ސީޒަން ތައްޔާރީތަކާ ގުޅޭ ގޮތުން އެފްއޭއެމްއަށް ވަރަށް ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒުވެފައިވާ އިރު، އޭގެ ތެރެއިން ބައެއް ކަންކަން އެފްއޭއެމްއިން ހައްލު ކޮށްފި ކަމަށް ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނެފިއެވެ.

ސުޒޭންއަކީ އެންމެ ފުރަތަމަ އެ މައްސަލަތައް މީޑިއާގެ ސަމާލު ކަމަށްވެސް ގެނައިވެސް ކޯޗެވެ. ބާ ބޯޅަތަކުން ސީޒަންގެ ފުރަތަމަ މެޗުތައް ކުޅެން ޖެހުމުން އެކަންކަން ރަނގަޅު ކުރަން ޖެހޭ ކަމަށް ސުޒޭން ފާހަގަ ކޮށްފައިވާ އިރު، އެފްއޭއެމްގެ އިހުލާސްތެރިކަމާ މެދު އޭނާ ވަނީ ސުވާލު އުފައްދާފައެވެ.

މިރޭ ގްރީންއިން އީގަލްސްއާ ދެކޮޅަށް ނުކުންނަ މެޗާ ގުޅިގެން ބޭއްވި ޕްރެސްގައި ސުޒޭން ބުނެފައި ވަނީ އޭނާ ފާހަގަކުރި ކަންކަން އެފްއޭއެމްއިން މިހާރު ރަނގަޅު ކޮށްފައިވާ ކަމަށެވެ.

"ފުރަތަމަ މެޗުގައި އަޅުގަނޑު ދެއްކި ވާހަކަ އެއީ ކުޅިވަރުގެ މީޑިއާ ފާހަގަ ކުރަން ޖެހޭ ކަންތައް. ފާހަގަކުރީ އެއްވެސް މީހަކަށް އޭގެން އުނދަގުލެއް ނޫނީ ހިތްހަމަ ޖެހުމެއް ގެންނާކަށް ނޫން. އެކަންކަން ރަނގަޅު ކުރުމަށް. މިހާރުވެސް އެފްއޭއެމްއިން ވަރަށް ގިނަ ކަންތައް ރަނގަޅު ކޮށްފި. އެންމެފަހުން ދުވަހު ނެރެފައި ހުރީވެސް އެއް ޑިޒައިނެއްގެ އާ ބޯޅަތަކެއް. ކުޅުންތެރިންނަށްވެސް އޭގެ ފަސޭހަވީ،" ސުޒޭން ބުންޏެވެ.

އެންމެ ފަހުން މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗާ ގުޅިގެން ސުޒޭން ބުނީ ނަތީޖާ ނޫން އެހެން ކަންކަން ދިޔައީ ރަނގަޅަށް ކަމަށާއި، މާޒިޔާގެ ތައްޔާރީތައް ރަނގަޅުވުމުގެ ފައިދާ އެޓީމަށް ލިބުނު ކަމަށެވެ.

"މެޗުގެ ނަތީޖާ ނޫން އެހެން ހުރިހާ ކަމަކަށްވެސް ޖުމްލަކޮށް ވަރަށް ހިތްހަމަ ޖެހޭ. އެބަހުރި ރަނގަޅު ކުރަން ޖެހޭ ކަންތަކާ، ރަނގަޅު ކަންތައްވެސް. ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅެ، އެޓޭކްތަކެއްވެސް އުފެއްދުނު. ނަތީޖާ ނޫން އެހެން ހުރިހާ ކަމެއް ރަނގަޅު. ރަނގަޅު ކުރަން ހުރި ކަންކަމަށް އަޅުގަނޑު ފާހަގަކޮށްފައި ހުންނާނީ ފިނިޝިން ކަހަލަ ކަންކަން. ވަރަށް ގިނައިން މަސައްކަތް ކުރަން ޖެހޭ އޭރިއާއެއް ނަމަވެސް އެކަމަކަށް އެހާ ބޮޑަށް ތައްޔާރު ނުވެވި އޮތީ،" ސުޒޭން ފާހަގަކުރިއެވެ.

މި ސީޒަނަށް ރަނގަޅު ޓްރާންސްފާތަކަކާއެކު ގްރީންއިންވެސް ތައްޔާރުވި އިރު، އެޓީމުގެ ބިދޭސީ ކުޅުންތެރިންނަށް އަދިވެސް އައިޓީސީ ހަމަ ނުޖެހެއެވެ. އަދި ކެޕްޓަން އަސްހަދު އަލީ (އަޑުބަރޭ) ހުރީ އަނިޔާގައެވެ. އިއްޔެގެ ޕްރެސްގައި ސުޒައިން ވަނީ މީޑިއާއަށްވެސް ކޮންމެވެސް ވަރަކަށް ފާޑު ކިޔުން އަމާޒުކޮށްފައެވެ. އެއީ ގްރީން ސްޓްރީޓްސްގެ ކެޕްޓަން، އަދި ޔޫތު މިނިސްޓްރީގެ ނައިބު އަޑުބަރޭ އަނިޔާގައި ހުރި ވާހަކަ މީޑިއާތަކުން ރިޕޯޓް ނުކޮށްވާތީއެވެ. ސުޒޭން ބުނެފައި ވަނީ އެކަންކަން ބަލާ، ރައްޔިތުންނާ ހަމައަށް މައުލޫމާތު ފޯރުކޮށް ނުދެވި އޮތީތީ މީޑިއާތަކަށް ހަމްދަރުދީ ވާކަމަށެވެ.

ސުޒޭން ބުނެފައި ވަނީ އަޑުބަރޭ އެނބުރި ދަނޑު މައްޗަށް އަންނަން މަހެއްހާ ދުވަސް ނަގާނެ ކަމަށެވެ.

ގްރީންއާއި އީގަލްސް ވާދަކުރާ މެޗު އޮންނާނީ މިރޭ 9:00 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކައުންސެލަރު

    ލޮލް ސުޒޭން! ލޮލް!
    ބާވެގެން ޕެޗް ހިއްޕާފައިހުރި ބާސަތަރިގަނޑެއް ނެގުމަށްފަހު އާ ސަތަރިއަކަށް ލޯގޯތައް ޕްރިންޓްކޮށްގެން ގެނެސް، މުބާރާތެއް ކުޅެން 20-30 ބޯޅަ އަހަރެން އަމިއްލަ ޖީބުންވެސް ޚަރަދު ކޮށްލާކަށް މިހިނދުވެސް ފަހަކަށް ނުޖެހޭނެ. މިކަހަލަ ކުދި ކަންކަން ކޮށްފައި، އެތައް މިލިއަން ރުފިޔާގެ ބަޖެޓް ލިބޭ ބޮޑުސިންގާ ތަނެއްގެ ވެރިޔަކު މިބުނަނީ ލައްކަ ކަންތައް ކުރެވުނިއްޔޭމި. އެހެންނު. މީ މިމީހުންގެ ފެންވަރު. މިމީހުން ރަނގަޅުވާނީ ކޮންއިރަކުންބާ؟ ޒިންމާ އަދާކުރާނީ ކޮންދުވަހަކުންބާ؟

    2
    1
  2. ސާކިރު

    ސުޒޭނަކީ ދިވެހި ފުޓްބޯޅައައް ބޮޑެތިގުރުބާނީތަކެއްވީމީހެއް

    3
    1
  3. ހުސޭނުބޭ

    ރީނދޫހުން ގަދަވެ ރޯނާވާ ހިސާބަށް ދިއުމުން ފިރިހެނުން އަންހެނުންގެ ސިފާގައިވެސް ފެންނާނެއެވެ. މީ ވަރަށް ވާހަކަ!

    2
    1