އަންނަ ސީޒަނުގައި ވެސް ހުންނާނީ ޗެލްސީގައި ކަމަށް އެ ކްލަބުގެ ގޯލްކީޕަރު ތިބޯ ކޯޓުއާ ބުނެފިއެވެ.

ކޯޓުއާ ޗެލްސީ އާއެކު ހަދާފައިވާ ކޮންޓްރެކްޓް އަންނަ ސީޒަނަށްފަހު ހަމަވާއިރު ކޮންޓްރެކްޓް އާކުރުމާ ގުޅޭ ވާހަކަތައް މިވަގުތު އޮތީ މަޑު ޖެހިފައެވެ. ނަމަވެސް މި ވާހަކަތައް މި ސީޒަނަށްފަހު އަލުން ފަށާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ސީޒަނަށްފަހު ކޯޓުއާ ހޯދުމަށް ރެއާލް މެޑްރިޑާއި ޕީއެސްޖީ އިން ޝައުގުވެރިވާ ކަމަށް ރިޕޯޓުތައް ބުނާއިރު ބެލްޖިއަމްގެ ޓީވީ ޗެނަލަކަށް ދިން އިންޓަވިއުއެއްގައި ކޯޓުއާ ބުނީ ޗެލްސީގައި އޭނާ ހުރީ ވަރަށް ހިތްހަމަޖެހިގެން ކަމަށާއި މި ސީޒަން ނިމުމަށްފަހު ކުރިމަގާ ގުޅޭގޮތުން ވާހަކަތަކެއް ކްލަބާ އެކު ދައްކާނެ ކަމަށެވެ.

"އަހަރެން ޗެލްސީ އާއެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އަދި އެބައޮތް އެއް އަހަރު. އަހަންނަށް އިނގޭ އަންނަ އަހަރުވެސް އަހަރެން ހުންނާނީ ޗެލްސީގައި ކަން. އެކަމަކު ވޯލްޑް ކަޕަށް ދާއިރު ކްލަބުން އަހަރެންގެ ކުރިމަގާ މެދު ނިންމާ ގޮތެއް ވެސް އެނގިފަ އޮވެއްޖެނަމަ އަހަރެން ވަރަށް ހިތްހަމަޖެހޭނެ" ބެލްޖިއަމް އަށް އުފަން ކޯޓުއާ ބުންޏެވެ.

ކޯޓުއާ ބުނީ ޗެލްސީ އަށް ކުޅުމަކީ އޭނާ އަށް ލިބޭ ޝަރަފެއް ކަމަށާއި އަދި އެ ކްލަބާ އެކު އިތުރު ކާމިޔާބީތަކެއް ހޯދަން ބޭނުންވާ ކަމަށެވެ.

ކޯޓުއާ ޗެލްސީ އާއި ގުޅުނީ 2011 ވަނަ އަހަރު ކަމަށްވާއިރު އެ ކްލަބުން ވަނީ އޭނާ ލޯނެއްގެ ދަށުން ފަހުން އެތްލެޓިކޯ މެޑްރިޑަށް ފޮނުވާލާފައެވެ. ކޯޓުއާ އަލުން އަނބުރާ ޗެލްސީ އަށް އައީ 2014 ވަނަ އަހަރުއެވެ. އޭރުން ފެށިގެން ޗެލްސީގެ އެއް ނަމްބަރު ގޯލްކީޕަރަކީ ކޯޓުއާއެވެ.

އުމުރުން 25 އަހަރުގެ ކޯޓުއާ ވަނީ މިހާތަނަށް އެ ކްލަބާ އެކު ޕްރިމިއަރ ލީގު ދެ ފަހަރު އަދި އިނގިރޭސި ލީގު ކަޕެއް ކާމިޔާބުކޮށްފައެވެ.