ރާއްޖޭގެ އަންހެން ފުޓްބޯޅަ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ރޭވިފައިވާ ކަމަށާއި މި އަހަރުގެ އެންމެ ބޮޑު އަމާޒަކަށް ވެފައިވަނީ އަންހެން ފުޓްބޯޅަ ލީގެއް ތައާރަފްކޮށް ބޭއްވުމަށް ކަމުގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކެއްގައި އަންހެން ފުޓްބޯޅަ ޓީމް ކުޅެފައިވީ ނަމަވެސް އެ ކުޅުންތެރިންނަށް ދިމާވާ އެންމެ ބޮޑު އެއްމައްސަލަ އަކީ ލޯކަލް މުވާރާތެއް ނެތުމެވެ. ފުޓްސަލް މުބާރާތް ނިންމާފައި ދެން އޮންނަނީ ޕެރްކްޓިސްއެވެ. މެޗްތައް މަދު ވުމުގެ މައްސަލަ މުބާރާތް ތަކުގައި އުޅޭއިރު މިހާތަނަށް އެއްވެސް ލޯކަލް މުބާރާތެއް ބޭއްމުގައި ކުރިއެއްލިބިފައެއް ނެތެވެ.

އެފްއޭއެމްގެ އޯޑިނަރީ ކޮންގްރެސްގައި މިދިޔަ ހޯމަ ދުވަހު ފާސްކުރި ބަޖެޓުގައި އަންހެން ފުޓްބޯޅަ ތަރައްގީކުރުމަށް ވަނީ 3.7 މިލިއަން ރުފިޔާ ހިމަނާފައެވެ. އެފްއޭއެމްގެ ރައީސް ބައްސާމް ވިދާޅުވީ އެންމެ ބޮޑު އިސްކަމެއްގެ ގޮތުގައި މި އަހަރު އަންހެން ފުޓްބޯޅަ މުބާރާތެއް ކުޅުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށެވެ.

އެފްއޭއެމްގެ ކޮންގްރެސަށް ފަހު ނޫސްވެރިންގެ ބައްދަލުވުމުއްގައި ބައްސާމް ވިދާޅުވީ މިއަހަރު އެމީހުންގެ އެންމެ ބޮޑު އެއް ޓާގެޓަކަށް ވެފައިވަނީ ވިމެންސް ލީގެއް އުފައްދައި ޓޯނަމެންޓެއްގަައި އެމީހުން ކުޅުމެވެ. މި ސަބަބާ ހުރެ މިހާރު އޮތީ އެއިޓް އެސައިޑް ޓޯނަމެންޓްއެއް ކުޅެން ފީފާއާ ވެސް މަޝްވަރާކޮށްފައިކަމަށް ބައްސާމް ވިދާޅުވިއެވެ. އަދި މިވަގުތު ގިނަ ކްލަބްތަކެއް ހެދޭ ވަރަށްވަރު އަންހެން ކުޅުންތެރިން މަދު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެންމެ ފަހުން އެފްއޭއެމުން އަންހެން ފުޓްބޯޅަ މުބާރާތެއް ބާއްވާފައިވަނީ މީގެ ތިން ވަރަަކަށް އަހަރު ކުރިންނެވެ. އެފްއޭއެމުން ވަނީ 2017 ގައި އަންހެން ފުޓްބޯޅަ ލީގެއް ބާއްވަން މަސައްކަތްކޮށްފައެވެ. އެކަމަކު އެކަށީގެންވާ ވަރުގެ އީހީތެރިކަމެށް ނުލިބުމުގެ ސަބަބުން މުބާރާތް ޖެހުނީ ކެންސަލް ކޮއްލާށެވެ. މުބާރާތުގައި ބައިވެރިވީ އެންމެ ޓީމް އަކުންނެވެ. އެއީ ނިއުރޭޑިއަންޓުންނެވެ. އެހެން ޓީމްތަކުން ބައިވެރި ނުވި އެންމެ ބޮޑު ސަބަބަކީ ވަގުތު ކުޑަވެފައި އޮއްވައި އެފްއޭއެމް އިން މި މުބާރާތް އިއުލާން ކުރުމެވެ.

އަންހެން ފުޓް ބޯޅަ އަލުން ދިރުވަން ކުރި މަސައްކަތުގައި މި ދިޔަ އަހަރު ވަނީ 19 އަހަރުން ދަށުގެ ޓީމެއްވެސް އެކުލަވާލާފައެވެ. އަދި ދާދި ފަހުންވެސް ވަނީ އަންހެން ފުޓްބޯޅަ އެކެޑަމީއެއްގެ މަސައްކަތް ވެސް ފަށާފައެވެ. ބައްސާމް ވިދާޅުވީ ވަރަށް އަވަހަށް ރަސްމީކޮށް އެ އެކަޑަމީގެ މަސައްކަތްތައް އެއްކޮށް ފެށިގެންދާނެ ކަމަށެވެ.

މިދިޔަ އަހަރުގެ އޭޝިއަން ގޭމްސް، އޮލިމްޕިކް ކޮލިފައިންނާއި ސިންގަޕޫރު އިންވިޓޭޝަނަލް މުބާރާތުގައި އަންހެން ޓީމު ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައެވެ. އެކަމަކު މިދިޔަ ސާފް ޗެމްޕިއަންޝިޕްގައި ގްރޫޕް ސްޓޭޖުންވަނީ ކަޓާފައެވެ. ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލައަކަށްވީ މުހިއްމު ބައެއް ކުޅުންތެރިންނަށް އަނިޔާވުމެވެ.

ބައްސާމް ވިދާޅުވީ ސާފަށް ކަނޑައެޅި ޓާގަޓަކީ ފައިނަލް ކަމަށާއި އެކަމަކު އެކަން ހާސިލްނުވީ ވެސް ސަބަބުތަކެއް ހުރުމުން ކަމަށް ބެލެވޭ ކަމަށެވެ.

"މިދިޔަ އަހަރު ބައިނަލްއަގްވާމީ މުބާރާތްތަކުގައި ރަނގަޅު ނަތީޖާތައް ނެރެމުން އައިސް ސާފް ޗެމްޕިއަންޝިޕްގައި އަޅުގަނޑުމެން ބޭނުންވި ނަތީޖާއެއް ނޫން ނުކުތީ. ބައިވަރު ކަންތައްތައް ދިމާވި. އަޅުގަނޑުމެން ބޭނުންވީ ފައިނަލް ކުޅެން. ބައެއް ފަހަރު އަޅުގަނޑުމެން ބޭނުންވާ ގޮތަށް ކަންތައްތައް ދިމައެއްނުވޭ،" ބައްސާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވެފައި ވަނީ މިދިޔަ އަހަރެކޭ އެއްގޮތަށް އެފްއޭއެމްގެ ޓާގެޓަކަށް ވާނީ ގިނަ ކަންތައްތަކެއް އަންހެން ފުޓްބޯޅަ ޑިވެލޮޕްމަންޓަށް ކުރުން ކަމަށާާއި އޭގެ ތެރޭގައި މިހާރު މި ހޯދަމުންދާ ނަތީޖާތަކަށް ވުރެ ރަނގަޅު ނަތީޖާތަކެއް ހޯދޭނެ ވަސީލަތްތަކެއް ގާއިމްކުރުން ވެސް ހިމެނޭ ކަމަށެވެ.

އެފްއޭއެމްއިމް ފީފާގެ އެހީއާ އެކު މުޅި ރާއްޖެ ބައިވެރިވެގެން ފަށާފައިވާ "އަތޮޅު ފުޓްބޯޅަ" ޕްރޮގްރާމްގެ ތެރެއިން ވެސް ގިނަ އަންހެން ފުޓްބޯޅަ ތަރައްގީކުރަން ގިނަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެފްއޭއެމްގެ ޑެޕިއުޓީ ޓެކްނިކަލް ޑިރެކްޓަރު އިހުސާން އަބްދުލް ގަނީ (ސާންތީ) ވެސް ވަނީ ވިދާޅުވެފައެވެ. އެގޮތުން އުމުރުފުރާ ތަަކަށް ބަހާލައިގެން އަންހެން ފުޓްބޯޅަ ރަށްރަށުގައި ވެސް ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރަން ރޭވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.