އިނގިރޭސި ޕްރިމިއާ ލީގުގެ ގިނަ ކްލަބްތަކަށް ކޯޗުކޮށްދީފައި ސޭމް އެލަޑައިސް، އިންޑިއާ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް މީޑީއާ ރިޕޯޓްތަކުން ބުނެފިއެވެ.

ނިމިގެން ދިޔަ އޭޝިއަން ކަޕަށް ފަހު އިންގްލޭންޑަށް އުފަން ސްޓެފަން ކޮންސްޓެންޓިން މަގާމުން ވަކިވި ހިސާބުން އިންޑިއާގެ ކޯޗުގެ މަގާމުވަނީ ހުސްވެފައެވެ. އެ މުބާރާތުގައި ތައިލެންޑާ ދެކޮޅަށް ކުޅެ އިންޑިއާއިން ފުރަތަމަ މެޗުން މޮޅެއް ހޯދި ނަމަވެސް، އިންޑިއާ ކަޓާފައިވަނީ ބަހުރޭން އަތުން ފަހު ވަގުތު 1-0 އިން ބަލިވެ ހިތްދަތި ގޮތަކަށެވެ. މެޗު އެއްވަރުވި ނަމަވެ އިންޑިއާއަށް ދެ ވަނަ ބުރަށް ދެވޭނެއެވެ.

އިންޑިއާ ކޯޗު ކަމަށް ގިނަ ކޯޗުންތަކެއް ވަނީ ޝައުގުވެރިކަން ފާޅު ކޮށްފައެވެ. އޭގެ ތެރެއިން އިންގްލެންޑްގެ ކުރީގެ ކޯޗު ސްވެން ގޯރަން އެރިކްސަން ވެސް ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެހުރިހާ ކޯޗުންގެ ތެރެއިންވެސް އެންމެ މަޝްހޫރު ނަމަކީ އެލަޑައިސްއެވެ.

ރިޕޯޓްތަށް ބުނާގޮތުން އިންޑިއާއިން އެންމެ ބޭނުންވަނީ އެލަޑައިސްއެވެ. އަދި އެލަޑައިސްގެ އޭޖެންޓް ދާދި ފަހުން އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ބައެއް އޮފިޝަލުންނާ ވަނީ ބައްދަލުކޮއްފައެވެ. އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފައިވަނީ ގިނަ ކޯޗުންގެ ހުށަހެޅުން ލިބިފައިވާ ކަމަށާއި ކޯޗެއް ހަމަޖައްސާނީ ޓެކްނިކަލް ކޮމިޓީން ހުރިހާ ހުށަހެޅުމެއް ރިވިއު ކުރުމަށް ފަހު ކަމަށެވެ. އެ ގޮތުން އެންމެ އަވަހަށް ވެސް ކޯޗެއް ހަމަޖެއްސޭނެ ކަމަށް ބެލެވެނީ އަންނަ މަހު 15 ވަނަ ދުވަހު ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އެލަޑައިސްއަކީ އިނގިރޭސި ޕްރިމިއާ ލީގުގެ ތަފާތު 11 ކްލަބަށް ކޯޗުކޮށްދީފައިވާ ތަޖުރިބާކާރު ކޯޗެކެވެ. އަދި އެންމެ ފަހުން ކޯޗުކަން ކޮއްދީފައިވަނީ އެވަޓަންއަށެވެ. އެވަޓަންގެ ކޯޗް ކަމުން އޭނާ ވަކިކުރީ މިދިޔަ އަހަރުގެ މެއިމަހުގައެވެ. ވަކިކުރި އިރު، އޭނާގެ ކޮންޓްރެކްޓް އިނީ 2019 ޖޫން އާއި ހަމައަށެވެ.

ގައުމީ ޓީމެއްގައި މިހާތަނަށް އޭނާ މަސައްކަތް ކޮއްދީފައިވަނީ ހަމަ އެކަނި އިންގްލެންޑް ގައެވެ.