އިނގިރޭސި ޕްރިމިއާ ލީގަށް ހޭނުމަށް ވަގުތު ނަގާނެ ކަމަށާއި، އާޖެންޓީނާ ފޯވަޑް ގޮންޒާލޯ ހިގުއައިންގެ ތަފާތު ފެންނާނީ އަންނަ ސީޒަނުގައި ކަމަށް ޗެލްސީގެ ކޯޗު، މައުރީޒިއޯ ސާރީ ބުނެފިއެވެ.

ރޭ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ޗެލްސީން ކުޅުނު މެޗު 1-1ގެ ނަތީޖާއަކުން އެއްވަރު ވެގެން ނިމުނު އިރު، ޗެލްސީއަށް ވަނީ ގަދަ ހަތަރަކަށް ފުރުސަތު ބޮޑުވެފައެވެ. ލޯން އެއްބަސްވުމެއްގައި ޗެލްސީގައި ހުރި ހުގުއައިންގެ ދަށް ކުޅުމެއް ރޭގެ މެޗުގައި ފެނުނު ނަމަވެސް، އޭނާ ވަނީ ޗެލްސީއަށް ކުޅެދިން 12 މެޗުގައި ހަތަރު ގޯލް ޖަހާފައެވެ.

ޗެލްސީން ހިގުގައިން ލޯން އެއްބަސްވުމެއްގައި ގެނެސްފައި ވަނީ ބޭނުން ނަމަ 31 މިލިއަން ޕައުންޑަށް ގަނެވޭނެ ފަދަ އެއްބަސްވުމަކާއެކުގައެވެ. އެހެން ނަމަވެސް އެ ކްލަބަށް އަންނާނެ ޓްރާންސްފާ ބޭންއާއެކު އެ ޑީލްއަށް ވެގެންދާނެ ގޮތެއް ޔަގީންކަމާއެކު ބުނަން އަދި ނޭނގެއެވެ.

ރޭގެ މެޗަށްފަހު ސާރީ ބުނެފައި ވަނީ ހިގުގައިން ހުރީ ޗެލްސީގައި މަޑުކުރާ ގޮތަށް ކަމަށާއި، ޕްރިމިއާ ލީގަށް ހޭނުމަށް ފޯވާޑަކަށް ވަގުތު ނަގާނެ ކަމަށެވެ.

"ހިގުއައިން މަޑުކުރާނެ. ޕްރިިމިއާ ލީގަށް ހޭނުމަށް ފޯވަޑަކަށް ވަގުތު ނަގާނެ. ހިގުގައިން ތަފާތާއެކު އަންނަ ސީޒަންގައި އޭނާގެ ގިނަ ގޯލްތަކެއް ފެންނާނެ ކަމަށް ބެލެވޭ،" ސާރީ ބުންޏެވެ.

ސާރީ ބުނެފައި ވަނީ މަސައްކަތް ކުރަނީ ލީގުގެ ގަދަ ހަތަރެއްގެ އިތުރުން ޔޫރޮޕާ ލީގު ސެމީ ފައިނަލަށް ދިޔުމަށް ކަމަށާއި، ޗެލްސީއަށް މި ސީޒަނަކީ ކާމިޔާބު ސީޒަނެއް ކަމަށެވެ.