްޕޯޓްސް ކުލަބުން އެދެނީ ކިތަންމެ ދުވަސްވީ ކުލަބަކަށްވިޔަސް، ވިކްޓަރީއަށް ވިޔަސް އީގަލްސްއަށް ވިޔަސް މާޒިޔާއަށް ވިޔަސް އަޅުގަނޑުމެން ޓީސީ ސްޕޯޓްސް ކުލަބުން އެދެނީ، މިހާރުން މިހާރަށްވެސް ފިޔަވަޅު އަޅަން. ޓީސީ އަބަދުވެސް އިސްކަން ދޭނީ ހައްގުތަކަށް. ޓީސީއަށް 2017 ވަނަ އަހަރު ސޮއި ކުރި ކުޅުންތެރިން އެބަތިބި ކުރީގެ ކްލަބުތަކުން މުސާރަ ނުދީ. ކުޅުންތެރިންނަކީ އަޅުންނެއް ނޫން. ވައްކަން ހުއްޓުވަން ޖެހޭ،" ޓީސީގެ އެއް ފައުންޑާ، އަހުމަދު ނަޝީދު (ޑޭވް) ވިދާޅުވެފައިވެއެވެ.

މިއީ ކްލަބުތަކުގެ ހިޔާލާ ވިސްނުމެވެ. ނިއުއަށް ކުރިމަތިވި ސަސްޕެންޝަނާ ހަމައަށް ކްލަބު ވައްޓާލި ގޮތަށް ބަލާލަން މުހިއްމު ކަމަށް ދެކެމެވެ. ހާއްސަކޮށް، ރާއްޖޭގެ އެންމެ ގަދަރުވެރި ކްލަބުގެ މަގާމުން، ކުޅުންތެރިންނަށް 3.8 މިލިއަން ޕައުންޑް ދަރާފައި އޮތް ކްލަބަކާ ހަމައަށް ނިއު ދިޔައީ ކީއްވެތޯ ސުވާލުކޮށްލަން ޖެހެއެވެ.

ކާނަލް އަހްމަދު ޒިޔާދު ނިއުއާ ހަވާލުވެ ދެއްކެވީ ތަސައްވަރެކެވެ. އޭޝިއާގެ ވަރުގަދަ ބްރޭންޑަކަށް ނިއު ހަދާނެ ކަމުގެ ކުލަތަކެކެވެ. އެ ހުވަފެންތަކާއެކު ނިއުއަށް ރަން ދުވަތަކެއް ސަޕޯޓަރުންވެސް ދެކެންފެށިއެވެ. ހާއްސަކޮށް ސަރަހައްދީ ލެވެލްގައި ފާހަގަކޮށްލެވޭ ކުޅުންތެރިންނާއެކު، ގައުމީ ޓީމުގެވެސް އެތައް ކުޅުންތެރިންނެއް ބޮޑެތި ކޮންޓްރެކްޓްތަކުގައި ކްލަބަށް ގެންދިޔައެވެ. ސުވާލަކީ ހަރުދަނާކޮށް، ކްލަބުގެ ފައިމައްޗަށް ތެދުވެ، ސަސްޓެއިން ވާން އުޅުމުގެ ވިސްނުމަކާ ނުލާ، އެ ހުރިހާ ހަރަދެއް ކުރި އިރު، ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާއަށް ވިސްނާ ނުލެވުނީތޯއެވެ.

އެފްއޭއެމް ކޮންގްރެސްގެ ތެރެއިން --- ފޮޓޯ/ މިހާރު

ބަޖެޓާ ނުބައްދަލު މުސާރައިގައި ކުޅުންތެރިންގެ ކަންކަން ހަމަޖައްސާ، އަގު ކިޔައިގެން ގެންގުޅުމުގެ ނަތީޖާ ފެންނަން ފެށީ ކާމިޔާބު ސީޒަނަކަށް ފަހުގައެވެ. ނިއުއަށް ގެނައި ބިދޭސީ ގިނަ ކުޅުންތެރިންވެސް މުސާރާއިގެ މައްސަލަ ހިފައިގެން ފީފާއާ ހަމައަށް ދާން ޖެހުނު އިރު، އެ ކްލަބަށް އެގޮތަކަށްވެސް މިހާރު ސަލާމަތެއް ނެތެވެ. އާއެކެވެ: މުސާރައިގެ މައްސަލަ އޮތީ ނިއު އެކަންޏެއް ނޫނެވެ. އެހެން ނަމަވެސް ހައްލު ނުކުރެވޭނެ ވަރުގެ ދަރަންޏެއް އޮވެ، ހައްލު ކުރެވޭނެ ގޮތެއް ނެތި އޮތީ ނިއު އެކަންޏެވެ.

ރާއްޖޭގެ އެންމެ ސީނިއާ ލެވެލްގެ ކުޅުންތެރިންވެސް ސީޒަންގެ މެދުތެރެއިން، އެފްއޭއެމް މެދުވެރިކޮށް، ކޮންޓްރެކްޓްތައް އުވާލައިގެން ނިއު ދޫކޮށް ދާން ޖެހުނީ ސަބަބުތަކެއް ނެތިއެއް ނޫންކަން ޔަގީނެވެ. އެއީ ހަގީގީ ނިއު ރޭޑިއަންޓެއް ނޫނެވެ. ޒަމާންވީ، ސަޕޯޓަރުން ގިނަ ކްލަބަކުން، ގައުމީ ސީނިއާ ކުޅުންތެރިން ހާލުގައި ޖެއްސީ، "މިސް މެނޭޖުމަންޓް"ގެ ސަބަބުންކަން ޔަގީނެވެ.

އެތަކެއް ކުޅުންތެރިންގެ މުސާރަތައް ލަސްވެ، ސީޒަންގައި ޕްރެކްޓިހަށް ޓީމު ހަމަ ނުވާ ހިސާބަށްވެސް ދިޔަ އިރު، އެތައް ކުޅުންތެރިންނެއް ވަނީ ގޭގެ ފެންބިލާ ކަރަންޓް ބިލް ދެއްކެން ނެތް ފަދަ ވެގެން އެހެން ގޮތަކުން މަސައްކަތްތައްވެސް ކޮށްފައެވެ. ހަގީގަތުގައިވެސް ދިވެހި ފުޓުބޯޅައިގެ ކުޅުންތެރިންނަށް އެވަރަށް ގަދަރު ކުޑެވޭ ގޮތަކަށް، ކްލަބުތަކަށް ބިރެއްނެތި ކޮންޓްރެކްޓްތައް ހެދުން ހުއްޓުވެން ޖެހެއެވެ.

ފުޓުބޯޅައިގެ ކުރިއެރުމާ ތަރައްގީއަށް، ކެރިއަރެއްގެ ގޮތުގައި ފުޓުބޯޅަ ހިޔާރުކުރާ ކުޅުންތެރިންނަށް ހިމާޔަތެއް ދޭން ޖެހެއެވެ. ކްލަބުތައް ހިންގުން އެންމެ ހަރުދަނާ ވާހަކައެއް ބުނަނީކީއެއް ނޫނެވެ. ނުފޯރާ ފޮތިން ފޫގަޅަން އުޅުން ހުއްޓާލަން ޖެހެއެވެ. ސީޒަންގެ މެދާ ހަމައިން، އަތްމަތި ހުސްވެ، ކުޅުންތެރިން މެޗު ކުޅެން ނުދާ ހިސާބަށް ދިޔުމުގައި ކްލަބުތައް ޒިންމާދާރުވާން ޖެހެއެވެ.

ނިއުގެ ސަސްޕެންޝަނަކީ ފުޓުބޯޅައިގެ ތާރީހަށް އައި އުނިކަމެއް ނަމަވެސް، ހަގީގަތުގައި ފިލާވަޅުތަކެއްވެސް ލިބެން ޖެހޭނެ ކަމެކެވެ. ތާރީހު އޮތް ޒަމާންވީ، ގަދަރުުވެރި ކްލަބު، މިހާރު އޮތް އަނދަވަޅާ ހަމައަށް ގެންދިޔަ ބަޔަކުވީ އިހުމާލެވެ. އެކަން ކަމަށް، ތެދުވާން ޖެހެއެވެ. ކުޅުންތެރިންނަށް އިހުތިރާމް ކުޑަކުރުން ހުއްޓަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޖާބިރ

    ނިއުވެސް ވިކުޓުރީވެސް އެބަޖެހޭ ރާއްޖޭގެ ފުޓުބޯޅައިން އިސްތިއުފާދެން

    16
    23
  2. ބަނީ

    މި މައްސަލައިގެ ޙަޤީޤަތަކީ މިއެއް ނޫނެވެ. މިއީ މިއަދު ރާއްޖެ ވެއްޓިފައިވާ ކޮރަޕްޝަނާއި ފަސާދައިގެ އަނދަވަޅުގެ ފުންކަމާއި އެކަމުގެ ނުރައްކަލާއި ބިރުވެރިކަން ތަސައްވުރު ކުރެވޭ ކަމެކެވެ. ދިވެހި ފުޓްބޯޅަ ކުލަބުތައް ބައެއްގެ މުށުތެރެއަށް ލައި ޗިސްޗިސް ކުރަމުންދަނީއެވެ. މިއަދު ކުލަބުތަކަކީ އަމިއްލަ އެއްވެސް ބާރެއް އޮތް ބައެއް ނޫނެވެ. އެފްއޭއެމް ހިންގަން ތިބި ބަޔަކަށް ބަރޯސާވެފައިވާ އަޅުދާސްތުވެފައިވާ މިންވަރު ނޫނީ މި ކަމަކުން ނުފެނެއެވެ.

    12
    4
  3. ތެދު

    ތިހުރިހާކަމެއްވެސް ހިންގީ ނަސީދު މިގައުމައް ގެނައި ލާދީނީ ޑިމޮކްރަސީ...އޭގެކުރިން ދަނޑުތައްފުރާލާ ނަމަވެސް އިބިލީސް މިގައުމުގެ އާއިލާތައް ދުރުކޮއް ކުޅިވަރު އިނދަޖައްސާލާ، ދީނައްފުރައްސާރަކޮއް...ބައިބައިކުރީ...ވ ސަލާމް

    32
    4
  4. އަހާށޭ

    ހަގީގަތުގައި ނިއު ސަސްޕެންޑް ކުރުން ދަަހައްޓަން ތިޔަ ޓީމުތަކުން ބުނުމުން ވަކިޓީމަކަށް ޖައްސާލާފައި ހުރި މިންވަރު އެނގިއްޖެއެވެ. އަހަރެން ބުނާނީ ނިއު ސަސްޕެންޑް ކުރަނޔާ މުސާރަ ނުދީ ހުރި ހުރިހާ ޓީްތައްވެސް ސަސްޕެންޑް ކުރެވެން ޖެހޭނެޔޭ އަދި ވެލެންސިޔާވެސް ސަސްޕެނޑް ކުރެވެން ޖެހޭނެޔޭ އެއީ އެޓީމުވެސް އެތައް ކުޅުންތެރިންނަކަށް އަދިވެސް ފައސާ ނުދީހުރިކަމައްވާތީ. ބަޔަކަށް ދެރަގޮއް ހެދުމަށްފަހު ތިމާއަށް ކާމިޔާބުލިބޭނެކަމަށް ހީނުކުރާތި. ތިޔަ ޒިޔާ، ޓީސީ ކިތައްމެ މޯޅުކުޅުންތެރިން ގަނެގެން ގެންދިޔަސް އެކުޅުންތެރިން އިންޖަރީވެ މުޅިމުބާރާތުން ވަކިވާންޖެހުމަކީވެސް ހަމަކައިރިކަމެއް. ގުދުރަތްތެރިކަން މާބޮޑު ތިޔަ ފުޓްބޯޅަ ޓީމްތަކަށް ސަލާމް

    13
    3
  5. ޓިމޮޓީ

    މީ އެފްއޭއެމް އާއި ބައެއް ކޮރަޕްޓް ކުލަބުތަކުން ރާވައިގެން ހިންގި ފާޅުކަންބޮޑު ޖަރީމާއެއް މުސާރަ މައްސަލަ އުޅޭކުލަބުތަށް ބައިވަރު ތިން އަހަރު މުސާރަ ނުލިބި ގިނަ ކުޅުންތެރިން އެބަ އުޅޭ ކުލަބު ބަދަލު ކޮށްގެންވެސް އެކަމް ނިއު އަށް އެޅި ފިޔަވަޅަކީ ރާއްޖޭގެ ފުޓްބޯޅަ އަށް ކަޅު ނިންމުމެއް؛ މުސާރަ ކަންތަށް ހަމަޖެއްސޭނެ ބައިވަރު ގޮތްތަށް އެފް އޭއެމް ގަވާއިދުގައި އެބަ ހުރި. އަހަރެންވެސް ކުޅުންތެރިންނަށް އިޚްތިރާމް ކުރަން އެކަމް މިނިންމުމަށް ފާޅުގައި ދެކޮޅުހަދާނަން ކަލޮޅު ދަނޑު އިތުރަށް ފަޅުވީ މިކަހަލަ ކޮހުން ޒާތީވާ މީހުން އެފްއޭއެމްގަ އުޅޭތީ ވަރަށް ސަލާމް މިސަރުކާރުގެ ވަރަށްބޮޑު ގޮންޖެހުމަކަށް މިކަންވާނެ؟