މެންޗެސްޓާ ޔުނައިޓެޑުގެ ގޯލް ކީޕަރި ޑޭވިޑް ޑެހެޔާ އެ ކްލަބުގައި މަޑު ކުރަން ނިންމައި ކޮންޓްރެކްޓް އައު ކުރަން ތައްޔާރު ވަމުން އެބަދެއެވެ.

ފާއިތުވެދިޔަ ސީޒަނަށް ފަހު ޔުނައިޓެޑުން ޑެހެޔާ ދޫކޮށްލާނޭ ކަމަށް ބެލެވުނު ނަމަވެސް އެ ކްލަބުން ވަނީ އޭނާ އަށް އައު ކޮންޓްރެކްޓެއް ހުށަހަޅާފަ އެވެ. ނަމަވެސް ޑެހެޔާ ވަނީ އޭނާގެ މުސާރަ ބޮޑު ކޮށްދިނުމަށް އެދިފައެވެ. އެންމެ ފުރަތަމަ ޔުނައިޓެޑުން މިކަމަށް ދެކޮޅު ހެދި ނަމަވެސް ފަހުގެ ރިޕޯޓްތައް ބުނާގޮތުން ދެފަރާތަށް މިހާރު ވަނީ އެއްބަސް ވުމަކަށް އާދެވިފައެވެ.

މިހާރު ހަފްތާ އެއްގެ މައްޗައް ޑެހެޔާ އަށް 200،000 ޕައުންޑު މެންޔޫ އިން ދެމުން އަންނަ އިރު އައު ކޮންޓްރެކްޓާއި އެކުގައި އޭނާ އަށް 350،000 ޕައުންޑް ލިބިގެން ދާނެއެވެ. މި އަދަދުން ޑެހެޔާ ހިތްހަމަ ޖައްސައިލި ނަމަވެސް އެ ކްލަބަށް ހަފްތާ އެއްގެ މައްޗައް 500،000 ޕައުންޑު ލިބޭ ގޮތަށް އެލެކްސިސް ސަންޗޭޒް ގެނައި ފަހުން ޑެހެޔާ އަންނަނީ އެވަރުގެ މުސާރަ އެއް ހޯދަން މަސައްކަތް ކުރަމުން ކަން ފާހަގަ ކޮށްލެވެއެވެ.

ޔުނައިޓެޑުގެ ކޯޗު ވަނީ މީގެ ކުރިން ރެއަލް މެޑްރިޑުން ޑެހެޔާއަށް ޝައުގުވެރި ވާނޭ ކަމަށް ބަލައިފައެވެ. ނަމަވެސް ޒިދާން ޑެހެޔާ ހޯދުމަށް މަސައްކަތް ނުކުރުމުން އެ ކްލަބުން ވަނީ 5 އަހަރު ދުވަހުގެ ކޮންޓްރެކްޓެއް އޭނާ އަށް ހުށަހަޅަން ނިންމައިފައެވެ.

2011 ވަނަ އަހަރު ޔުނައިޓެޑާ ގުޅުނު ޑެހެޔާ އަކީ އެ ކްލަބުގެ ގިނަ ސަޕޯޓަރުންގެ ލޯބި ހޯދާފައިވާ ކީޕަރެއް ކަން ފާހަގަކޮށްލެވެއެވެ.