ދިވެހި ފުޓުބޯޅަ ތާރީހުގައި ފުރަތަމަ ފަހަރަށް އޭއެފްސީ ޕްރޯ ލައިސަންސް ނެގި ކޯޗަކަށް މުހައްމަދު ޝާޒްލީ ވެއްޖެއެވެ.

ޕްރޯ ލައިސަންސްގެ ކޯޗިންއަކީ، ކޯޗިންގައި އެންމެ މައްޗަށް ދެވޭނެ ފެންވަރެވެ. އޭއެފްސީ ޕްރޯ ލައިސަންސަކީ އޭޝިއަން ފުޓުބޯޅަ ފެޑަރޭޝަނުން ދޭ އެންމެ މަތީ ލެވެލްގެ ކޯޗިން ސަނަދެވެ. ރާއްޖޭގެ ކޯޗަކު ފުރަތަމަ ފަހަރަށް އެ ސަނަދު ހާސިލް ކޮށްފައިވާ އިރު، ޝާޒްގެ ފުރުސަތަކީ އެފްއޭއެމް މެދުވެރިކޮށް އޭނާއަށް ލިބިފައިވާ ފުރުސަތެކެވެ.

މީގެ ކުރިން ފުރަތަމަ ޑިވިޝަންގެ ބައެއް ކްލަބުތަކަށް ކޯޗު ކޮށްދިން ޝާޒްގެ ކާމިޔާބީއާއެކު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެފައި ވަނީ އެފަދަ ކާމިޔާބީއެއް ރާއްޖޭގެ ކޯޗަކު ހޯދުމަކީ ފުޓުބޯޅަ ތާރީހުގައިވެސް ފަހުރުވެރި ވަގުތުކޮޅެއް ކަމަށެވެ. އަދި އުންމީދަކީ އިތުރު ލޯކަލް ކޯޗުންވެސް އެ ލެވެލްއަށް ދިޔުމަށް މަސައްކަތް ކުރުން ކަމަށްވެސް ބައްސާމް ފާހަގަކުރައްވާފައިވެއެވެ.

ކާމިޔާބުކަމާއެކު ޕްރޯ ލައިސަންސް ހާސިލްކުރި ޝާޒް "ވަގުތު"އަށް ވާހަކަ ދައްކަމުން ބުނެފައި ވަނީ 2016 ވަނަ އަހަރުން ފެށިގެން ފަސް މޮޑިއުލެއް އޭނާ ކިޔަވާފައިވާ ކަމަށެވެ. އަދި ޕްރޯ ލައިސަންސް ޝާޒް ފުރިހަމަ ކޮށްފައި ވަނީ މެލޭޝިއާ، ޗައިނާގެ އިތުރުން ކޮރެއާއާއި ސްވިޒަލޭންޑްގައެވެ.

"މިއީ އެފްއޭއެމްގެ ތެރެއިން ލިބިގެންދިޔަ ފުރުސަތެއް. ޝުކުރު އަދާކޮށްލަން ބޭނުންވޭ ކުރީގެ އެފްއޭއެމް ރައީސް އިލްހާމް އަދި މިހާރުގެ ރައީސް ބައްސާމްއަށްވެސް. އަދި ޓެކްނިކަލް ޑިރެކްޓަރު ސާންތިއަށްވެސް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. މިއީ ވަރަށް ބޮޑު ކާމިޔާބީއެއް ހަގީގަތުގައި،" ޝާޒް ބުންޏެވެ.

ޝާޒް ބީީޖީ ކޯޗު ކަމުގައި --- ފޮޓޯ/ މިހާރު

ޝާޒް ބުނެފައި ވަނީ ދިވެހި ކޯޗުންނަށް ޕްރޯ ލެވެލްއަށް ދިޔުމަށް އަދިވެސް ދަތިތަކެއް ހުންނަ ކަމަށާއި، އޭގެ ތެރޭގައި ފައިނޭންޝިއަލީ ކޯހުގެ އަގު ބޮޑުވުމުގެ އިތުރުން ރަނގަޅު ލެވެލްއެއްގެ ޕްރޯ ލީގެއް ނެތުން ހިމެނޭ ކަމަށެވެ. އެފްއޭއެމްގެ ކޯޗަސް އެޑިއުކޭޝަންގައި މިހާރުވެސް މަސައްކަތް ކުރަމުންދާ ޝާޒް ބުނެފައި ވަނީ އޭނާ ހޯދި ލައިސަންސްގެ ތަޖުރިބާއަށް ރާއްޖޭން ބޭރަށް ދިޔުމުގެ ކޮންމެވެސް ވިސްނުމެއް ހުރި ނަމަވެސް ބޮޑަށް ވިސްނުން ހުރީ ރާއްޖެއަށް ކަމަށެވެ.

އެގޮތުން ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވާ، ރާއްޖޭގެ ކޯޗުން ތަމްރީނުކޮށް ކުރިއެރުވުމަކީ ޝާޒްގެ މަސައްކަތަށް ވާނެ ކަމަށް އޭނާ ބުންޏެވެ. ޝާޒް ގަބޫލުކުރާ ގޮތުގައި، ދިވެހި ފުޓުބޯޅަ ކުރިއެރުވުމަށް އެންމެ މުހިއްމު ބަޔަކަށްވާނީ ރަނގަޅު ކޯޗުންނާއި އިންސްޓްރަކްޓަރުން ބިނާ ކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު