އަތޮޅުތެރޭގެ ހުނަރުވެރި ކުޅުންތެރިންނަކީ ރާއްޖޭގެ ފުޓްބޯޅައިގެ ކުރިއެރުމަށް މުޙިއްމު ކުޅުންތެރިންކަމަށާއި އަތޮޅުތެރެއަށް ދަތުރުކޮށް ކުޅުންތެރިން ހޯދަން މަސައްކަތް ކުރާނެކަމަށް ގައުމީ ފުޓްބޯޅަ ޓީމާއި ދާދިފަހުން ހަވާލުވި ޕީޓަ ސެގަޓް ބުނެފިއެވެ.

ސިންގަޕޫރުގައި އެގައުމާ ދެކޮޅަށް މާދަމާ ކުޅޭ އެކުވެރިކަމުގެ މެޗްކުޅުމަށްޓަކައި ސިންގަޕޫރަށް ފުރުމުގެ ކުރިން މީޑިޔާއަށް މައުލޫމާތު ދެމުން ސެގަޓް ބުނީ ފުޓްބޯޅައިގެ ހުނަރު އޮތީ ހަމައެކަނި މާލޭގައި ނޫންކަމަށާއި އަތޮޅު ތެރެއިން ރާއްޖޭގެ ފުޓްބޯޅައަށް ބޮޑު ހިއްސާއެއް ވާކަމަށެވެ.

"ބޫޓާން ގޭމަށްފަހު އަހަރެން އަތޮޅުތަކަށް ދަތުރުކޮށް ހުނަރުވެރި ޒުވާން ކުޅުންތެރިން ހޯދާނަން. އަހަރެން ގަބޫލްކުރާ ގޮތުގައި ރާއްޖޭގެ ގައުމީ ޓީމް ކާމިޔާބީއަށް ވާސިލްވުމުގައި އަތޮޅުތެރޭ ހުރި ހުނަރުވެރި ކުޅުންތެރިންގެ ހިއްސާ ބޮޑު. ހުނަރު ހުރި ކުޅުންތެރިން ތިބީ ހަމައެކަނި މާލޭގައެއް ނޫން. މިކަމުން އަހަރެއް ނޫނީ ދެއަހަރެއް ތެރޭގައި ވަރުގަދަ ޓީމަކަށް ގައުމީ ޓީމް ހެދޭނެ" ސެގަޓް ބުންޔެވެ.

ސެގަޓް ދާދި ފަހުން ގައުމީ ޓީމާއި ހަވާލުވިފަހުން ގައުމީ ޓީމްގެ ކުރިއެރުމަށް އޭނާ ވަނީ ވަރުގަދަ މަސައްކަތެއް ފަށާފައެވެ. އެގޮތުން ސިންގަޕޫރުގެ ޓީމާއި އެކު ކުޅޭ އެކުވެރި މެޗަށާއި ބޫތާން އާއި ދެކޮޅަށް ކުޅޭ އޭސިއަން ކަޕްގެ ކުއަލިފައިން މެޗްތަކަށް ޓީމް ސްކޮޑް ނެގިއިރު ޒުވާން ހުނަރުވެރިި ކުދިންނަށް ފުރުސަތުދީފަިއވާކަން ފާހަގަކުރެވެއެވެ.

ޕީޓާ އަތަޮޅުތެރެއަށް ކުޅުންތެރިން ހޯދަން މިކުރާ ދަތުރަކީ އަތޮޅުތެރޭގައި ފުޓްބޯޅައަށް ލޯބިކުރާ ފުނަރު ހުރި ކުދިންނަށް ގައުމީ ޓީމާއި ގުޅުމަށް ވެވޭ ވަރަށްބޮޑު އެހީތެރިކަމަކަށްވާނެއެވެ.