ފަހު ވަގުތު ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކުރި ދެ ގޯލާ އެކު 1-2 އިން މިސްރުގެ މައްޗަށް ޕޯޗުގަލް އިން ރޭ ކުރި ހޯދައިފިއެވެ.

ޕޯޗުގަލްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު ދެވަނަ ހާފްގެ ކުރީކޮޅު މުހައްމަދު ސަލާހު ވަނީ މިސްރަށް ލީޑު ނަގާދީފައެވެ. މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ސަލާހު މި ގޯލު ކާމިޔާބުކުރީ ޕޯޗުގަލްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

ސަލާހުގެ މި ގޯލާ އެކު މިސްރު މޮޅުވާން ދަނިކޮށް މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތަރު މިނެޓްގެ ތެރެއިން ދެވަނަ މިނެޓްގައި ރޮނާލްޑޯ ވަނީ ޕޯޗުގަލް އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މެޗުގެ އެންމެފަހު މިނެޓްގައި ރޮނާލްޑޯ ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށްދީ މި މެޗުން ޕޯޗުގަލް މޮޅުކޮށްދީފައެވެ.

ރޭގެ މެޗުގައި ކާމިޔާބުކުރި ދެ ގޯލާ އެކު ޕޯޗުގަލްގެ ގައުމީ ޓީމަށް ރޮނާލްޑޯ ކާމިޔާބުކޮށްދިން ގޯލުގެ އަދަދު މިހާރު ވަނީ 81 އަށް އަރާފައެވެ. އޭނާ ވަނީ މިހާތަނަށް ޕޯޗުގަލްގެ ގައުމީ ޓީމަށް 148 މެޗު ކުޅެދީފައެވެ.

ރޭގެ މެޗުން ޕޯޗުގަލް މޮޅުވިއިރު އެކުވެރިކަމުގެ އިތުރު މެޗެއް އަންނަ ހޯމަ ދުވަހުގެރޭ ވެސް އެޓީމުން ކުޅޭނެއެވެ. އެ މެޗުގައި ޕޯޗުގަލް ބައްދަލުކުރާނީ ނެދަލޭންޑްސްއާއެވެ.

ރޭ ކުޅުނު އެކުވެރިކަމުގެ އެހެން މެޗުތަކަށް ބަލާއިރު ރަޝިޔާގެ މައްޗަށް 0-3 އިން ބްރެޒިލް އިން ކުރި ހޯދިއިރު ނައިޖީރިޔާ އިން ވަނީ 0-1 އިން ޕޮލެންޑް ބަލިކޮށްފައެވެ. ޖަޕާން އާއި މާލީ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވިއިރު ކޮސްޓަރީކާ އިން ވަނީ 0-1 އިން ސްކޮޓްލޭންޑުގެ މައްޗަށް ކުރި ހޯދާފައެވެ. އަދި އަޔަލޭންޑްގެ މައްޗަށް ތުރުކީ އިން ވެސް ކުރި ހޯދީ 0-1 އިންނެވެ.