ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ)ގެ ފަރާތުން އިންތިޒާމު ކޮށްގެން ބާއްވާ އެމްއެންޔޫއެސްޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތް 2019 ފަށައިފިއެވެ.

އެމްއެންޔޫއެސްޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރަތް 2019 ގެ ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ އަންގާރަ ވިލޭރޭ، ދިވެހިރާއްޖޭގެ ގައުމީ ޔުނިވރސިޓީގެ އެފް.އީގެ ޕީ.އީ ހޯލުގައެވެ. މި މުބާރާތް ޝަރަފުވެރި ކޮށްދެއްވާފައި ވަނީ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އަލްފާޟިލް މުޙައްމަދު ލަޠީފުއެވެ.

މީގެ އިތުރުން ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ފަވާޒު ޝަރީފް، ޔުނިވާސިޓީގެ މެނޭޖްމަންޓްގެ ބޭފުޅުންނާއި ފެކަލްޓީ ތަކުގެ އިސްވެރިން އަދި އެމް.އެން.ޔޫ.އެސް.ޔޫގެ ހިންގާ ކޮމިޓީގެ މެންބަރުން ވަނީ ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެފައެވެ.

ރޭ ފެށިގެން ދިޔަ ވޮލީބޯޅަ މުބާރާތަކީ އެމް.އެން.ޔޫ.އެސް.ޔޫ.ގެ ފަރާތުން ސިލްސިލާ ގޮތެއްގައި ބާއްވާ 4 ވަނަ މުބާރާތެވެ. މިއަހަރުގެ މުބާރާތަކީ ފެކަލްޓީތަކުގެ އެންމެ ގިނަ އަދަދެއްގެ ޓީމު ވާދަކުރާ އަހަރެވެ. އެގޮތުން، ފިރިހެން ޑިވިޝަންގައި ޖުމްލަ 8 ޓީމެއް ވާދަކުރާއިރު، އަންހެން ޑިވިޝަނުގައި ޖުމްލަ 9 ޓީމެއް ވާދަކުރެއެވެ.

އެމް.އެން.ޔޫ.އެސް.ޔޫގެ ފަރާތުން ފެކަލްޓީ ކެންޕަސް/ސެންޓަރތަކަށް އަމާޒުކޮށްގެން ބާއްވާ މިމުބާރާތުގެ މަގްސަދަކީ އެމް.އެން.ޔޫ ދަރިވަރުންގެ މެދުގައި އެކުވެރިކަން އާލާކޮށް ވޮލީބޯޅައިގެ ގަަވާއިދުތަކަށް އަހުލުވެރިކޮށް ވޮލީބޯޅަ ކުޅުމުގެ ފޯރި އިތުރުކުރުމެވެ. އަދި ހަމަ އެހެންމެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންނަށް ވޮލީބޯޅަ ކުޅުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

މުބާރާތުގެ ފުރަތަމަ ރޭ ކުޅެވުނީ އަންހެން ޑިވިޝަނުގެ 2 މެޗެވެ. މިގޮތުން އެރޭ ކުޅެވުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ފެކަލްޓީ އޮފް ހެލްތު ސައިންސަސް އާއިި ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒް އެވެ.

މި މެޗު 2 – 1 ސެޓުން (25 – 22، 20 – 25، 15 – 13) ކާމިޔާބު ކުރީ ފެކަލްޓީ އޮފް ހެލްތު ސައިންސަސް އެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ޖަރޒީ ނަންބަރު 01 ފާޠިމަތު އަޒްލީމާ އެވެ.

އަދި ދެވަނަ މެޗުގައި ބައްދަލު ކޮށްފައިވަނީ ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒް އަދި ފެކަލްޓީ އޮފް އެޑިއުކޭޝަންއެވެ. މި މެޗު 2 -1 ސެޓުން (17 – 25 ، 25 – 20، 15- 13) ކާމިޔާބު ކުރީ ސެންޓަރ ފޯ ފައުންޑޭޝަންއެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ސެންޓަރ ފޯ ފައުންޑޭޝަނެގެ ޖަރޒީ ނަންބަރު 4 ހަލީމަތު އުނޫޝާއެވެ.