ފަސް އަހަރަށްފަހު ޔުވެންޓަސް ދޫކޮށްލުމަށް ކޯޗު މެސެމިލިއާނޯ އަލެގްރީ ނިންމައިފިއެވެ.

އެލެގްރީ ޔުވެންޓަސް ދޫކޮށްލާނެ ކަމަށް ނިންމާފައިވާ ކަމަށް އިޓަލީގެ ނޫސްތަކުން ޔަގީން ކޮށްދީފައިވާ އިރު، 2014 ވަނަ އަހަރު ޔުވެންޓަސްއާ ހަވާލުވިފަހުން އެލެގްރީ ވަނީ ކޮންމެ ސީޒަނެއްގައިވެސް ލީގު ނަގާފައެވެ. އެހެން ނަމަވެސް އޭނާގެ މައިގަނޑު އޮބްޖެކްޓިވް ކަމަށްވާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

އެލެގްރީގެ އިރުޝާދުގެ ދަށުން ޗެމްޕިއަންސް ލީގުގެ ފައިނަލަށް ޔުވެންޓަސް ދެފަހަރަށް ދަތުރުކުރި ނަމަވެސް، ތަށި ލިބޭ ގޮތެއް ނުވިއެވެ. މިފަހަރު ސީޒަނަށް ޔުވެންޓަސްއިން ނުކުތީ ކްރިސްޓިއާނޯ ރޮލާލްޑޯއާއެކުގައެވެ. އެހެން ނަމަވެސް މި ސީޒަންގައި ލިބުނު އެއްޗަކީ ހަމައެކަނި ލީގެވެ. ކަޕްވެސް ގެއްލުނީއެވެ.

ޔުވެންޓަސްއަށް ބަލާ އިރު، ނާކާމިޔާބު މި ސީޒަނަށްފަހު އެލެގްރީ ވަކި ކުރުމުގެ ވާހަކަތައް މީޑިއާގައި ފެތުރުމުން އޭނާ ބުނެފައި ވަނީ އެ ވާހަކަތައް އަޑުއެހީ ހައިރާން ކަމާއެކުގައި ކަމަށެވެ. އަދި އޭގެ އަނެއް ހަފްތާގައި ޔުވެންޓަސްގެ ރައީސާއެކު ވާހަކަ ދައްކާނެ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

އިޓަލީގެ ނޫސްތަކުން ބުނާ ގޮތުގައި، މާދަމާގެ ވަގުތެއްގައި އެލެގްރީއާއި ޔުވެންޓަސްގެ ރައީސް، ނޫސް ކޮންފަރެންސެއް ބާއްވާ، އެލެގްރީގެ ވަކިވުން އިއުލާން ކުރާނެ ކަމަށެވެ.