މުހައްމަދު ނިޒާމް (ނިޒާމްބެ) އަކީ އެންމެން ދަންނާނެ ކޯޗެކެވެ. ޓްރެކް ރެކޯޑަށް ބަލާއިރު، ކާމިޔާބީތަކުން ތަޖުރިބާ ދައްކައިދޭނެ ކޯޗެކެވެ. ޓީމެއް، ޓީމެއްގެ ގޮތުގައި ނެރެ، ޓީމެއް އުފައްދައިގެން ކާމިޔާބު ހޯދުމުގައި ދެވަނައެއް ނެތެވެ. އޭގެ ތެރެއިން ހުނަރުވެރި ޒުވާން ކުޅުންތެރިން އުފެއްދުމާއެކު، ކުޅުންތެރިން އިހުތިރާމް ކުރާނެ ކޯޗަކަށް ނިޒާމްބެ ވަނީ ވެފައެވެ.

މިދިޔަ ސީޒަނުގެ އެންމެ ކާމިޔާބު ކޯޗަކީވެސް ނިޒާމްބެއެވެ. މިދިޔަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ޓީސީން ހޯދި އިރު، އެއީ ކްލަބުގެވެސް އެންމެ ބޮޑު ކާމިޔާބީއެވެ. ދެވަނަ ޑިވިޝަނުން ފެށިގެން ޓީސީގެ ކޯޗަކީ ނިޒާމްބެއެވެ. ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަމާއެކު ޓީސީން ފުރަތަމަ ޑިވިޝަންގެ ރެލިގޭޝަން ޕްލޭ އޯފްގައި ވާދަކޮށް ފުރަތަމަ ޑިވިޝަނަށް އައީ 2015 ވަނަ އަހަރުގައެވެ.

އޭގެ ފަހުން ޓީސީން ކުރިއަރަމުން އައިސް، އެޓީމު ވަނީ ދެ އަހަރެއްގެ ތެރޭގައި ރާއްޖޭގެ ހުރިހާ ތަށްޓަކަށްވެސް ވާދަކުރާ ޓީމަކަށް ވެފައެވެ. އެ ކުރިއެރުމުގެ އެންމެ ބޮޑު ހިއްސާ ދާރަކީ ހަމަ ނިޒާމްބެއެވެ. ޓީސީއާއެކު ނިިޒާމްބެ އެންމެ ފުރަތަމަ އުފުލާލީ ތަށްޓަކީވެސް ބައިނަލްއަގުވާމީ ތަށްޓެކެވެ. ކްލަބުގެ ތާރީހުގައި އެންމެ ބޮޑު އެއް ކާމިޔާބީއަކީ ބަންގްލަދޭޝްގެ އިންވިޓޭޝަނަލް މުބާރާތެއް ކަމަށްވާ ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކަޕް ޓީސީއަށް ކާމިޔާބުކޮށްދިނުމުގެ މުގުލުގައިވެސް ހުރީ ނިޒާމްބެއެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގު 2018ގައި ޓީސީ އާއި އީގަލްސް ބައްދަލުކުރި މެޗް - ވަގުތު އިމޭޖްސް: އަޝްހާދު އަބްދުﷲ

ނިޒާމްބެ ޓީސީ ދޫކޮށްލުން

ދާދިފަހުން ބަންގާޅުގައި ބޭއްވި އޭއެފްސީ އޭ ލައިސަންސް ކޯޗިން ކޯހުގައިވެސް ނިޒާމްބެ ބައިވެރިވެފައިވާ އިރު، އޭނާ ޓީސީ ދޫކޮށްލީ ދެފަރާތުންވެސް އެއްބަސްވުމަކަށް ނާދެވިގެންނެވެ. އަލުން ކޮންޓްރެކްޓް އާކުރަން ހުށަހެޅި ހުށަހެޅުންތަކަށް ދެފަރާތުން އެއްބަސް ނުވެވުނު ކަމަށްވެސް ވެދާނެއެވެ.

ނިޒާމްބެ ބުނެފައި ވަނީ ޓީސީއާއެކު ކުރިއަށް އޮތް ސީޒަނުގައި މަޑުކުރުމަށް، ކޮންޓްރެކްޓް އާކުރުމަށް މަޝްވަރާތައް ކުރެވި ގޮތެއް ނިންމިފައިވާ ކަމަށާއި، ނިންމުމަކީ އަންނަ ސީޒަނުގައި ޓީސީން ނިޒާމްބެ ނުފެންނާނެ ނިންމުމެއް ކަމަށެވެ. އެގޮތުން ދެ ފަރާތުގައި ދެކެވުނު ވާހަކަތަކުން ކޮންޓްރެކްޓް އާނުކުރަން ނިންމާފައިވާ ކަމަށް ނިޒާމްބެ ބުންޏެވެ.

ނިޒާމްބެ ބުނެފައި ވަނީ އޭނާ އުންމީދުކުރަނީ ކްލަބުގެ މެނޭޖުމަންޓާއި، ކްލަބުގެ ސަޕޯޓަރުންނާއި ކުޅުންތެރިންވެސް ހިތްހަމަ ޖެހޭ ފަދަ މަސައްކަތްތަކެއް ކްލަބަށް ކޮށްދެނު ކަމަށް ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް ޓީސީއަށް ފުރިހަމަ ކާމިޔާބީއަށް އެދޭ ކަމަށެވެ.

ނިއުއާއެކު މަޝްވަރާތަކެއް

އެތައް ކުޅުންތެރިންގެ މުސާރައިގެ މައްސަލައިގައި އެފްއޭއެމްއިން ސަސްޕެންޑް ކޮށްފައި އޮތް ނިއު ރޭޑިއަންޓާއެކު ނިޒާމްބެ ވަނީ ވާހަކަތައް ކުރިއަށް ގެންގޮސްފައެވެ.

އެހެން ކްލަބުތަކުން ފަރިތަކުރުންތައް ފަށާފައިވާ އިރު، ނިއުއިން ސީޒަނަށް ނުކުންނަން މަސައްކަތް ފެށީވެސް އަދި ހަފްތާއެއް ކުރިންނެވެ. އެ މަސައްކަތުގައި ނިޒާމްބެ ކޮންމެވެސް ވަރަކަށް ފެންނަމުން ދެއެވެ. ނިއުގެ ކޯޗު ކަމަށް ނިޒާމްބެއަށް ހުށަހެޅުމެއް އައިސްފައިވާ ކަމަށް އޭނާ ވަނީ "ވަގުތު"އަށް ޔަގީންވެސް ކޮށްދީފައެވެ.

"ނިއުއިން ވަނީ ވާހަކަ ދައްކާފައި. ކޯޗެއްގެ މަގާމަށް ވާހަކަ ދެކެވިފައި ވަނީ. އެކަމަކު އަދި ނިއުގެ ކަންކަން ހައްލެއް ނުވޭ. އަދި ނޭނގެ އެކަމާ ގުޅިގެން ވަކި އެއްޗެއް ބުނާކަށްވެސް،" ނިޒާމްބެ ބުންޏެވެ.

ރާއްޖޭގެ އެފްއޭއެމްއިން ކޮށްފައިވާ ސަސްޕެންޝަނުން ސަލާމަތްވުމަށް ނިއުގެ ބޯޑަށް ބަދަލުތަކެއް ގެނެސް، ސަޕޯޓަރުންނާއެކު މަސައްކަތް ފެށި އިރަށް، ކްލަބަށް މާޔޫސްކަން ގެނުވި އަނެއް ކަމަކީ، ފީފާއިންވެސް ނިއުއަށް އަދަބު ދިނުމެވެ. މިދިޔަ ސީޒަންގައި ނިއު ރޭޑިއަންޓަށް ކުޅުނު އަފްގާނިސްތާން ޑިފެންޑަރު ޒޯހިބް އިސްލާމް އަމީރީގެ މުސާރައިގެ މައްސަލައިގައި ނިއު ތިން ޓްރާންސްފާ ސީޒަނަށް ސަސްޕެންޑް ކޮށްފައިވާ އިރު، އެއީ ކްލަބު ހުއްޓުން ކަހަލަ ކަމެކެވެ.

ނިއުއިން އަމީރީއަށް ދޭން ޖެހޭ މުސާރަ ނުލިބިވާކަމަށް، އަމީރީ ފީފާއަށް މައްސަލަ ޖެއްސުމުން، ފީފާގެ ޑިސްޕައިޓް ރިސޮލިއުޝަން ޗެމްބާއިން ނިއުއަށް އަންގާފައި ވަނީ 45،636 ޑޮލަރު، 45 ދުވަހުގެ ތެރޭގައި އަމީރީއަށް ދިނުމަށެވެ. ނިއުއިން އަމީރީއަށް ދޭން ޖެހޭ މުސާރައިގެ 13،250 ޑޮލަރު އިންޓަރެސްޓާއެކު ދެއްކުމަށް ފީފާއިން އަންގާފައިވާ އިރު، ކޮންޓްރެކްޓާ ހިލާފުވުމުން ނިއުއިން އަމީރީއަށް 30،130 އަދި އޭގެވެސް ފަސް ޕަސެންޓް އިންޓްރެސްޓް ދޭން ޖެހެއެވެ.

ފީފާއިން މީގެ ކުރިންވެސް ބުނެފައި ވަނީ އެ އަދަދު 45 ދުވަހުގެ ތެރޭގައި ނުދެއްކިއްޖެ ނަމަ، ޓްރާސްފާ ބޭން ކުރާނެ ކަމަށެވެ. މިމަހުގެ 15 ވަނަ ދުވަހަށް އެ މުއްދަތު ހަމަވެފައިވާ އިރު، ފީފާއިން ބުނެފައި ވަނީ ތިން އަހަރު ދުވަހަށް ނިއުއަށް ލޯކަލް އަދި ބޭރުގެ އެއްވެސް ކުޅުންތެރިޔަކު ރަޖިސްޓްރީ ނުކުރެވޭ ގޮތަށް ސަސްޕެންޑް ކުރާނެ ކަމަށެވެ.

ޒަމާނީ ފުޓުބޯޅައިގެ ކޯޗެއް ކަމަށްވާ ނިޒާމްބެ ނުފެނުން ވެގެންދާނީ ފަނޑު ކަމަކަށެވެ. ކްލަބުތަކުން ފަރިތަކުރުންތައް ފަށާފައިވާ އިރު، ބައެއް މުހިއްމު ކުޅުންތެރިން އަދިވެސް ތިބީ ޓީމެއް ނެތިއެވެ. ހާއްސަކޮށް ނިއުއަށް އައި ރޯޅިއާއެކު އަދިވެސް ފުޓުބޯޅައިގައި ގިނަ ކަންތައްތަކެއް އޮތީ ހަމައަކަށް ނޭޅިއެވެ. ސީޒަން ފެށުމާ ގާތްވަމުންދާ އިރު، ނިޒާމްބެ ފަދަ ކޯޗުން ދަނޑުން ފެންނަން ޖެހެއެވެ. ގޮނޑިބަރިއަކުން ނޫނެވެ: ކޯޗެއްގެ ގޮތުގައި ބެންޗުންނެވެ.